ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ޗައިނާ އާއި ރާއްޖެއާ އޮތް ގާތް ގުޅުން އޭނާގެ ވެރިކަމެއްގައިވެސް އޮންނާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި ރޭ އޭދަފުށީގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ، ޗައިނާއާއި އެކީގައި، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބޭއްވީ ވަަރަށް ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ މި ގައުމަށް ފައިދާ ހުރި ގޮތެއްގައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިނިވަންކަމާއި ނުބެހޭ، އަޅުގަނޑުމެންގެ ގައުމަށް ލިބުނީ ކުރިއެރުން، އެހެންވީމަ އެ ގާތް ގުޅުން އެ ގޮތުގައި އޮންނާނެ. އެގޮތަށް ބޭއްވީމަ އަޅުގަނޑުމެންނަށް ލިބޭނީ ކުރިއެރުން، ޗައިނާއަކުންނެއް އަޅުގަނޑުމެންގެ މިނިވަންކަމަށް ބުރޫ އަރާނެ އެއްވެސް ކަމެއް ޒައްރެއްގެ މިންވަރުވެސް ކޮށްފައެއް ނެތް.".

އިދިކޮޅު ކޯލިޝަނުން ރޭ އޭދަފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މުއިއްޒު ވިދާޅުވީ، މި ގައުމުގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ގަބޫލު ކުރާނެ ކަމެއް ނޫނެވެ. އަދި ހާރިޖީ ސިޔާސާތު ބައްޓަން ކުރެވޭނީ އެގޮތަށް ކަމަށާއި، މި ގައުމަކީ މިނިވަން މުސްތަގިއްލު ގައުމެއްކަންވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

"ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާ އެއްވެސް ކަމެއް ކުރުމަކީ އަޅުގަނޑުމެން އެއްބަސް ވާނެ ކަމެއް ނޫން.".

މިގޮތުން މުއިއްޒު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އޭނާ އިންތިހާބު ކޮށްފިނަަމަަ ސަރުކާރާއި ހަވާލުވާ ދުވަހު، މި ގައުމުގައި ތިބި ބޭރު ގައުމުތަކުން ސިފައިން މި ގައުމުން ބޭލުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"އެއީ ވާހަކަ ދައްކައިގެން، ރީތި ގޮތުގައި، ޑިޕްލޮމެސީގެ ބޭނުންކޮށްގެން، އަޅުގަނޑުމެންވެސް ކަންކަން ކުރަން ޖެހޭ އުސޫލުން ކަންކަން ކުރީމަ، ހަމަ ކާމިޔާބު ވާނެ، އަޅުގަނޑަށް ޔަގީން އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބު ވާނެ.". މުއިއްޒު ވިދާޅުވިއެވެ.

އަދި މި ގައުމުގެ މިނިވަންކަމަށް އެއްވެސް ވަރަކަށް ބުރު އެރުމަކީ ކުރާނެ ކަމެއް ނޫން ކަމުގައި ވާނަމަ އެފަދަ ހުރިހާ ގައުމުތަކާއިއެކު އޮންނަން ޖެހޭ ގާތް ގުޅުން އޮންނާނެ ކަަމަށާއި، ތަފާތު ކުރުމެއްވެސް ނޯންނާޏެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"ބޮޑު ގައުމެއް، ކުޑަ ގައުމެއް ނުބަލާ، ހުރިހާ ގައުމުތަކާއި އެކީގައި އަޅުގަނޑުމެންގެ އޮނިގަނޑުގެ ތެރޭގައި އަޅުގަނޑުމެން ބާއްވާނީ ގާތް ގުޅުން، މި ގައުމުގެ މިނިވަން ކަމަކަށް ބުރު އެރުމެއް ނެތި، މި ގައުމުގެ އެތޭރެގެ ކަންކަމާއި ނުބެހި އަޅުގަނޑުމެންގެ މިނިވަން ކަމުގައި އަޅުގަނޑުމެންގެ އަމިއްލަވަންތަކަމުގައި ކުރިއަށް ދިއުމުގައި ދެބަސްވުމެއް ނެތި، އަޅުގަނޑުމެންނާއި ގުޅުން ބާއްވަން ބޭނުންވާ ހުރިހާ ގައުމަކާއި އެކީގައި ގާތް ގުޅުމެއް އޮންނާނެ.". މުއިއްޒު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ އޭދަފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މިގޮތުން ހަމަތަކާއި ހުދޫދުގެ ތެރެއިން އަވައްޓެރިން ގައުމުތަކަކީ އަވައްޓެރިންގެ ގޮތުގައި ބަލައިގަންނާނެ ކަމަށްވެސް މުއިއްްޒު ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަނަކީ ކަންކަން އެނގޭ ބައެއް ކަމަށާއި، ކަންކަން ކުރިއަށް ގެންދިއުމުގައި ހަމަތަކާއި، ކަންކަން ނުކުރަންވީ ގޮތް އެނގޭ ބައެއް ކަަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މި ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް ކޮށް، ގައުމު އިސް ކުރައްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"ހެދިފައި ހުންނަ އަޑި ނޭނގޭ ގައުމީ ސަލާމަތަށް ނުރައްކާވަނީއޭ ކިޔާފައި ހާމަ ނުކުރާ އެގްރީމެންޓްތައް ބަލާނަން، އެ އެގްރީމެންޓްތައް ބަލާ، އެ އެގްރީމެންޓްތަކުގައި ހުރީ ކޮން އެއްޗެއްތޯ ރަނގަޅަށް ދަސްކޮށް، ރައްޔިތުންނަށް އޭގެން ފައިދާ ނުވާ ކަމެއް ވިއްޔާމުން ރަނގަޅު ކުރާނަން، ރައްޔިތުންނަށް ފައިދާ ވާގޮތަށް ބަދަލުކޮށްގެން، ރައްޔިތުންނަށް ފައިދާވާ ހުރިހާ މަޝްރޫއެއް ކުރިއަށްގެންދާނީ.".

އޭގެ އިތުރުން، މިއީ މުސްލިމް ގައުމުއް ކަމަށާއި، އަބަދުވެސް ގާތްގުޅުން މުސްލިމް އަދި އަރަބި ގައުމުތަކާއި ބާއްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް މި ފަސް އަހަރު މި ދަނީ ވަރަށް ދެރަވަރުކޮށް ކަމަށާއި، އޭނާގެ ވެރިކަމެއްގައި އަރަބި އިސްލާމީ، ގައުމުތަކާއި އެކީގައި ވަރުގަދަ ގާތް ގުޅުމެއް އުފައްދާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޗައިނާއާ ރާއްޖެއާ އޮންނަ ގުޅުން މހާރުވެސް ކުޑައެއްނޫނޭ. ކަލޭމެނަށް ބަޔަކު މޮޔަ ހެއްދޭނީވެސް ވަކިވަރަކަށް

    6
    12
  2. ފަލަސްތިން

    އިންޑިޔާ ބޭރުކުރަން ޖެހޭ

    11
  3. އެއްބުރުން 4

    ތިޔަކަން އެނގޭތާ މިދިޔަކޮވިޑުތެރޭގަވެސް ވެކްސިންއާއި އެހެނިހެން އެހީތައްވެދެންއެދުނީމަވެސް އެކަންބޮލާލާވިއްޔަޖެހީ ބަޔަކާދެން ގުޅުން ރަނގަޅުވާނީ މިހާކައްވަރައް ކޮންބަޔަކައް އޮޅުވާލަންވެގެންތޯ ތިޔައުޅެނީ އަމިއްލައައް އޮޅުވާލެވިދާނެ އަހަރެމެންނަކައްނޯޅޭނެ. ޝުކުރިޔާ ޑރ މުއިއްޒު

  4. އެއްބުރުން 4

    ތިޔަކަން އެނގޭތާ މިދިޔަކޮވިޑުތެރޭގަވެސް ވެކްސިންއާއި އެހެނިހެން އެހީތައްވެދެންއެދުނީމަވެސް އެކަންބޮލާލާވިއްޔަޖެހީ ބަޔަކާދެން ގުޅުން ރަނގަޅުވާނީ މިހާކައްވަރައް ކޮންބަޔަކައް އޮޅުވާލަންވެގެންތޯ ތިޔައުޅެނީ އަމިއްލައައް އޮޅުވާލެވިދާނެ އަހަރެމެންނަކައްނޯޅޭނެ. ޝުކުރިޔާ ޑރ މުއިއްޒު އަޅުގަނޑުމެން ބޭނުމީ ތިޔަފަދަ ޤައުމުދެކެލޯބިވާވެރިއެއް