ޗައިނާގެ އިތުރު އެއާލައިންއަކުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

މި ފަހަރު ދަތުރުތައް ރާއްޖެ ފަށަނީ ޗައިނާގެ ސިޗުއާން އެއާލައިނެނެވެ.

ޗައިނާގެ އެންމެ ފާހަގަކޮށްލެވޭ އެއާލައިންތަކުގެ ތެރޭގައި ސިޗުއާން އެއާލައިން ހިމެނޭ އިރު، އެ އެއާލައިނުން މިހާރު މަސައްކަތް ކުރަމުން ދަނީ އަންނަ މަހުގެ 28 ވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ފެށުމަށެވެ.

އެއީ ހަފްތާއަކު ތިން ފްލައިޓް މާލެއިން ޗައިނާގެ ޗެންދޫއާ ދެމެދު ދަތުރު ކުރާ ގޮތަށެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަން ފެށީ މިދިޔަ ޖެނުއަރީ މަހުން ފެށިގެންނެވެ.

އެންމެ ފުރަތަމަ ޗާޓަރު ދަތުރުތައް ޗައިނާގެ ބެއިޖިން އެއާލައިނުން ފެށިއިރު އޭގެ ފަހުން ޗައިނާގެ އީސްޓާން އެއާލައިންގެ ދަތުރުތައް ވެސް ވަނީ ފަށައިފައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ ހަތަރު ވަނައަށް ޗައިނާ މިހާރު ވަނީ އަރައިފައެވެ.

މި މަހު ކުރީކޮޅު އާންމު ކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ޗައިނާގެ 67،822 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައީ ވެސް ޗައިނާއިންނެވެ. އެގޮތުން އެ މަހު އެ ގައުމުން 17،028 ޗައިނާ ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ބަލާއިރު އަހަރު ނިމޭއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެމިލިއަން ހުރަސް ކުރުން ވެސް އެކަށީގެންވެއެވެ.