މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،086،074 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް 1،086،074 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރު މި މުއްދަތަކާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 955،502 ފަތުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ މިހާތަނަށް ދުވާލަކު އެވްރޭޖްކޮށް 5،075 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

މިއަހަރު ޖުލައި މަހު ރާއްޖެ އައިސްފައިވަނީ 145،629 ފަތުރުވެރިންނެވެ. އަދި މި މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 10،838 ފަތުރުވެރިންނެވެ.

މިއަހަރު މިހާތަނަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ރަޝިޔާ އިންނެވެ. އެގައުމުން 128،404 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވެއެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވަނީ އިންޑިއާއިންނެވެ. އެއީ 123،151 ފަތުރުވެރިންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޗައިނާއިން ރާއްޖެ އަށް 94،476 ފަތުރުވެރިން އައިސްފައި ވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ބަލާއިރު އަހަރު ނިމޭއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދެމިލިއަން ހުރަސް ކުރުން ވެސް އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ތި ބައިގަނޑެއް އައިސްގެން އާއްމު ރައްޔިތުންނަށް ވަނީ ކޮން ފައިދާއެއް؟ ރައީސް އޮފީހުން އަންގައިގެން މި އަދަދު އަޕްޑޭޓު ކުރުމަކީ ރައްޔިތުންގެ މޫނުގަ ޖެހޭ ތަފާއްޔެއް.