ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ ޓޫރިސްޓުން މޫދަށް އެރި އުޅުމުގައި ސަމާލުވާން ޗައިނާ އެމްބަސީން އިލްތިމާސްކޮށްފި އެވެ.

ޗައިނާ އެމްބަސީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަންނަ ޗައިނާ މީހުން މޫދަށް އެރި އުޅުމުގެ ތެރޭ ހިތާމަވެރި ހާދިސާތައް ދަނީ ހިނގަމުންނެވެ. އެކަމާ ޗައިނާ އެމްބަސީން ވަނީ ކަންބޮޑުވުން ފާޅުކޮށް ޗައިނާގެ ޓޫރިސްޓުން މޫދަށް އރރި އުޅުމުގައި ދިމާވެދާނެ ހާދިސާތަކަށް ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި މޫދަށް އެރި އުޅުމުގައި ޗައިނާގެ 3 ޓޫރިސްޓަރު ގެނބިގެން ވަނީ މަރުވެފައެވެ. އެކަމާ ގުޅިގެން ޗައިނާ އެމްބަސީން އެ ގައުމުގެ ޓޫރިސްޓުންނަށް ކުރި އިލްތިމާސްގައި ވަނީ މޫދަށް އެރި އުޅުމުގައި މިޔަރު ދަތް އެޅުމުގެ ހާދިސާތައް ވެސް ހިނގާފައިވާ ކަމަށް ބުނެފައެވެ.

އެހެންކަމުން ފުން ހިސާބުތަކަށް މޫދަށް އެރުމުގެ ކުރިން އެ ސަރަހައްދަކީ މިޔަރު އުޅޭ ސަރަހައްދެއްތޯ ބެލުމަށާއި މޫސުމަށް ސަމާލުވުމަށް އަދި މުދަލަށް އަމިއްލައަށް ރައްކާތެރިވުމާއި ރާއްޖެއަށް އެކަނި ދަތުރުނުކުރުމާއި ވަކިން ހާއްސަކޮށް ބަލިވެ އުޅޭ ނަމަ، ދަތުރުނުކުރަން އެމްބަސީން ވަނީ ބާރުއަޅާފައެވެ.

ބަލިވެއުޅޭނަމަ ރާއްޖެއަށް ދަތުރުނުކުރުމަށް ޗައިނާ އެމްބަސީން އިލްތިމާސްކުރީ ރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި ސިއްހީ ހިދުމަތުގެ ގާބިލުކަން ކުޑަ ގައުމެއް ކަމަށްވާތީއެވެ.

ކޮވިޑް-19 އާ ގުޅިގެން ޗައިނާ ޓޫރިސްޓުން ދަތުރުކުރުން މެދުކަނޑާލުމަށް ފަހު ރާއްޖެއަށް ދަތުރުކުރަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުގަ އެެވެ.