ހަޔާ އެޑިއުކޭޝަން މެނޭޖްމަންޓް ޕޯޓަލެއް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށާއި މިއަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވުމާއި އެކުގައި މިނިސްޓުރީގެ މަސައްކަތްތައް ކުރިޔަށް ވުރެ އަވަސް ވެގެންދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިޕޯޓަލްގެ ޒަރީއާއިން މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމުގައި ބޭނުންވާ ހުރިހާ ތަފާސްހިސާބެއް މެނޭޖްކުރުމާއި އޮފީސް މަސައްކަތްތައްވެސް ކުރެއްވޭނެކަން ފާހަގަ ކުރައްވާ މިނިސްޓަރ އިތުރަށް ވިދާޅުވީ އޮފީސް މަސައްކަތުގައި ސިޓީ ރޫޓްކުރުމާއި އެކަން ކުރަނީ ކާކު ކަމާއި އެމަސައްކަތެއް ކުރުމަށް ނަގާނީ ކިހާ މުއްދަތެއްކަން އެނގިގެންދާނެކަމަށެވެ.

ޑރ. އިބްރާޙިމް ހަސަން މިހެން ވިދާޅުވީ ރޭ "ރާއްޖެ ޓީވީ"އިން ގެނެސްދިން ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ. އޭނާ ދެއްކެވި ވާހަކަފުޅުގައި އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ޕޯޓަލާއިއެކުގައި މިނިސްޓްރީގެ މަސައްކަތަށް އާދަޔާ ހިލާފު ކުރިއެރުމެއް އަންނާނެއެވެ.

މީގެއިތުރުން މިހާރު ގާއިމުވެފައިވާ ސްޓޫޑެންޓް ޕޯޓަލް އާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ އެ ޕޯޓަލް މެދުވެރިކޮށް ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން އެއްކުރާ ތަފާސްހިސާބާއި ގުޅޭ މައުލޫމާތުތައް އެއްކުރުމާއި ބެލެހެއްޓުމާއި ބޭނުންކުރުމުގައި ފަސޭހަތަކެއް ވެގެންގޮސްފައިވާ ކަމަށާއި ކުރިން ޔުނިވަރސިޓީތަކާއި ކޮލެޖްތަކުން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅާ އަހަރީ ތަފާސްހިސާބުތަކުގެ ހާޑުކޮޕީގެ ބަދަލުގައި ޕޯޓަލްގެ ތެރެއިން އެކަންކަން ކުރެވިގެންދާނެ ކަމަށެވެ.

"މީގެން ލިބޭ އެއް ފައިދާއަކީ ވަގުތުން ތަފާސްހިސާބުތައް އަޕްޑޭޓްވެފައި ހުރުން. ކަންކަމުގައި ޕޮލިސީ ކަނޑައަޅާއިރު ތަފާސްހިސާބަށް ރިޢާޔަތްކުރަންޖެހޭ ހާލަތުގައި ފަސޭހައިން ރިޕޯޓްތައް ޖެނެރޭޓްކުރެވޭ. ކުރިން މިނިސްޓްރީގައި އެކްސެލް ޝީޓެއްގައި އެކަންކުރީ. އެހެންވީމާ އެއީ ވަރަށް ބުރަ ގިނަ ވަގުތު ނަގާކަމެއް އެހެންވީމާ ވަކި ކަމެއްގެ މައުލޫމާތު ހޯދަން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ. އޭގެ މައްޗަށް ބިނާކޮށް ޕޮލިސީ އެކުލަވާލަން ވީމާ ނަގާނެ ވަގުތު ވަރަށް ގިނަ. މިއީ ވަރަށް ބޮޑު ފަސޭހައެއް." މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    ވަކިބައެއްގެ މުށުތެރޭގައި އޮތް ވިޔާފަރިއެއް. އެންމެނަށް މިކަމުގެ ތެރެއަށް ވަދެވޭނެ ގޮތެއް ހޯދަން ޖެހޭ. އޭރުން ކޮލިޓީ ހިފެއްޓޭނީ. ޕޯޓަލް އެއްނޫން ނެތިގެން މި އުޅެނީ.