އަމިއްލަ ނަފްސަށް އިތުބާރު ނުކުރާނަމަ ދިރިއުޅުމާއި ވަޒީފާގެ މާހައުލުގައި ކުރިއެރުމެއް ނުލިބި، ގެއްލިފައި ހުންނަ މީހަކަށް ވެގެން ހިނގައިދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ބިޒްނަސް ސްކޫލްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވަޒީފާގެ ދާއިރާއަކީ ވާދަވެރި ދާއިރާއެއް ކަމުން އަމިއްލަ ނަފްސަށް އިތުބާރު ނުކުރާ މީހަކަށް އެފަދަ ވާދަވެރި މާހައުލެއްގައި ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.

"ވަޒީފާގެ ދާއިރާއަކީ ވާދަވެރި ދާއިރާއެއް. ވަޒީފާގެ މާހައުލަކީ ވާދަވެރި މާހައުލެއް. ތިމާއަކީ އަމިއްލަ ނަފްސަށް އިތުބާރު ނުކުރާ، ސެލްފް ކޮންފިޑެންސް ނެތް މީހެއްނަމަ، ފަހަރުގަ ވަރަށް ފަސޭހައިން ތިމާއަކީ ވަޒީފާގެ މާހަލުއުގައި ގެއްލި، ކަނަކަށް ގެއްލިފައި ހުންނަ މީހަކަށް ވެގެން ހިނގައިދާނެ"، މިނިސްޓަރު ވިދާޅުވިއެވެ.

ބުރަ މަސައްކަތްތަކަކާއި ގިނަ ހަރަދުތަކެއްކޮށް ދަސްވެނިވެގެން ވަޒީފާގެ މާހައުލަށް އެނބުރި ދާއިރު، އެކުގައި އުޅޭ މީހުންނަށް ކިޔެވި ކިޔެވުމުގެ ސަބަބުން ތިމާއަށް ތަފާތެއް އައިސްފައިވާކަން އިހުސާސް ވުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ލިބުނު ތައުލީމުގެ ބޭނުން މަސައްކަތުގެ ދާއިރާގައި ބޭނުންކުރެވޭނެ ގޮތްތަކާއި މެދު ވިސްނައި އެކަންކަން ދެނެގަތުން މުހިއްމުކަމަށް ވިދާޅުވިއެވެ. އަދި ކިޔެވުމުގެ ތެރެއިން ލިބޭ ތައުލީމާއި ހުނަރު ވަޒީފާގެ މާހައުލުގައި އީޖާދީ ގޮތްގޮތުން އެންމެ ފުރިހަމައަށް ބޭނުންކުރުމަކީ ދިރިއުޅުމާއި، ވަޒީފާގެ މާހައުލުގައިވެސް ތިމާ ކުރިއަރައިގެން ދިއުމަށް މުހިއްމު ކަމެއްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދިރިއުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ކަންކަމާއި މެދު ފައްސިކޮށް ވިސްނުން މުހިންމު ކަމަށެވެ. އެގޮތުން ކަންކަމާއިމެދު ފައްސިކޮށް ވިސްނާ މީހަކަށް ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަވާނެކަމަށް ވިދާޅުވިއެވެ.

އާދީއްތަ ދުވަހުގެރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ބިޒްނަސް ސްކޫލްގައި އެކި ދާއިރާތަކުން ޑިޕްލޮމާއިން ފެށިގެން މާސްޓަރސްް އާއި ހަމައަށް ތަޢުލީމު ހާސިލްކުރި 155 ދަރިވަރަކު ދަސްވެނިވެފައިވެއެވެ.