ތިމާގެ ސަބަބުން މުޖުތަމައަށް ހެޔޮ ރަނގަޅު ބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ރޭ މެޕްސް ކޮލެޖުގެ ގްރެޖުއޭޝަން ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދަސްވެނިވެގެން ނިކުންނައިރު ތިމާއާއި އެހެން މީހުންނާއި ތަފާތުވާން ޖެހޭނެ ކަމަށާއި ތިމާ މަސައްކަތް ކުރާ މާހައުލުގައި ތިމާއަކީ މިހާރަށްވުރެ އިތުރަށް އިލްމު އުނގެނި ހުރިމީހެއްކަން އެހެންމީހުން ލައްވާ ބުނުވަން ޖެހޭނެ ކަމަށެވެ.

އެބަދަލު ނުގެނެވޭ ކަމުގައިވާނަމަ ތައުލީމުގެ ބޭނުމެއް ނެތްކަމަށާއި ތައުލީމު ހޯދަނީ ތަހުޒީބު ދިރިއުޅުމެއް އުޅެވޭތޯ ބެލުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މުޖުތަމައަށް ނުކުމެ މަސައްކަތް ކުރާއިރު އަބަދުވެސް މަސައްކަތް ކުރަންވާނީ ތިމާގެ ސަބަބުން ކޮންމެވެސް ކަހަލަ ހެޔޮ ބަދަލެއް މުޖުތަމައަށް ގެނެވޭތޯ. ތައުލީމު ހޯދަން ހޭދަކުރާ ދުވަސްތަކަކީ މުހިއްމު ދުވަސްތަކެއް. އެދުވަސްތައް މުހިއްމުވަނީ ތައުލީމާއި ހުނަރު އަދި ތައުލީމު ހޯދާ ދާއިރާއިން އެހެންމީހުންނާއި ގުޅިގެން ގާތްކަން އުފައްދަން ލިބޭ ދާއިރާއަށްވާތީ." މިނިސްޓަރު ވިދާޅުވިއެވެ.

ތައުލީމު ހޯދަން ހޭދަކުރާ ދުވަސްތަކަކީ ތިމާގެ ޕާސަނަލިޓީއާއި ކެރެކްޓާ ބައްޓަންވެގެންދާނެ ދުވަސްތަކެއް ކަމަށާއި ތިމާއަށް ޒަމާންވީ ރައްޓެހިން ވެސް ހޯދަން ލިބޭ ދުވަސްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ތައުލީމު ހާސިލުކުރާ ދާއިރާއިން އެހެންމީހުންނާއި ގުޅި ގާތްކަން ލިބޭ ފުރުސަތަކަށް އެ ދުވަސްތައް ވެގެންދާނެ ކަމަށެވެ. ކޮލެޖެއްގައި ތައުލީމު ހޯދަން މަސައްކަތް ކުރާ ދުވަސްވަރަށްވުރެ ވަކިން އުފާވެރި ދުވަސްތަކެއް ހަޔާތުގައި ނާންނާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މީހުން ބިނާކުރުމުގައި ޕްރައިވެޓް ސެކްޓާ އިން ކުރަމުންދާ މަސައްކަތްތަކުގެ އަގު ސަރުކާރުން ވަޒަންކުރާ ކަމަށާއި ރާއްޖެއަށް މީހުން ބޭނުންވެފައިވާ ދާއިރާތަކަށް މީހުން ބިނާކުރުމަކީ ސަރުކާރަށް އެކަނިކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގެ ކޮލެޖުތަކުން ސަރުކާރާއި އެކީ މަސައްކަތްކުރާކަމަށާއި ގައުމަށް ލިބެމުންދާ ރޯޝަނީ ދުވަސްތަކަކީ އެންމެން ގުޅިގެން ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮރީސަރ

    ދެރަވޭ މިހެން ބުނަންވެސް. އެކަމަކު ތިޔަބުނާ ތަޢުލީމެއް ހޯދަން އުމުރުގެ ބޮޑު ބަޔެއް ހޭދަކޮށްފައި، ތަޢުލީމު އުނގެނިގެން އައިސް ގައިބާރުހުރިދުވަހު އެތައް ބަޔަކަށް އެ ތަޢުލީމުގެ ބޭނުންހިފައިގެން ކިޔަވައިދީފައި އެތައް ދަހަރަކު އެތައް ޚިދުމަތެއް އެތައް ދާއިރާޔެއްގައި ޤައުމަށް ކޮށްދީފައި، ގައިބާރުދެރަވީ ދުވަހު ހާޓު މައްސަލަޔެއް ޖެހިގެން ޑޮކްޓަރު ލަފާގެ މަތިން އިސްތިއުފާ ދީފާ އިސްތިއުފާދީފައި ނިކުންނަ މީހާޔަށް ރިޓަޔަރމަންޓުވެސް ނުދިނީމާ، ބަނޑުފުރާނަމުއްތިކުރަން މަގުމައްޗަށް ދަމާކަނޑަން ނިކުންނަން މަޖުބޫރުވީމާ، ދެން އެމީހާ ތިވިދާޅުވާހެން އުޅޭނީ ކިހިނެއްތޯ؟ ސަލާންޖަހަން ނިކުންނަން ވީތޯ؟ ދެން އެއިން ޒުވާނުންނަށް އެދެވެނީ ކޮން ފިލާވަޅެއްތޯ؟ ތަޢުލީމު އުނގެނިގެން ޚިދުމަތްކުރާށޭތޯ؟ ނޫނީ އެ ނޫން ގޮތަކަށް ދިރިއުޅުން ތަނަވަސްކުރަން އުޅޭށޭތޯ؟ ވާހަކަޔެއް ދައްކަވާއިރު ކަމުގެ އެކޮޅުމިކޮޅު ދިމާވާގޮތަށް ދައްކަވަންވީނޫންތޯ؟