ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ ރައްޔިތުންގެ ލިސްޓު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފިއެވެ.

އިންތިޚާބުތަކުގައި އަމަލު ކުރަމުންދާ އުސޫލަށް ބަލާއިރު، ވޯޓާސް ލިސްޓަށް ދެ ފަހަރެއްގެ މަތިން ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައެވެ. މިއީ މި އިންތިޚާބަށް އެ ފުރުސަތު ހުޅުވާލި ދެވަނަ ފަހަރެވެ.

އެންމެ ފުރަތަމަ ވޯޓާސް ލިސްޓު އާންމު ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ. އެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަށް ބެލުމަށް ފަހު ގެނެވުނު ބަދަލުތަކާއި އެކު މިއަދު ވޯޓާސް ލިސްޓު އާންމު ކުރިއެވެ.

މި ލިސްޓު ސަރުކާރުގެ ގެޒެޓުގައާއި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގެ އިތުރުން، ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. ކޮމަންޑޫއާއި، އެ އަތޮޅު ފޯކައިދޫއާއި މަރޮށި ކައުންސިލްގެ އިދާރާގައި ވެސް ފެންނަން ހުންނާނެއެވެ.

މި ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެނދުނު 8:00 ޖަހާއިރުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޯމު ފޮނުވައިގެންނެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

މި ދާއިރާއަށް އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި، އަލަށް އުފެއްދި އެމްއެންޕީން ވެސް ވާދަކުރެއެވެ. ތިން ޕާޓީން ވެސް މިހާރު ކެމްޕޭން ހަރަކާތްތައް ވަނީ ފަށާފައެވެ.