އައްޑޫސިޓީގައި ހިންގަމުން އައި ކެނެރީފް ރިސޯޓު މި މަހުގެ 15 ގައި ހުޅުވުމަށް ނިންމާފައިވާ ކަމަށް އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ކެނެރީފް ރިސޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވާ ކަމަށާއި ކުރިން ރޭވިފައިވާ ގޮތަށް އެ ރިސޯޓު މިމަހުގެ 15 ވަނަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށެވެ.

ނިޒާރު އިތުރަށް ވިދާޅުވީ، ކެނަރީފް ރިސޯޓު ހުޅުވުމަށް ވެފައިވާ ތައްޔާރީތައް ވަރަށް ވެސް ފުރިހަމަ ކަމަށެވެ.

ކެނެރީފް ރިސޯޓު މިމަހުގެ 15 ގައި ހުޅުވުމަށް ނިންމާފާއިވާއިރު، އެރިސޯޓުން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެކި މުވައްޒަފުން ނެގުމަށް އިއުލާންކޮށްފައެވެ.

ކޮވިޑް-19ގެ ސަބަބުން މާލީ ހާލާތު ދަށްވެ އެ ރިސޯޓު ބަންދު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭރު ރިސޯޓު ބަންދު ކުރުމުގެ ސަބަބުން އެތަނުގައި ވަޒީފާ އަދާ ކުރަމުން ދިޔަ އައްޑޫގެ ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ.

އައްޑޫ ކައިރި ރިސޯޓްތައް ބަންދުކޮށްފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ތަންތަން ނުހުޅުވުމުގެ ސަބަބުން އެތަންތަނުގައި ވަޒީފާ އަދާ ކުރަމުންދިޔަ އައްޑޫ ގިނަ ރައްޔިތުންތަކެއް ޝަކުވާކޮށްފައި ވެއެވެ. އަދި އައްޑޫގެ ފަންނުވެރިންނާއި ދަނޑުވެރިންނަށްވެސް ގެއްލުންތަކެއް ވިއެެވެ.