ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ މިރޭ ގައުމަށް ފުރާވަޑައިގެންފިއިވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ވަންގް ޔީ ރާއްޖެ ވަޑައިގެންފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

މި ދަތުރުފުޅުގައި ވަންގް ޔީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ ވާހަކަތަކުގައި ބައިވެރިވެވަޑައިގެން އެއްބަސްވުންތަކެއްގައި ވެސް ސޮއި ކުރައްވާފައެވެ.

ކޮންމެ އެއްބަސްވުމެއްގައި ސޮއިކުރެއްވީ ދެ ގައުމުގެ ފަރާތުން ވެސް އެ ދާއިރާއަކާއި ގުޅުން ހުރި ވުޒާރާއެއްގެ އިސް ބޭފުޅެކެވެ.

ސިއްޚީ ދާއިރާގެ އެއްބަސްވުން

  1. ލޮލުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ކްލިނިކަކާއި ކޭމްޕެއް މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ހިންގާނެއެވެ. މި އެއްބަސްވުމުގައި ފުރަތަމަ ފިޔަވަހި ސޮއިކުރެވުނީ 2019 ވަނަ އަހަރުގައެވެ. އޭރު ސޮއެކުރެވުނު ދެ އަހަރުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ ލޮލުގެ ފަރުވާދޭ ޚާއްސަ ކޭމްޕެއް ހިންގާފައިެވެ. މިއަދު ސޮއިކުރެވުނީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ސޮއިކުރެވުނު އެއްބަސްވުމެކެވެ.

އިގްތިސާދީ ގޮތުން ހިލޭ އެހީދިނުމުގެ އެއްބަސްވުން

މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 968 މިލިއަން އެއްލައްކަ ނުވަދިހަ ހަތް ހާސް ހަ ސަތޭކަ އެކާވީސް ރުފިޔާ (62.8 މިލިއަން އެމެރިކާ ޑޮލަރު/400 މިލިއަން ޔުއާން) ގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދޭނެއެވެ. މިއީ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީ ހޭދަކުރަން ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީއެކެވެ.

ވިސާ އެގްޒެމްޝަން އެއްބަސްވުން

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެއެވެ. ދިވެހިންނަށް ޗައިނާއަށް ދިއުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ. އަދި މި އުސޫލަށް އަމަލުކުރަން ފަށާނީ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށް އެއްބަސްވުމުގައިވެއެވެ.

ސިނަމާލެ ބްރިޖްގެ ބެލެހެއްޓުމުގެ އެއްބަސްވުން

ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ. ބްރިޖް ދިވެހި ސަރުކާރާ ހަވާލުކުރުމަށް ފަހު ދެ އަހަރުގެ މުއްދަތަކަށް ބްރިޖްގެ މަރާމާތުގެ މަސައްކަތް ބެލެހެއްޓުމަށް ޗައިނާއާއެކު ކުރިން ވެވުނު އެއްބަސްވުމުގައިވެއެވެ. އާ އެއްބަސްވުމުގެ ދަށުން މި މަސައްކަތް ޗައިނާއިން އަނެއްކާވެސް ކުރިއަށް ގެންދާނެއެވެ.

5 ރަށެއްގައި މައިކްރޯގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް

މި އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ގާއިމް ކުރެވޭނެއެވެ. މި ޕްރޮޖެކްޓަކީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.