ފާރިސް މައުމޫން – ވަގުތު އިމޭޖްސް : އަމީން ފަހުމީ
ފާރިސް މައުމޫން – ވަގުތު އިމޭޖްސް : އަމީން ފަހުމީ

ޝަހުސު އޮޅުވާލި މައްސަލަ ސާބިތުވެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހަަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކޮށްފިއެވެ.

މި ހުކުމް ހައިކޯޓުގައި ފާރިސްގެ ފަރާތުން އިސްތިއުނާފް ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ދައުލަތުން ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ ކުރީ 2017 ވަނަ އަހަރުގެ މާޗް 22 ވަނަ ދުވަހު ބައެއް ސިޔާސީ ޕާޓީތަކުން މޫކައި ސޫޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބައިވެރިވިއިރު ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކޮށްފައި ވާތީ، އާއި އަދި ޕީޕީއެމް ތަމްސީލްކޮށް އޭނާ ވާހަކަ ދައްކާފައި ވާތީއެވެ.

ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގައި ވިދާޅުވީ ފާރިސް ޝަހުސު އޮޅުވާލާފައިވާ ކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން ޝައްކެތް ނެތް މިންވަރަށް ޝަރީޢަތައް ސާބިތުވާތީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރީ ކަމަށެވެ.

ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ޕީޕީއެމް އިން ފާރިސް މަޢޫމޫން ވަކިކޮށްފައި ވަނިކޮށް، 2017 މާރިޗު 22 ވަނަ ދުވަހު ބައެއް ސިޔާސީ ޕާޓީތަކުން މޫކައި ސޫޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކޮށްފައިވާކަން ސާބިތުވާ ކަމަށާއި، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް އިށީންދެގެން އިން ގޮނޑިއާއި ދިމާލު ފަހަތުގައި ޕީޕީއެމްގެ ލޯގޯ ޖެހި ދިދަ ބަހައްޓާފައި ހުރިކަން އަދި ޕީޕީއެމް ތަމްސީލު ކޮށް ފާރިސް ވާހަކަ ދައްކާފައިވާކަން މި މައްސަލައިގައި ހެކިބަސް ދިން "ސިއްރު ހެކި 1" އަދި "ސިއްރު ހެކި 2' ގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ

ފާރިސް މަޢުމޫން ޕީޕީއެމް އިން ވަކިކުރަން އެ ޕާޓީން ނިންމި ނިންމުން އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ފާރިސް އިސްތިއުނާފު ކޮށްފައި ނުވާއިރު، ޕީޕީއެމް އިން ވަކި ނުކުރެވޭނެ ކަމަށްބުނެ ފާރިސް ސިވިލް ކޯޓަށް ވެއްދި މައްސަލައިގައި ވަކި ގޮތެއް ކަނޑަނާޅަނީސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށްބުނެ ފާރިސް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްފައި ވުމުން އެ ނިންމުމަށް ފާރިސް ތާއީދު ކުރާކަން ހާމަވާކަމަށްވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެއެވެ.

މި މައްސަލަ ފާރިސްގެ މައްޗަށް ސާބިތުވިއިރު އޭނާގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ނިކަމެތިންނަށް ރަޙުމުކުރުން އޮވެއެވެ. އެއީ ނިކަމެއްޗެއްނަމަ އެމީހަކަށް ރަޙުމުކުރަންވާނެއެވެ. އަދި މާތްމީހުންނަށް ކަމޭހިތުން އޮވެއެވެ. އެއީ މާތްމީހެއްނަމަ، އެމީހަކަށް ޢިޙްތިރާމްކުރަންވާނެއެވެ.