ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ކަނޑު ގަދަވެދާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން އިއްްޔެއިން ފެށިގެން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހުދު ސަމާލު ނެރެމުންނެވެ. އެގޮތުން އިއްޔެ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައި ވެއެވެ. އަދި މިއަދު ހެނދުނު ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ދެ ސަމާލުވެސް ނެރެފައި ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ.

މީގެ އިރުކޮޅެއް ކުރިން މެޓް އޮފީހުން ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށެވެ.

މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައި ވަނީ މިރޭ 10:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަަމަށް އެ ސަމާލުގައި ބުނެފައި ވެއެވެ.