ކ. މާފުށި ޖަލުގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުން ދާތީ އެ ޖަލުގައި ތިބި ހިރާސްބޮޑު (ހައި ރިސްކް) ގައިދީން ގޭބަންދަށް ބަދަލުކޮށްފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހްމަދު "ވަގުތު" އަށް ވިދާޅުވީ، ގައިދީންގެ ރައްކާތެރިކަމަށް ބައެއް ގައިދީން ގެއަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި ބަދަލުކޮށްފައިވަނީ ހިރާސްބޮޑު ގައިދީން ކަމަށް ވެސް ޔުސްރީން ވިދާޅުވިއެވެ.

"ކޮވިޑް ހާލަތާ ގުޅިގެން ރައްކަލަކަށްޓަކައި މިވަނީ ބައެއް ގައިދީން ގެއަށް ބަދަލުކޮށްފަ. ބަދަލުކުރި ގައިދީންގެ އަދަދާއި، އިތުރު ޑީޓެއިލްސްއެއް ނެތް މިވަގުތު ދެވޭކަށް،" ޔުސްރީން ވިދާޅުވިއެވެ.

މާފުށި ޖަލުގައި އަނެއްކާވެސް ކޮވިޑް ފެތުރެމުންދާއިރު، އިތުރު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުގައި ބަހައްޓާފައި ތިބި މީހުނަށް އާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުމާއި، ކޯޓުގެ އަޑުއެހުންތައް ގެންދަނީ އޮންލައިންކޮށެވެ.

މާފުށީ ޖަލުގައި ކޮވިޑް ފެތުރޭތީ މިހާރު ޖަލު ވަނީ ކުއްލި ހާލަތައް ގެނެސްފައެވެ.

ކަރެކްޝަންސް އިން އެންެމެ ފަހުން ހާމަ ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިހާރު ޖަލުގައި ކޮވިޑް އަށް ފައްސިވެފައި ތިބީ 44 ގައިދީއަކާއި ހަތް ޖަލު އޮފިސަރެކެވެ.

ބައްޔަށް ފައްސިވެ ފަހުން ބަލިން ރަނގަޅުވި 62 ގައިދީއަކާއި 16 ޖަލު އޮފިސަރުން ތިބި ކަމަށް ވެސް ކަރެކްޝަންސް އިން ވިދާޅުވިއެވެ. އަދި ކަރަންޓީނުކޮށްފައި ވަނީ 216 ގައިދީއަކާއި ޖަލު އޮފިސަރެކެވެ.

މީގެ ކުރިން ވެސް ކޮވިޑް ހާލަތު ގޯސްވާން ފެށުމުން، ވަގުތީގޮތުން ހިރާސްބޮޑު ގައިދީން ގެއަށް ބަދަލު ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.