ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ %56 މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކުރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިދިޔަ އަންގާރަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ނެރު ފުންކުރުމުގެ މަސައްކަތް ނިމި މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލައި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ.

އަދި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލައި، 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރު ބައްތި އާއި މަގުބައްތި ހަރުކުރާނެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީން ޑިސެމްބަރު 29، 2019ގައި އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ. މި މަޝްރޫއަކީ 52.7 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.