ހައްޔަރުކުރުމާއި ބަންދުކުރުން ސުޕްރީމް ކޯޓުން މާނަކުރި ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ހަނުހުރުމުގެ ހައްގު ހަނިކުރި މަޤުޞަދު ހާސިލްވޭތޯ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ސުވާލު އުފައްދައިފިއެވެ.

ޝަމީމް އޭނާގެ ބްލޮގްގައި ލިޔުންތައް ލިޔުއްވަމުން ގެންދެވުން ދުވަސްތަކަކަށް މެދުކަނޑާލުމަށް ފަހު އިއްޔެ ލިޔުއްވި ލިޔުއްވުމުގައި އަލިއަޅުއްވާލައްވާފައި ވަނީ ސުޕްރީމް ކޯޓުން ނިންމި ޙަމްދާން އަޙްމަދު ޝަރީފް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ހަނުހުރުމުގެ ޙައްޤު ލިބިދެވޭ ގޮތާއި ޙާލަތު މާނަކުރި ގޮތާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އެމައްސަލައިގައި ސުޕްރީމް ކޯޓުން ނިންމެވީ، އެޤާނޫނުގެ ދަށުން ހަނުހުރުމުގެ ޙައްޤު ހަނިކުރެވޭނީ ހަމައެކަނި ބަންދުގައި ހުންނަ ޙާލަތުގައި އެކަނި ކަމަށެވެ.

ޝަމީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމެވުން، ލަފްޒީ ގޮތުން ރަނގަޅު ކަމަށެވެ. ޤާނޫނުގެ 26 ވަނަ މާއްދާގެ ޢިބާރާތުގައި، އެމާއްދާގެ ފަހަތުން އަންނަ މާއްދާތަކުގައި ބަޔާންވެގެންވާ ޙައްޤުތައް، "ބަންދުކުރެވޭ އަދި ހައްޔަރު ކުރެވޭ މީހާއަށް" އެމާއްދާތަކުގައި ބަޔާންކޮށްފައިވާ މިންވަރަށް ހިފެހެއްޓޭނެ ކަމަށް އޮވެފައި، އެމާއްދާގެ ފަހަށް އޮތް 27 ވަނަ މާއްދާގެ ޢިބާރާތުގައި، ބަންދުކުރެވޭ މީހާއަށް، އެ ޙައްޤު، އެއްވެސް މިންވަރަކަށް ލިބިގެނެއް ނުވާ" ކަމަށް އޮތުމުން، ސުޕްރީމް ކޯޓުން އެމާއްދާ މާނަކުރެއްވީ، މުއްތަހަމަށް ފަހިވާ ގޮތަށް، ޢާންމު 'ދަންނަ މީހަކު' އެ މާއްދާ މާނަކުރާނެ ގޮތަށް ކަމަށް ވެސް ޝަމީމް ލިޔުއްވާފައި ވެއެވެ.

ސުޕްރީމް ކޯޓުން މާނަކުރެއްވީ، ހަނުހުރުމުގެ ޙައްޤު ހަނިވާނީ، ހަމައެކަނި ބަންދުގައި ހުންނަ ޙާލަތުގައި އެކަނި ކަމަށެވެ. މިހެން ދިމާވީ، ރައްޔިތުންގެ މަޖިލީހުން ޤާނޫނު ހެއްދެވުމުގެ ބަސްމަގު ބެހެއްޓި މިންވަރުގެ ތިލަކަމުންނާއި ހައްޔަރުކުރުމާއި ބަންދުކުރުމުގެ ފަންނީ ތަފާތުތަކަށް ވިސްނާލެވިފައިނެތީމަ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަށް އެއްބަސްވާ ކަމަށް ފުރަތަމަ ލިޔުއްވުމަށް ފަހު ޝަމީމް ދެން ވިދާޅުވީ ސުޕްރީމް ކޯޓުން، 2009 ގެ ޤާނޫނެއްގައި އޮތް ޢިބާރާތެއް މާނަކުރައްވަން 2017 ގެ ޤާނޫނެއް ބޭނުންފުޅު ކުރެއްވުމުން ދިމާވި މައްސަލައަކީ، ހައްޔަރުކުރުމާއި ބަންދުކުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮތް ތަފްޞީލުތަކާއެކު އޮންނާނެކަން، 2009 ވަނަ އަހަރުގެ ޤާނޫނުގައި ތަޞައްވަރު ކުރެވިފައި ނެތުމުން ދިމާވި މައްސަލައެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން 2009 ގެ ޤާނޫނުގައި، ހައްޔަރުކުރުމާއި ބަންދުކުރުމުގެ ވާހަކަ، 2017 ވަނަ އަހަރުގެ ޤާނޫނު އަންނާނެކަމަށް ބައްލަވައިގެން ލިޔުއްވިނަމަ މިމައްސަލަ މެދުވެރިއެއް ނުވީސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ސުޕްރީމް ކޯޓުން، 2009/12 ގައި ބުނާ ކުށްތަކަށް ތުހުމަތު ކުރެވޭ މީހުންނަށް ހަނުހުރުމުގެ ޙައްޤު ހިފެހެއްޓޭނީ ބަންދުގައި ބަހައްޓައިގެން ބަޔާންނަގާ ޙާލަތުގައި އެކަނި ކަމަށް މާނަކުރުމުގެ ނަތީޖާއަކީ، އެއްގޮތަކަށްވެސް ހައްޔަރު ނުކޮށް ބަޔާން ނަގާ ޙާލަތާއި، ހައްޔަރަށް ނުވާ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ބަޔާން ނަގާ ޙާލަތާއި، ހައްޔަރުކޮށްގެން، ނަމަވެސް ބަންދުނުކޮށް (ހައްޔަރު ކުރާ ވަގުތުން ފެށިގެން 24 ގަޑިއިރާ ހަމައަށް އޮތް ވަގުތުގައި) ބަޔާން ނަގާ ޙާލަތުގައި، އެކުށްތަކުގެ ތުހުމަތުގައި ތިބޭ މީހުންނަށް ހަނުހުރެވުމެވެ.

މިމާނަކުރުމުގެ ސަބަބުން، ޤާނޫނު ނަންބަރު 2009/12 ގެ މަޤްޞަދު ޙާޞިލުވާނެތޯ ނުވަތަ ނޫންތޯ އެއީ މިހާރު އުފެދޭ ސުވާލެއް ކަމަށާއި މަޤްޞަދު ޙާޞިލުނުވާނަމަ، ނުވަނީ އެޤާނޫނުގެ ޢިބާރާތްތައް، ފަހުގެ ޤާނޫނުތަކާ އަދާހަމަ ކުރެވިފައިނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސުޕްރީމް ކޯޓުން ބެއްލެވި މައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތުން އުފެއްދެވި ޤާނޫނީ ނުކުތާ، ދަށުކޯޓު މަރްޙަލާގައި ނަގާފައެއްނުވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގެ ޢާންމު އުޞޫލަކީ ދަށު ކޯޓުގައި ނުދައްކާ ޤާނޫނީ ނުކުތާއެއް، ސުޕްރީމް ކޯޓުގައި ދެއްކުމުގެ ފުރުޞަތު ނުދެއްވުން ކަމަށާއި އަދި އެކަމަށް ސުޕްރީމް ކޯޓުން ގޮތެއްވެސް ކަނޑައަޅުއްވައި ނުދެއްވުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ނަމަވެސް މިމައްސަލައިގައި ސުޕްރީމް ކޯޓުން ޢަމަލު ކުރެއްވި ގޮތުން (ދަށު ކޯޓުގައި ނުނަގާ ޤާނޫނީ ނުކުތާއަކަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމެވުމުން)، އެޤާނޫނީ ނުކުތާ، ތިން މަރްޙަލާގެ ކޯޓުތަކުގައި ޓެސްޓުކުރުމަށް ޤާނޫނުއަސާސީ ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ޙައްޤަށް ހުރަސްއެޅިފައި އޮތްކަމަށް ބެލުމުގެ ފުރުޞަތެއް އޮތްކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

މިމައްސަލައިގައި ސުޕްރީމް ކޯޓުން ޤާނޫނު މާނަކުރެއްވި ގޮތުން ޢަމަލީ ގޮތުން ތަފާތު ނަތީޖާއެއް ނުކުންނާނެކަމެއް މެދުވެރި ނުވިނަމަވެސް، ޤާނޫނު މާނަކުރެއްވުމުގައާއި ލިޔުއްވުމުގައިވެސް، އެޤާނޫނަކަށް ޢަމަލު ކުރަން ފެށުނު ކޮންޓެކްސްޓާއި، މާނަ ކުރައްވަން އެހީ ހޯދާ އެހެނިހެން ވަޞީލަތްތަކުގެ ޚާއްޞަ ސިފަތަކާއި، މިކަމުން، އެޤާނޫނު ފާސްކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ވިސްނުންފުޅު ހުރި ގޮތަށް ރިޢާޔަތްކުރައްވަންވާނެކަމަށް ޝަމީމް ލިޔުން ނިންމަވާލައްވަމުން ލިޔުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތޭރިއެމްވީ

    މިއީ އަދި ސްޕްރީމްކޯޓަށްވުރެވެސް މަތީގައި އުޅޭ މީހެއްތާ ދޯ. މިނުވާނެބާ ސްޕްރީމްކޯޓުގެ ޙުރުމަތް ކެނޑުންކަމަކަށް.

    9
    1
  2. މައުހަދީ

    ބަލަގަ ސަމީމް ގުދޯގުދޯ ނުގޮވާ ޒިންމާ އަދާކޮށްބަލަ. ގާނޫނު އައުޓްޑޭޓްވީމަ އިސްލާހްކުރަން މަސައްކަތް ކުރަންޖެހެނީ ކޯޓުންނެއް ނޫން. އެކަން ކުރަންޖެހެނީ ޝަމީމް.

    1
    1
  3. ޥާލުސޮރު

    ޕްރޮސެކިއުޓާރ ގެ ހައިސިއްޔަތުން ގާނޫނު މާނަ ކުރަން ދަސްވެފައި ވާގޮތާއި ދިފާއީވަކީލެއްގެ ހައިސިއްޔަތުން ގާނޫނު މާނަ ކުރާގޮތާ ޒާތީވެގެން ގާނޫނު މާނަ ކުރާ ގޮތަކީ ވަރަށްވެސް ތަފާތު ގޮތްތަކެއްކަން މަނިކިފާނަށް ހަނދާން ކޮށްދެމެވެ. ޢަދި މަނިކުފާނަށް ގާނޫނު މާނަކުރަށް ދަސްވެފައި ވަނީ ޒަތީ މަނާކުރުމާކުރުމަކާ ގާނޫގައި ލިޔެފައިވާ ލަފްޒީ މާނަ ކުރުމެކެވެ. ދަސްނުވަނީ ތަފްސީލީ މާނަކުރުމާ ޒާތީ ތައަށްސުބުން އެއްކިބާވެ މާނަކުރާށެވެ. ޥަރަށް ވެދުން

    1
    1
  4. މޫސާ

    ވަކި މީހަކަށް ވަކިގޮތެއް މީނަ ކޯޓްތަކަށް ފާޑިކިޔަންވީމައޯކޭ ގާޒީނައް ފާޑިކިޔަންވީމަ އޯކޭ ނިކަމެތި މަސްވެރިޔާ ކޯޓްތަކަށާ ގާޒީންނަ ފާޑު ކިޔާފީޔާ ގާނޫނޫ އެވެރިން ފާޑިކީމަ މަރުހަބާ މީކޮންކަހަ ހަމެއްތަ

  5. ދަންބެރު

    ސުވާލަކީ މިގައުމުގާ ސަރީއަތް ކުރަނީ ކޮންމެ ގޮތަކުންވެސް އެމީހެއްގެ މައްޗައް ކުށެއް ސާބިތު ކުރަންހޭ ؟ އެހެން ނޫނީވިއްޔާ ދަށުކޯޓައް ހުށަހެލިފައި ނުވާ ނުކުތާއެއް ވިޔަސް އަދި ހެއްކެއް ވިޔަސް މަތީކޯޓައް ހުށައެޅެން ވާނެހެން ހީވަނީ.