އިދިކޮޅު ޕީޕީއެމް ވެރިކަމެއްގައި ވަޒީފާ ދިނުމުގައި ދިވެހި ރައްޔިތުން ތަފާތު ނުކުރާނެ ކަމުގެ ޔަގީން ކަން އެ ޕާޓީން މިއަދު ދީފިއެވެ.

ޕީޕީއެމުން އެގޮތަށް ބުނެފައި ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ޕީޕީއެމް ވެރިކަމަށް އަތުވެއްޖެ ނަމަ، ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ވަޒީފާތަކަށް ނަގާނީ ހަމައެކަނި ޕީޕީއެމް މެމްބަރުން ކަމަށް މާލޭގައި އޮތް ބައްދަލުވުމުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައި ވާތީ އެކަމަށް ފާޑުކިޔުން އަމާޒުވުމުންނެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ މަފްހޫމް އޮޅޭ ގޮތަށް މީޑިއާތަކުން ހަބަރު ގެނެސްދީފައިވާ ކަމަށެވެ. ޔާމީން ދެއްކެވި ވާހަކަފުޅުގައި ޕީޕީއެމް ނޫން އެހެން ޕާޓީތަކުގެ މެމްބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުނުވާ ކަމަށް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

އަދި ވަޒީފާ ދެއްވުމުގައި އަތޮޅު ތެރޭގެ ރަށްރަށުގައި ތިއްބެވި ޕީޕީއެމްގެ މެމްބަރުން ބާކީ ނުވާނެ ކަމަށް ވިދާޅުވި ނަމަވެސް އެހެން ޕާޓީތަކާއި ޕާޓީތަކުގައި ނޫޅޭ މީހުންނަށް ވަޒީފާ ނުދެއްވާނެ ވާހަކައެއް ޔާމީން ވިދާޅުވެފައި ނުވާ ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

"ރައީސް ޔާމީންއަކީ މިހާތަނަށް ރިކޯޑު އަދަދަކަށް ރާއްޖޭގައި ވަޒީފާތައް އުފައްދަވައި ވަކި ޕާޓީއެއް ބެއްލެވުމަށް ނެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވާފައިވާ ލީޑަރެކެވެ،" ބަޔާނުގައިވެއެވެ.

މީގެއިތުރުން ޔާމީނަކީ ދިވެހި ރައްޔިތުންނަށް ފުދުންތެރިކަން ހޯއްދަވައި ދެއްވައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިގްތިސާދަށް އެދެވޭ ރަނގަޅު ބަދަލުތަކެއް ގެނެސް ދެއްވި ލީޑަރެއް ކަމަށް ބަޔާނުގައިވެއެވެ. އަދި ޒުވާނުންނާއި އަލަށް ކައިވެނި ކުރާ ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހާއްސަ ސަމާލު ކަމެއް އެ މަނިކުފާނު ދެއްވި ކަން ފާހަގަ ކުރިއެވެ.

"ރާއްޖެ މިހާތަނަށް ދެކެފައި ނުވާ ތަރައްގީ މި ގައުމަށް ގެނެސް ދެއްވާފައި ވަނީ ވެސް ރައީސް ޔާމީން. އަދިވެސް އެ ތަރައްގީ މި ގައުމަށް ގެނެސް ދެއްވާނީ ރައީސް ޔާމީން،" ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓު މޫސާ ފަތުހީ އަށް ތާއީދު ހޯދުމުގެ ގޮތުން މާލޭގައި ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން، ސިޔާސީ ކަންކަމުގައި ކަންތައްތައް ކުރަންވާ ގޮތް އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދީފައިވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ވެސް ބޭނުން ވަނީ މި ފަހަރު އެގޮތަށް ބައެއް ކަންތައްތައް ގެންދަން،" ހެންވޭރު ލެވެންޑާ ރެސްޓޯރެންޓުގައި ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވިއެވެ.

"އޭގެ ތެރޭގައި އެއް ކަމެއް އަޅުގަނޑު ދަންނަވާލާނަން. އިރާދަކުރެއްވިއްޔާ ﷲ ގެ ރަހްމަތާއެކީގައި އަޅުގަނޑުމެންގެ ސަރުކާރެއް 2023 ވަނަ އަހަރު ރައްޔިތުންނަށް ހިދުމަތް ކުރަން ފަހިވެގެން ހިނގައްޖެ ކަމަށްވާ ނަމަ، ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ކަމަށް ވިޔަސް، އަދި މުއައްސަސާތަކުގެ ވަޒީފާ ކަމަށްވިޔަސް، މިތަންތަނަށް އަޅުގަނޑުމެން ނަގާނީ ހަމަ ޕީޕީއެމް ކުދިން،"

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ދަތްދޮޅި އާދަނު

    އަމިއްލަ ޕާޓީގެ ރައީސް ދައްކާވާހަކަވެސް ފަހުމްނުވާމީހުން މި ޕީޕީއެމާ ޕީއެންސީގަ މިއުޅެނީ، މީޑިޔާގަ ލައިވްކޮށްދައްކަމުންދަނިކޮށް 5އަހަރުގެ އަނިޔާވެެރި ވެރިކަމެއްކުރި ވެރިމީހާމިބުނަނީ ދެންތިމަންނަމެންނަށް ވެރިކަންލިބިއްޔާ ތިމަންނަގެ ޕާޓީކުދިންނަށޭ ފަޒީފާތައްދޭނީ، މިހާރު ޕާޓީކުދިންނުކުމެ އެބަސް ދިފާއުކުރަން ދައްކާފަ ނުދައްކާނެ ވާހަކައެއްނޭގިގެން.މިއުޅެނީ

    22
    18
  2. ހުސެން

    އިންޑިޢާ އައުޓް !!!!!!!! މިހެންކިޔާ ހުރިހާމީހުން ޖަލަށް. އަޅުވެތިކަން އޮށްމިންވަރު މިއިންވެސް ދޭހަވަނީ، މިރާއްޖޭގަ ދިވެހީންނަށް ދިވެހީންގެ މިނިވަންކަމެއްނެތް މިންވަރު. ދިވެހިން ގެ ގެތެރެއިން ގިނަބަޔަކު އެފުރިކާގެ ކަޅުނަސްލު މީހުން 1960 އަހަރުތަކުގަ ޖަލަށް ލީހެން ގިނަބަޔަކު ޖަލަށް ލާދުވަސް ކާރިވަނީ !!!!!!!!!!!!!

    16
    9
  3. ދަރަނި ދަންތުރަ

    ވަރަށް ބަރާބަރު އެއްވެސް މީހަކު ތަފާތުކުރުމެއްނެތި ހައްގުވާ އެއްޗެއް ހައްގުވާ ފަރާތަށް ދޭންޖެހޭނެ ، ޖަޒުބާތުގައި ޖެހިގެންވިޔަސް ތަފާތުކުރުން ގަބޫލުނުކުރާނަން ޕީ ޕީ އެމް ވާންވާނީ އެމް ޑީ ޕީ ގެ ވިޔާނުދާ އަަމަލުތަށް އިސްލާހުކުރާ ކަރެކުސަން ޕެން އަކަށް

    20
    10
  4. Hdhd

    C levijjennu adhives molhuvaan hithah aehaa ehcheh govaathi

    5
    4
  5. ވގ13

    ނޫނޭ ޕޕ ފޯމް ހިފައިގެން ވަޒީފާހޯދާކައް ނުދާނަން

    6
    7
  6. މުހައްމދު

    މީ ހަމަ އަމިއްލަ އެދުންވެރިކަމާހެދި އުޅޭބައިގަޑެއް

    10
    8
  7. ހުސައިން

    ބަލަގަ އިހައްދުވަހު ކަލޭމެންގެ ވެރިޔާ ވިދާޅުވީ އަޑަށްބާރުލާފަ ތިމަންނައަށް ވެރިކަން ލިބިއްޖެއްޔާ ޕީޕީ ނޫން އެހެން އެންމެން ހޭއަރުވާލަނަމޭ. ކަލޭމެން ތިދައްކާ ވާހަކަ ދިވެހިރައްޔިތުން ތިބީ ވަރަށް ކަނުލައި އަޑުއަހައިގެން. ބާރެއް ލިބޭއިރަށް ތިތިބީ ރައްޔިތުންގެ ކިބައިން ބަދަލުހިފަން ކެތްމަދުވެފަ. ކަލޭމެންގެ އަސްލު ސޫރަ މަޑުމަޑުން ސިފަވަމުން އެބަދޭ. ވަރަށް ސަލާމް

    7
    11
  8. Anonymous

    ޔާމީނު ހަލާކުވާނީ އޭނާގެ ކިބައިގައި ހުރި ބޮޑާކަމަކާއި ކިބުރުވެރިކަމަކުން. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން (ޕާޓީ މީހުންނާއި އިދިކޮޅު މީހުން) ގެ ތާއީދު ލިބިފައި އޮއްވައި ކީއްވެހޭ ވަކި ބަޔަކަށް ވަޒީފާ ދޭ ވާހަކަ ދައްކަންވީ؟ ޔާމީނުއޭ ކަލޭ ތި ބޮޑާކަން އެއްފަރާތް ކޮށްފައި ގޭގެއަށްވަދެ އެންމެނާ ސަލާމްކުރާށޭ! މިރާއްޖެ މިއަދު މިއޮތީ ކަލެއަށޭ. ދެންވެސް ގޯހެއް ނުހަދައި ކުރިއަށް ދާންވީޔޭ ކަލޭ.

    11
    10
  9. 🤭🤭🤭🤭

    😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

  10. ރަން ރީނދޫ

    މިއީ އަސްލު ގައުމާއި ރައްޔިތުންނަށް ގެ ލީޑަރުންނަކީ. ރައްޔިތުން އެދޭ ގޮތަށް އިންސާފުގެ މަގުން ވަޒީފާ ދޭން ޖެހޭނީ. އަނގައިން ބުނެލާ ބަހަކަށް ވުރެ،އަމަލްތަކުން އެކަންކަން ދައްކަން ޖެހޭ.

  11. Anonymous

    ސުވާލަކީ ޔާމީން ވާހަކަދެއްކީ "ވަގު"ބަހަކުންހޭ ؟ ދިވެހިބަހަށް މާނަކުރަން މިޖެހެނީ ކޮންމެ ފަހަރަކު. ލޮލް

  12. ކަނީރު

    ދެން ޕީ ޕީ އެމްގައި އުޅެނީ ބޭރުމީހުންތަ؟