ށ. ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ރޭ ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީޕީއޭއިން ދިނުމާ ގުޅިގެން، މަހާ ޖައްރާފަށް ވެލި ބަރުކޮށްގެން އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ބިން ހިއްކަން ފަށާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ކޮމަންޑޫ އާއި އެ ރަށް ކައިރީގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެކަމަކު، އެ މަޝްރޫއު މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ނެތީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމަންޑޫ އަށް ވަޑައިގެން އެ މަޝްރޫއު ފައްޓަވާނެ ކަން އިއުލާން ކުރައްވައިފައެވެ.

މި މަޝްރޫއުގެ ދަށުން ކޮމަންޑޫގައި 1،960 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމާއި، 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި، ޖުމްލަ 353 މީތަރުގެ ބޮޑުހިލައިގެ ފައިކަށި، އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތި ކޮމަންޑޫގައި ގާއިމުކުރުން ހިމެނެއެވެ.

އަދި 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލުމާއި، މި މަސައްކަތްތަކަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް ތައްޔާރުވުން ހިމެނެއެވެ.

ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލާ ގޮތުގެ ޑިޒައިން.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާ ހަވާލު ކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މި މަޝްރޫއު އަށް 249 މިލިއަނަށް ވުރެ ގިިނަ ރުފިޔާ ހަރަދު ކުރެއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ސަރުކާރުން އެ ދާއިރާގައި ހިމެނޭ ކޮމަންޑޫ އާއި ށ. ފޯކައިދޫ އާއި ށ. މަރޮށީގައި ވަރަށް ގިނަ މަޝްރުއޫތައް އިއުލާންކޮށް އަދި ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވެސް ފަށާފައިވެއެވެ.

އޭގެ ތެރޭގައި ފޯކައިދޫ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ވެސް ފެށީ ދާދި ފަހުންނެވެ. ކޮމަންޑޫ، ފޯކައިދޫގެ އިތުރުން މަރޮށީގެ ބަނދަރުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ. ދެ ކޮމަންޑޫ ގުޅާލުމަކީ އޭގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި މަޝްރޫއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް މަޝްރޫއުތައް ހިންގާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބައެއް ވާދަވެރިން ވަނީ މިއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިޔަވަޅު އަޅައި ދިނުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮމަންޑޫ

    ކޮމަންޑޫ މީހުން މިފަހަރު މަކަރުވެރި ސިޔާސީ މީހުން އަތްދަށު ނުވާތީ، ސަރުކާރާ ދެކޮޅައް ވޯޓު ދެއްވާ، ރައްޔިތުންނަށް ބޭނުން އެއްޗެއް ހެދިގެން ނުވާނެ، ހަގީގަތުގައި މި ފެންނަނީ ސިޔާސީ މީހުން އަހުރުމެންނާ ދޭތެރޭ ދެކޭގޮތް، އެއްޗެއް ދިއްކޮއްލާއިރަށް ދިވެހިން ވޯޓު ދޭނެކަމަށް ބަލާގެން، ގައުމު އިސްލާހުވާނީ ސިޔާސީ މީހުން ސައިޒު ކޮއްގެން

    9
    2
  2. ޖައްރާފް

    ޝުކުރިއްޔާ ރ.ޔާމީން

    19
    3
  3. ހުވަދޫ އަލިބެއްޔާ

    ތި މަސައްކަތަށް ބާކީ 5 ދުވަސް.. އެމް.ޑީ.ޕީއަށް ކާމިޔާބު ވިޔަސް، ނާކާމިޔާބުވިޔަސް މަސައްކަތް ހުއްޓާލާނެ.. މިހެން ބުންޏަސް ހަފްތާއެއް ވަރު ތިތާ މީހުން ހައްދަން ނޫޅޭނެކޭ ނޫން.. ދައުލަތުގެ ބައިތުލް މާލު ތަޅާ ބުރުވާލާ މީހުންނަށް ނޫނޭކޭ ބުނުމުގެ ހިއްވަރު ހުންނަން ވާނެ..

    9
    1
  4. ހުސެން

    މިފެންނަިނީ ޔާމީން ގެންނެވި ހަރުމުދާތަކުގެ ތެރެއިން ހިމެނޭ އެއްޗެއް. މަހާޖައްރާފް! ޝުކުރިއްޔާ! ޔާމީން. ކޮށްދެއްވާފައިވާ ތަރައްގީގެ މަސައްކަތާއި ހޯއްދަވައި ދެއްވާފައިވާ އަގުހުރި މުދާތަކަށް.

    10
    1
    • ލޮލް

      ކަލޭ ކޮޓަރީގަ ބަހައްޓާފަ ހުރި އެނދަކީވެސް ޔާމީނު ދިން އެއްޗެއް ދޯ؟

      1
      8
  5. ކޮވިޑް

    އަމިއްލަ ދާއިރާ ތަރައްޤީ ކުރަން ބޭނުންތަ؟ މެމްބަރު ކައިރީ އާދޭސް ކޮށް ގެންވެސް މެމްބަރު އިސްތިއުފާ ދޭތޯ ބަލާ. ދާއިރާދެކެ ކުޑަވެސް ލޯތަބެއް ހުރި މެމްބަރަކު އެބަހުރިތަ؟ އަވަހަށް ދާއިރާގެ ރައްޔަތުންގެ ހައްޤުގާ އިސްތިއުފާ ދީ. މައިކަލާކޯ މިއިތީވާ ސަރުކާރެއް. # އިންޑިއާ އައުޓް #

  6. ކޮރަލް

    ކުއްލި އަކަށް އިންތިހާބާ ދިމާ ކޮށް އާބާދީ ބޮޑެތި ރަށްތައް ހުއްޓަ އާބާދީ ކުޑަ ރަށަކަށް 249 މިލިއަން ހަރަދު ކުރީމަ ރައްޔިތުންގެ ހިތުގަ ޖެހޭނެ އެވެ. އެކަން ހުރިހާ ވޯޓް އަކުން ވެސް ފެންނާނެ ކަމަށް ބެލެވެ އެވެ.

  7. ސިއްކަ

    މާދަ ވެސް އިންތިހާބުން ބަލި ވާއިރަ ބުޅަބޭ ބުނާނެ ކޮމަންޓޫ ދާއިރާ ގެ މީހުން ބޭނުމެނުވެޔޭކޮންކުރިޓް ތަރަގީއެއް ބޭނުމީ ޖަޒީރާ މަހަލްދީބު