އދ. އަތޮޅުގައި އޮންނަ ވިލަމަންދޫ ރިސޯޓް އެންޑް ސްޕާ ކައިރިއަށް ފާނަ މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން މީހަކު ކަނޑަށް ވެއްޓިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ މީހާއަކީ އެ ދޯނީގައި މަސްވެރިކަން ކުރަން އުޅުނު މީހެއް ކަމަށާއި، އެ މީހާ ކަނޑަށް ވެއްޓިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 14:39 ގައި ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، "ޓާގެޓް" ނަމަކަށް ކިޔާ 50 ފޫޓުގެ އެ ދޯނިން ވެއްޓުނު އެ މީހާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުގެ ޑައިވަރުން ދަނީ ކުރަމުންނެވެ.

ގެއްލިގެން ހޯދަމުން ދަނީ ފ. ބިލެއްދޫ އުތުރުގެ، އުމުރުން 58 އަހަރުގެ އަބްދުﷲ ނަސީރުއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ މީހާ ކަނޑަށް ވެއްޓުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓުލޫނެއް ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ މީހާ ހޯދުމުގައި ވިލަމަންދޫ ޑައިވް ދޯނި އަދި ލިލީ ބީޗް ގަލްފް ކްރާފްޓްގެ އެހީތެރިކަން ލިބެމުންދާކަމަށެވެ.

އަދި ކޯސްޓްގާޑްގެ އުޅަނދެއްވެސް މިހާރު އެ ސަރަހައްދުގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އަދި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފްގެ ކޯސްޓާގާޑް ނަމްބަރު 191 އަށް ގުޅުއްވާ އެ މައުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފް އިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަމިން

    ޙަސްބިޔަﷲ ވަ ނިއުމަލް ވަކީލު..

  2. Anonymous

    ޙަސްބިޔަﷲ ވަ ނިއުމަލް ވަކީލު..

    ގެއްލިފްއިވާ އަޅާ ސަލާމަތުން ފެންނާނެގޮތް ﷲމެދުވެރި ކޮށްދެއްވާށި އާމީން

    • މީ

      امين