ހއ. ދިއްދޫ އިން ކޮވިޑް-19 އަށް އިތުރު 46 މީހަކު ފައްސިވެއްޖެއެވެ.

ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން މިއަދު އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 15 ޑައިރެކްޓް ކޮންޓެކްޓުންނާއި ފްލޫ ކްލިނިކަށް ދެއްކި 31 މީހެކެވެ. އެހެންކަމުން އަދިވެސް ދިއްދޫގެ މުޖުތަމައު ތެރޭގައި ކޮވިޑް ހަލުވިކަމާއި އެކު ފެތުރޭކަން ހާމަވެއެވެ.

މިފަހަރު ދިއްދޫ އަށް އެރި ކޮވިޑް ރާޅުގައި ޖުމްލަ 753 މީހަކު ފައްސިވެފައިވެއެވެ. އަދި މިވަގުތު ބަލި ޖެހިފައި ތިބި 115 މީހަކު ރަށުގައި އެބަތިއްބެވެ.

ދިއްދޫގައި ހަލުވިކަމާއި އެކު ކޮވިޑް ފެތުރު ނަމަވެސް މިހާރު އެރަށުން ނަގަމުންދާ ސުންކުތަކުގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އެންމެ ފަހުން ވެސް ނަގާފައި ވަނީ 33 ސުންކެވެ. އަދި މިވަގުތު ނަތީޖާ ނުލިބޭ 83 ވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަގާ ސުންކުތަކުގެ އަދަދު ކުއްލިއަކަށް މިވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.

އެޗްޕީއޭ އިން ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އެރަށު ކައުންސިލުން ވަނީ ރޭގަނޑު ކާފިއު ހިންގައި އިތުރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ.

މީގެ ކުރިން ކޮވިޑުގެ 3 ރާޅު ދިއްދޫ އަށް އަރާފައި ވާއިރު މިދިޔަ އަހަރު އެރަށުގެ 250 އަށް ވުރެން ގިނަ ގެތައް އެއްފަހަރާ ކަރަންޓީނު ކުރި ދުވަސްކޮޅެއް ދިޔަކަން ވެސް ފާހަގަކޮށްލެވެއެވެ.