ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވަކި ކެންޑިޑޭޓަކަށް ވޯޓު ދޭން އިންޒާރުދީ ވާހަކަ ދެއްކެވި ކަމަށް ބުނާ ފެނަކަ ކުންފުނީގެ އޮޕަރޭޝަން ހެޑް ޒާހިރު އުސްމާންގެ މައްސަލަ މަޖިލީހުގެ ތިން ކޮމިޓީއަކަށް ހުށަހަޅުއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ށ. ފޯކައިދޫ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރާ ޒުވާނަކަށް، ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ޒާހިރު އުސްމާން ދެއްކެވި ވާހަކައެއްގެ އޯޑިއޯ ވަނީ އިއްވަވައިފައެވެ. އެ އޯޑިއޯ އިއްވެނީ މަޖިލީހުގެ ރިޔާސަތުން މެންބަރު ޝިޔާމަށް އެ ފުރުސަތު ދެއްވުމަށް ފަހުގައެވެ.

އޯޑިއޯ އިއްވުމުގެ ކުރިން މެންބަރު ޝިޔާމް ވިދާޅުވީ، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށާއި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށާއި، ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

އޯޑިއޯ އިއްވި ފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޭގައި ފުރަތަމަ ވެސް ޒާހިރު ވިދާޅުވަނީ ވަޒީފާއިން ވަކި ނުކުރައްވާނެ ކަމަށާއި ވޯޓު ދެއްވާނެ ގޮތް ކިޔައި ދެއްވަނީ އޭނާގެ އަމިއްލަ ހައިސިއްޔަތުން ކަން އިވިގެންދާ ކަމަށެވެ. އެހެންވެ ނުފޫޒެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޝިޔާމް އޭގެ ފަހުގައި ފާހަގަ ކުރެއްވީ ޒާހިރު ފަހުން ވިދާޅުވާ ވާހަކައެވެ. އެއީ "ސަންޑޭއަށް ކަނޑާ ވައްޓާލަން" ކަމަށް ޒާހިރު ވިދާޅުވާ ބައެވެ. އޭގެ ކުރިން "އެމްޑީއަށް އެއްބާރުލުން ދިން ކަމަށް ވާނީ، އައީޑީ ކާޑު ދީފައި، ވޯޓު ލާން ނުދިއުން،" ކަމަށް އޯޑިއޯގައި އިވޭ ބައި ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޝިޔާމް ދެކެވަޑައިގަންނަވަނީ އެއީ ދައުލަތުގެ ކުންފުންޏެއްގެ އިސްވެރިޔަކު އެ ކުންފުންޏެއްގެ މުވައްޒަފަކާއި ވާހަކަ ދައްކަވައިގެން ވާނެ އަޚްލާގީ މިންގަނޑެއް ނޫން ކަމުގައެވެ.

ޒާހިރު އުސްމާނާއި ހިތްހަމަޖެހިވަޑައިނުގެން އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންތަކެއް ވެސް މީސް މީޑިއާގައި ނުރުހުން ފާޅު ކުރައްވާފައިވެއެވެ. އަދި ޒާހިރު ފެނަކައިގެ ވަޒީފާއިން ވަކިކުރަން ވެސް އެ އެކްޓިވިސްޓުން ގޮވާލައްވައިފައިވެއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ވޯޓު ހޯދަން ސަރުކާރުގެ އިސް ބޭފުޅުން ގިނަ ނުފޫޒުތަކެއް ފޯރުވި ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އިރު، ރާޝިދު ވަނީ މިއަދު މަޖިލިސް މެންބަރު ކަމުގެ ގާނޫނީ ހުވާ ވެސް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މއމ

    މިސާލަކަށް މީހަކު ބުނީ: "އަހަރެން ކަލެއަށް އަނިޔާ އެއް ނުކުރާނަން އަދި ނުވެސް މަރާނަން އެކަމަކު ކަލޭގެ ކުންފުނި މަ މައްޗަށް ރަޖިސްޓަރީ ނުކޮށްފިއްޔާ ވެލާނާގޭ މަތިން ވައްޓާލާނަން."

    މި ނުވާނެ ބިރު ދެއްކުމަކަށް. އެއީ އޭނާ ފުރަތަމަވެސް ވަރަށް ސާފުކޮށް އެބުނީ، ބިރު ނުދައްކާނަމޭ، އަނިޔާވެރި ނުވާނަމޭ، ނުމަރާނަމޭ.

    އަންނި ލޮޖިކް

  2. އިސްޢާފް ސަލީމް

    ނިއްޓްރަލްއާ އާތުފަށްވެސް ވަކިކުރަން ނޭނގޭ ބުރާންތިން މިފަދަ ތަންތަނުގެ މަޤާމުތަކަށް ލީމަ ވާނީ މިހެން

  3. ޙަފޯ

    ކިނބުލެއް ކިނބުލެއްގެ މައްސަލ ކިނބޫ ކޮމެޓީއަކަށް ހުށަހަޅައިގެން ބެލީމަ ނިކުންނާނެ ނަތީޖާ ކިހެނެއްވާނެބާ.