ލ. ފޮނަދޫގައި ކޮވިޑު-19 ފެތުރުން އިންތިހާއަށް އިތުރުވެ ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދު 30 އާއި 40 އާއި ދެމެދުގައި ހުރި ނަމަވެސް، އެރަށު ކައުންސިލުން އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމުގެ ޝަކުވާ އެރަށުގެ ރައްޔިތުން ކޮށްފިއެވެ.

ނަން ނުޖެހުމަށް އެދި "ވަގުތު" އާއި ވާހަކަ ދެއްކި އެރަށު މީހަކު ކިޔައިދިން ގޮތުގައި މިއަހަރު ފެށުނު ފަހުން ފޮނަދޫގައި ކޮވިޑު ފެތުރެމުން އަންނަ ކަމަށާއި އަދި މިހާރު ކޮވިޑް ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވުމާއި ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތަށް ވެސް ގެނެސްފައިވާ ކަމަށެވެ.

ލ.ފޮނަދޫގެ މަގެއް -- ވަގުތު އިމޭޖްސް: އަހްމަދު އަނަސް

މިގޮތުން މިހާރު ރާއްޖޭގައި ފެތުރޭ އާ ވޭރިއަންޓުތައް ފެތުރެން ފެށުމާއި ގުޅިގެން މީގެ ދެ ދުވަސް ކުރިން ފޮނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ. އަދި އެރަށުގެ ވަރަށް ގިނަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް އެ ބައްޔަށް ފައްސިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ގިނަ ސުކޫލު ކުދިން މިވަނީ ޕޮޒިޓިވްވެފައި. މިހާރުވެސް ދެ ކުލާސް ވަރު އެބައޮތް އެއްކޮށް ބަންދުކޮށްފައި." ސުކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުންވެސް ފައްސިވެފައިވާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅު ކުރަމުން އެރަށުގެ މީހަކު ކިޔައިދިނެވެ.

މިގޮތުން މިކަންކަމާއި ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް ޓާސްކްފޯސްގެ މެންބަރުން ވެސް ކައުންސިލްގައި އެދިފައިވާ ކަމަށާއި އެހެންނަމަވެސް މިހާތަނަށް ކައުންސިލުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ލ.ފޮނަދޫ ސިއްހީ މަރުކަޒު؛- ވަގުތު އިމޭޖަސް- މުހައްމަދު އަފުޒަލް

"އަސްލު މޮނިޓަރިން އަށްލާ ތަންތަން އިންނާނީ އުސޫލުގައި ބުނެފައި އިންނަ ގޮތުން ކުޅިވަރު ކުޅޭ ތަންތަނާއި ހަރަކާތްތަކާއި އެއްޗެހި މަދުކުރަން ޖެހޭނެ ކަމަށް. އެއީ ހަމަ އެޗްޕީއޭ އިން ފޮނުވާ އުސޫލުގައި އޮންނަ ގޮތް. އެކަމަކު ކައުންސިލަކުން އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅާ. މިހާރު ދުވާލެއްގެ މައްޗަށް 40، 30 އެހާވަރަށް އެބަ ޕޮޒިޓިވްވޭ." އޭނާ ކިޔައިދިނެވެ.

2500 އެއްހާ މީހުން ދިރިއުޅޭ މިރަށުން މިފަހަރުގެ ސާޖުގައި ޖެނުއަރީ މަހުން ފެށިގެން އެކަނިވެސް 400 އެއްހާ މީހުން ފައްސިވެފައިވާކަމަށް އޭނާ ބުންޏެވެ. އަދި މިހާރު ޑޮކްޓަރަށް ދައްކާ މީހުން ވެސް އިންތިހާއަށް އިތުރުވެ ސިއްހީ މަރުކަޒަށް ނުކަތާވަރު ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ފޮނަދޫ ސިއްހީ މަރުކަޒުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިފަހަރުގެ ސާޖުގައި އާބާދީގެ 20 އިންސައްތަ ވަނީ ފައްސިވެފައެވެ.

މިކަމާއި ގުޅިގެން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް "ވަގުތު" އަށް ވިދާޅުވީ ބަލި ފެތުރެން ފެށުމާއި ގުޅިގެން ބައްޔާއި ގުޅޭ މައުލޫމާތުތައް މީސްމީޑިއާ މެދުވެރިކޮށް ވެސް ރަށުގެ ރައްޔިތުންނަށް ހިއްސާ ކުރަމުންދާ ކަމަށާއި އެހެންނަމަވެސް ހޭލުންތެރި ކުރުވުން ނޫން އިތުރު ފިޔަވަޅެއް މިހާތަނަށް އަޅާފައިނުވާނެ ކަމަށެވެ.

އެހެންނަމަވެސް ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ ވަރަށް ރަނގަޅަށް އަދާކުރާ ކަމަށާއި އެހެންކަމުން ރަސްމީ ސިފައެއްގައި ކުޅިވަރު ކުޅުމާއި ކުޑަކުދިން ގޮވައިގެން ޕާކުތަކަށް ދިއުން މަނާ ނުކުރި ނަމަވެސް އެއްވެސް ބަޔަކު އެފަދަ ކަންތައްތައް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މޮނިޓަރިންގެ ހާލަތުގައި އޮތީމާ އެންމެން ވެސް މާސްކު އަޅައިގެން މިއުޅެނީ، ހަވީރު ގަޑީގައި ކުޑަކުދިން ޕާކުތަކަށް ދިއުމާއި، މީގެ އެއްވެސް ކަމެއް ނޫޅޭ ހަމަ. ނުވެސް ނުކުމޭ. ފަރުދީ ގޮތުން އެންމެން ވެސް ޒިންމާ އަދާކުރޭ، ހާއްސަކޮށް ކުޑަކުދިން ނެރެގެން ގެންދިއުމެއް ނޯވޭ، ސުކޫލުގައި ގްރޭޑު 6 އިން ދަށުގެ ކިޔެވުމެއް ނޯންނާނެ. ދެން މިގޮތަށް ގޮސް އެއްވެސް ޕްރީ ސުކޫލެއް، ގުރުއާން ކްލާހެއް ނޫނީ ޓިއުޝަން ދޭ ތަނެއްވެސް ނުހިންގާ. ހާއްސަކޮށް ކުޑަކުދިންނަށް" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަވަ

    ފޮނަދޫ އެކަންޏެއް ނޫން. ފުވައްމުލައް ސިޓީގަވެސް ކޮވިޑް ނެތް ގެ އެއް ނެތް. އެކަމަކު ކައުންސިލް އަރާމު ނިންޖެއްގައި، ހޭލިވަގިތެއްވިއްޔާ ކައުންސިލުން އެޗްޕީއޭއަށް ބެވުން.
    އެންމެފަހުން ވެސް ފުވައްމުލައް މޮނިޓަރިން އަށް ލީމާ އެޗއޕީއޭ އަށް ބިރުދައްކައިގރން މޮނިޓަރިން އުވާލީ. އެހިސާބުން އެޗްޕިިއޭ ވެސް ހަނު

  2. އެދުރު

    ނުޖެހޭ އުޅޭކަށް. ފް ރޮންޓްލައިން އެލަވަންސް ލިބޭމީހުން އެކަމާއުޅެންޖެހޭނީ. ކައުންސިލްތައް ގަޅިހައްދައިގެން ލައްކަދުވަހު މަސައްކަތް ކުރުރު ރުވައިފި. ލައްކައިން ސިއްޙީމަ ރުކަޒުގެ ތިބޭ ދެތިން މީހަކު ކޮންމެ ރަށެއްޖައިވެސް އެލަވަންސް ނަގާ.

  3. Anonymous

    ދެން އެންމެން ދެއިރު ދެ ދަޅައަށް މޫދަށް ދާންވީއެވެ. ލުއި ގޮތަކަށް ގިނައިން ކަސްރަތުކޮށް ހެލިފެލިވެ އުޅެންވީއެވެ. އެތެރެހަށީގެ ލަޝްކަރު ރަނގަޅަށް ހިންގުވައިލީމާ ކޮވިޑް ބިރުން ފިލާފާނެއެވެ.