މާލޭގެ ގެއެއްގައި ދިރިއުޅެމުން އަންނަ އިސްމާއިލް ރަޝީދަށް 31، އެނދުގައި ނުތެދުވެވި އޮންނަތާ 10 އަހަރެވެ. އާއިލާގެ މެމްބަރުން ކައިރީގައި ހުރެގެން އިރުއިރުކޮޅާ ދިޔައީ އިސްމާއިލް ގައިގައި ފިރުމަމުންނެވެ. އިސްމާއިލް ދާހިއްލާތީ ކައިރީގައި ހުރި މަންމަ ދިޔައީ ކުޑަ ފޮތިގަނޑަކުން ދާތައް ފޮހެމުންނެވެ.

މީގެ 10 އަހަރު ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓަކަށް ފަހު، އިސްމާއިލް ރަޝީދަށް ނުހިނގެއެވެ. އަބަދުވެސް އޮންނަން ޖެހެނީ އެނދުމަތީގައެވެ. އެހެން މީހުންގެ އެހީތެރިކަމާ ނުލައި އެއްވެސް ކަމެއް ފުރިހަމައެއް ނުކުރެވެއެވެ. ގޭގައި ދިރިއުޅެން އޮތީ ކުޑަކުޑަ ތަންކޮޅެއްގައެވެ. މަހަކު، އެއް ފަހަރު ޑޮކްޓަރަށް ދައްކަން ޖެހުނީމަ، ހޮސްޕިޓަލާ ހިސާބަށް ދިއުމަކީ އޭނާ އަށް ބޮޑު ވޭނަކާއި އުނދަގުލެކެވެ. އާދޭސް ކުރަން ޖެހެނީ ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުން ކައިރީގައެވެ.

ނަމަވެސް ސަރުކާރުން އިއުލާން ކުރި "ބިންވެރިޔާ" ސްކީމްގެ ދަށުން އިސްމާއިލަށާއި އޭނާގެ އާއިލާގެ އިތުރު ދެ މީހަކަށް ގޯތި ލިބޭ ލިބޭ ކަން އެނގުމުން މިއިން ދުވަހަކު ނުލިބޭވަރުގެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބުނެވެ. އިސްމާއިލް އާއި އާއިލާގެ މުސްތަގްބަލް ކުރަހާލަން ލިބުނު ބޮޑު ފުރުސަތެކެވެ.

މާލޭގައި ވަރަށް ހާލުގައި ބަޔަކު ދިރިއުޅެމުންދާ ގެއެއް. --- ވަގުތު އިމޭޖަސް

"ވަރަށް އުފާވެއްޖެ ލިބުނީމަ. ލިބޭނެ ކަމުގެ އުންމީދެއް އަނެއްކާ ވެސް އާ ވީމަ. ކުއްޔަށް މިހެން އަބަދަކު ނޫޅެވޭނެ އެއްނު. ދެން އަނެއްކާ އަރާ ފައިބަން ވެސް ނުލާހިކު އުނދަގޫ." ގޯތި ލިބޭ މީހުންގެ ލިސްޓު ފާރަށް އަޅުވާފައި ހުރި ސްކްރީނަކުން ބެލުމަށް ފަހު، އުފަލުން ހުރި އިސްމާއިލް ކިޔައި ދިނެވެ.

އިސްމާއިލް ކަހަލަ ދައްޗާއި ވޭނުގައި އުޅޭ އުޅެން ޖެހިފައިވާ ލިސްޓަށް މާލޭގެ އެތައް ބައެއްގެ ނަން އެރުމުން އެމީހުން ތިބީ އުފަލުން ފޮޅިފައެވެ. އެމީހުން ތިބީ ގޯތި ހަދައި އެ ތަނަށް ވަނުމުގެ އުންމީދުގައެވެ.

މާލޭގެ ގިނަ ރައްޔިތުން މިއަދު ވެސް ދިރިއުޅެމުން އަންނަނީ، އިންސާނަކަށް ވީތީ ލިބެންވާ އެތައް އަސާސީ ހައްގަކުން މަހްރޫމްވެގެން ތިބެއެވެ. "ސާފު ވައިކޮޅެއް"، ދުވާލުގެ "ގުދުރަތީ އަލިކަމެއް" ނުލިބި އެތައް އަހަރެއްވެއްޖެއެވެ. އެއިން ކޮންމެ މީހެއްގެ ހަތަރު ފަރާތުން އުސް އިމާރާތްތައް ނަގައި "ނޭވާ ހާސްކޮށްލައިފި"އެވެ. ކުރިމަތިވަމުން ދަނީ ނަފްސާނީ ބަލިމަޑުކަމާއި އިޖުތިމާއީ އެކިއެކި މައްސަލަތަކެވެ.

މާލެއަށް އުފަން އެތައް ބައެއްގެ ޝަކުވާއަކަށް ވެފައި އޮތީ އެ މީހުންގެ މައިންބަފައިންގެ ގޯތި ބަހައިގެން ގިނަ ފަހަރަށް މާލޭގެ މީހުންނަށް ލިބެނީ ދިރިއުޅެން ވެސް ނުކެރޭހާ ކުޑަ ތަންކޮޅެކެވެ.

ކުރިން ފްލެޓް ލިބުނު ނަމަވެސް މިސަރުކާރުން ފްލެޓް އަތުލި އާއިލާއެއް
މާލޭގެ ގެއެއްގައި ދިރިއުޅޭ ބޮޑު އާއިލާއެއް.

މުނި ކާފަ ނުވަތަ މުނި މާމަ އިން ފެށިގެން ބަހަމުންދިޔަ ގެއިން މާލެ ރައްޔިތަކަށް ލިބެނީ 200 ވަރަކަށް އަކަ ފޫޓުގެ ކުޑަ ތަންކޮޅެކެވެ. އެއީ އިންސާނަކު ދިރިއުޅެން ހެޔޮވާ ވަރުގެ ތަންކޮޅެއް ނޫނެވެ. ރާއްޖޭގެ ބޭންކުތަކުން ލޯން ނުލިބި ގެ ނުހެދި ތިބި މާލޭގެ އެތައް ރައްޔިތުންނެއް ދިރިއުޅެނީ ބޮޑު ކުލި ދައްކައިގެންނެވެ.

ގަބޫލު ކުރިޔަސް، ނުކުރިޔަސް، ހަގީގަތަކީ އަމިއްލަ ގެ ނުހެދި، އެއް ކޮޓަރި ނުވަތަ ދެ ކޮޓަރި އެޕާޓްމަންޓުތަކުގައި 10،000ރ. އާއި 15،000ރ. އާ ދެމެދުގެ ކުއްޔެއް ދައްކައިގެން ދިރިއުޅެމުން އަންނަ މާލެ ރައްޔިތުން ވެސް ތިބި ކަމެވެ. ހަމައެކަނި ކުލި ދައްކައިގެން މާލޭގައި ދިރިއުޅެނީ ރާއްޖެ ތެރެ މީހުން އެކަންޏެއް ނޫނެވެ. މާލެ ރައްޔިތުން ވެސް "ގަނަތެޅޭތާ" އެތައް އަހަރެއްވެއްޖެއެވެ.

މިހާ ވަރުވީމަ ވެސް ބައެއް މީހުން ތިބީ މާލެ ރައްޔިތުންނަށް ގޯތި ލިބޭތީ ނުރުހިފައެވެ.

މާލޭގެ ނިކަމެތި ރައްޔިތެކެވެ؛ ކާފަގެ ގޯތި ބަހައިގެން ބައްޕައަށް ލިބުނީ ދެ ކޮޓަރީގެ ކުޑަތަންކޮޅެކެވެ. ބައްޕަގެ ނުވަ ކުދިން ތިބުމުން އެ އެންމެން ދިރިއުޅެން ޖެހުނީ އެ ކުޑަ ތަންކޮޅުގެ ތެރޭގައެވެ. އެންމެ ފަހުން އެމީހުންގެ ދަރިން ބޮޑެތިވެގެން އައިއިރު ވެސް އުޅެން ޖެހުނީ އެއްކަލަ ކުޑަ ތަންކޮޅުގައެވެ. އެކަމަކު، މި އާއިލާ އަށް ވެސް އުންމީދެއް ލިބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯއްޗާއެކުގައެވެ. ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު 10،314 މީހުންގެ ތެރޭގައި އެ އާއިލާ ހިމެނުމަކީ އެމީހުންނަށް ލިބުނު ބޮޑު އުފަލެކެވެ.

މިއަށް ވުރެ ބޮޑު އުފަލެއް ވަކި ކޮބައިތޯއެވެ؟

ޓެކްސީއެއް މާލެ މަގުމަތިން ދަތުރު ކުރަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ފެށި މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުން ގޯތި ދޭނެ އަދަދުތަކެއް ކަނޑައަޅައިފައެވެ. ކޮންމެ ރަށަކުން 2،000 ގޯއްޗާ އެކު، ޖުމްލަ 6،200 ގޯތި ދޭނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އާދިއްތަ ދުވަހު ވަނީ އިއުލާން ކުރައްވައިފައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ޖުމްލަ 23،088 މީހުން ހުށަހެޅި އިރު، އޭގެ ތެރެއިން 19،858 މީހަކު ވަނީ ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވެފައެވެ. މި ބުރުގައި އެ އެންމެންނަށް ގޯތި ނުދެވުނަސް، ސަރުކާރުގެ އަމާޒަކީ ޝަރުތު ހަމަވާ އެންމެންނަށް ވެސް މާލެ އިން ގޯތި ކަނޑައި ދިނުމެވެ.

ގޯއްޗާ ގުޅިގެން ސަރުކާރުން އާންމު ކުރި މައުލޫމާތުތައް:

- ގޯއްޗަށް އެދި ހުށަހެޅީ 15،164 ފޯމް، އެއީ 23،088 މީހުން.
- ޝަރުތު ހަމަވަނީ 19،858 މީހުން. އެއީ 12،794 ފޯމް.
- ޝަރުތު ހަމަނުވަނީ 3،231 މީހުން. އެއީ 2،370 ފޯމް.
- ފުރަތަމަ ބުރުގައި 6،200 ގޯތި ދޭނެ.
- ޝަރުތު ހަމަވާ 9،544 މީހުން (ޖޮއިންޓްކޮށް ބައިވެރިވެވޭނެ)
- ދާއިމީ ލިސްޓު އިއުލާންކުރާ އިރު، ގޯތި ލިބޭ މީހުންގެ އަދަދު އިތުރުވާނެ.

ކުރިން ގަދަ އަވީގައި ކިއޫގައި، މިހާރު ފިނި ކޮޓަރީގައި!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި ފްލެޓުތަކަށް ފޯމް ހުށަހަޅަން ހުޅުވާލުމުން އެތައް ބަޔަކު ފޯމް ހިފައިގެން ދާން ޖެހުނީ ހައުސިން މިނިސްޓްރީއަށެވެ. ގިނަ ބަޔަކު ކިއުގައި އެތައް ގަޑިއިރަކު މަޑު ކުރަން ޖެހުނެވެ. އޭރު "ނިދި ނަގާލާފައި" ނުވަތަ "ޑިއުޓީ ބަހާ" އުސޫލުން ގޭގައި ހުރި ގޮނޑި ހިފައިގެން ކިއުގައި ތިބި ދުވަސް ދިވެހިން ހަނދާނުން ނުނެތެއެވެ. މީހުންނަށް ފައިސާ ދީގެން ކިއުގައި ބޭނދުވިއެވެ. އެކަމަކު، މިހާރު އެއީ މާޒީއެވެ.

މިފަހަރު ގޯއްޗަށް ހުޅުވާލިއިރު މިފަހަރަކީ އެންމެ ފަސޭހަ އިން ގޯއްޗަށް އަދި ފްލެޓަށް ކުރިމަތިލެވުނު ފަހަރެވެ. މިފަހަރު ފްލެޓު، ގޯތި ފޯމް ހުށަހަޅަން ޖެހުނީ އޮންލައިންކޮށެވެ. ފިނި ކޮޓަރީގައި ހުރިހާ ކަމެއް ނިންމާލެވުނެވެ. ހައުސިން މިނިސްޓްރީގެ އައިޓީ ޓެކްނީޝަނުންނަށް ތައުރީފް ހައްގު އަދި ކުރި ބުރަ މަސައްކަތެކެވެ.

ފްލެޓަށް އެދޭ ފޯމް ހޯދުމަށްޓަކައި ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި.---ފޮޓޯ: މިހާރު

ހައުސިން މިނިސްޓްރީގެ ސީނިއާ ޑިރެކްޓިވް އޮފިސަރު މުހައްމަދު އާރިފް ވިދާޅުވީ މީގެކުރިން ފެނިގެން ދިޔައީ ފްލެޓަށް ނޫނީ ގޯއްޗަށް ހުޅުވާލުމުން "އަރައިގަންނަ" އުސޫލުން ބަޔަކަށް އަނިޔާވެ، އަދި އަތުން ހަރަދުކޮށްގެން ކިއުގައި މީހުން ބައިތިއްބައިގެން ފޯމް ހުށަހެޅި ޒަމާނެއް ކަމަށެވެ. އެކަން ނިމުމަކަށް ގެނެސް، ހާއްސަ ޕޯޓަލްއެއް ގާއިމު ކުރީ ރައީސް ސޯލިހްގެ ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އާރިފް ވިދާޅުވި ގޮތުގައި ދުނިޔޭގެ 64 ގައުމެއްގައި ތިބެގެން ފޯމް ހުށަހަޅާފައިވެއެވެ. މިހާ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ސަބަބަކީ މިކަން ކުރެވޭނެ ފަސޭހަ ގޮތެއް ފަހިކޮށްދެވިފައި އޮތީމަ ކަމަށް އޭނާ ވިދާޅުވިއެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓް އެކުލަވާލި އިރު، އެންމެ ބޮޑު އެއް މައްސަލައަކަށްވީ ބިދޭސީންގެ ބަޔަކަށް ވެސް ގޯތި ލިބުމެވެ. އަނެއް މައްސަލައަކީ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި އެ މީހުންގެ އާއިލާ ގޯތި ލިސްޓުގައި އޮތުވެ. ރާއްޖޭގެ ބައެއް މަހުޖަނުންނާއި ބައެއް ކުންފުނިތަކުގެ ވެރިންގެ އާއިލާތަކާއި ނިސްބަތުން ބޮޑު އާމްދަނީއެއް ލިބޭ ގިނަ ބަޔަކު ވެސް ވަގުތީ ލިސްޓުގައި އޮތުމެވެ.

ބައެއް މީހުން އަންނަނީ އެ މީހުންނަށް ގޯތި ލިބުން ހައްގު ނޫން ކަމަށް ބުނަމުންނެވެ. ބިދޭސީން ގޯތީގެ ލިސްޓުގައި ތިބުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުދެކެމެވެ. ގޯތި ލިސްޓް ފައިނަލް ކުރާ އިރު، ކޮމިޓީން މިކަންކަން އިސްލާހު ކުރާނެ ކަމަށް ބެލެވެއެވެ.

މާލެ އިން ބިން ލިބުނު އާއިލާއެއް ދިރިއިއުޅޭ ތަންކޮޅު.

"އުސޫލުން ބޭރެއް ނުވަން، ޝަކުވާ ނައުމަކީ ކާމިޔާބެއް"

ގެދޮރުވެރިންގެ ކޮމިޓީގެ މެމްބަރު ކަން ވެސް ކުރައްވާ އާރިފް ވިދާޅުވީ ގޯތި ލިސްޓާ ގުޅިގެން މިހާތަނަށް ހުށަހެޅި 600 ޝަކުވާ ހުށަހެޅި އިރު، ގިނަ މީހުން ބޭނުންވީ ޖޮއިންޓްވުމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ނުވާތީ އެކަމާ ގުޅޭ މައުލޫމާތު އޮޅުންފިލުވަން ކަމަށެވެ. އެހެންވެ، މިވަރުގެ ބޮޑު ކަމެއް ނިންމާލި އިރު، ބޮޑެތި ޝަކުވާތަކެއް ނައުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އާރިފް ވިދާޅުވި ގޮތުގައި މިހާތަނަށް އައިއިރު 70 އިންސައްތައަކީ ޝަކުވާއެއް ނޫނެވެ.

އާރިފް ވިދާޅުވި ގޮތުގައި އައިޑީ ކާޑް އެކަނި ޖަހާފައި ފޯމް ހުށަހެޅި މީހަކަށް ވިޔަސް، އުސޫލުގެ ތެރެއިން ލިބެން ޖެހޭ ހުރިހާ ހައްގެއް ވަނީ ލިބިދީފައެވެ. އެގޮތުން އާއިލާއާ ގުޅޭ މައުލޫމާތާއި ބޯހިޔާވަހިކަމާ ގުޅޭ މައުލޫމާތު ނުލިބުނަސް، ކޮމިޓީން ޒިންމާ ނަގައިގެން މުޅި ދައުލަތުގެ ތެރޭގައި ހުރި ހުރިހާ މައުލޫމާތެއް ހޯދައިގެން އެމީހަކަށް މާކްސް ދީފައި ވާނެ ކަމަށް ވެސް އާރިފް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކޮމިޓީގެ ނައިބު ރައީސް އަނަސް އަބްދުއްސައްތާރު ވިދާޅުވީ މި ސަރުކާރުން ދައްކުވައި ދިނީ ކޮންމެ ހިސާބެއްގައި ހުއްޓަސް، ފަސޭހަކަމާ އެކީގައި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމެވެ. އެހެންވެ، މިއީ ލިބުނު ކުރިއެރުމެއް ކަމަށް އަނަސް ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހައުސިން މިނިސްޓްރީ

އަނަސް ވިދާޅުވި ގޮތުގައި އެންމެ ފަހުން، ހިޔާ ފްލެޓު ލިސްޓް އާންމު ކުރިއިރު، ފެންނަން ހުރީ ހަމައެކަނި ފޯމް ނަންބަރެކެވެ. އޭގެ ސަބަބުން އެއީ ކޮން ބައެއް ކަން ލިސްޓަށް ބަލާލީމަ ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، މި ސަރުކާރުން ވަރަށް ތަފްސީލްކޮށް ލިސްޓް ނެރުނީމަ ބައެއް ގޭގޭގެ ނަމާއި މީހާއާ އެއްކޮށް މީސް މީޑިއާގައި އާންމު ކުރަމުން އަންނަ ކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް ފާހަގަ ކުރެއްވި ގޮތުގައި އުސޫލުން ބޭރުން ނުވަތަ ބޭއިންސާފުން އެއްވެސް މީހަކަށް ގޯއްޗެއް ދީފައެއް ނުވާނެއެވެ.

"އެބޭފުޅުން ތިއްބެވި ހާލަތު އެނގޭނީ އެބޭފުޅުންނަށް. މިސާލަކަށް އާއިލާއާ އެކީގައި ހަތް ބޭފުޅުން، އަށް ބޭފުޅުން، ނުވަ ބޭފުޅުން އެބަހުރި ކުރިމަތިލައްވާފައި. މާލޭގައި އާންމުކޮށް މި ހުންނަނީ ހާހެއްހާ އަކަ ފޫޓު. އެއިން ކޮންމެ ގެއެއް ބަހާލީމަ އެ ލިބެނީ މީހަކަށް 400، 300 ނުވަތަ އެއަށް ވުރެ ވެސް މަދުން. އެޕްލިކޭޝަން އައިއިރު އެބަތިބި 11 އަކަފޫޓު ލިބޭ ބޭފުޅުން ވެސް،" އަނަސް ވިދާޅުވިއެވެ.

ޖޮއިންޓް ވެވޭނީ ކިހިނެއް؟

ވަގުތީ ލިސްޓު އިއުލާން ކުރި އިރު، ގޯއްޗަށް ޝަރުތު ހަމަވާ 9،544 މީހުން ތިބި އިރު، އެމީހުންނަށް ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި އަލުން ފޯމް ހުށަހެޅުމުގެ ފުރުސަތު އޮތީ ފަހިވެފައެވެ.

ޖޮއިންޓް ކުރަން ބޭނުންވާ މީހާއަކީ ބިންވެރިޔާގެ ވަގުތީ ލިސްޓް ސްޓޭޓަސް ކޮލަމްގައި "ޝަރުތު ހަމަވޭ، ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް" ފަރާތަކަށް ވާން ޖެހެއެވެ. އަދި އެމީހަކީ ތިމާގެ ބައްޕަ، މަންމަ، އެއްބަނޑު/އެއްބަފާ، އަނބިމީހާ/ފިރިމީހާ، ދަރިއެއް ކަމުގައި ނުވަތަ ތިމާއާއެކު އެއްމެދު އިމާރާތެއްގައި ރަޖިސްޓްރީވެފައި އޮތް މީހަކަށް ވާން ޖެހޭނެއެވެ.

އަނަސް ވިދާޅުވީ ޝަރުތު ހަމަވާ މީހުން، ޕޯޓަލް މެދުވެރިކޮށް ޖޮއިންޓްވުމަށް އެހެން މީހުންނަށް ރިކުއެސްޓް ފޮނުވޭނެ ކަމަށެވެ. އަދި ރިކުއެސްޓް ލިބޭ ފަރާތުން ޕޯޓަލްއަށް ވަދެ އެ ރިކުއެސްޓް ބަލައިގަންނަން ޖެހޭނެ ކަމަށް އަނަސް ވިދާޅުވިއެވެ. އެހެން ނޫނީ ސިންގަލް އެޕްލިކަންޓެއްގެ ގޮތުގައި އަނެއްކާ އެވަލުއޭޓް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ ޖޮއިންޓް ވާނެ އިތުރު ފަރާތެއް ނެތް ކަމަށް ބުނެ، ބައެއް މީހުން ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ. އެމީހުން އިތުރު އެއްވެސް ކަމެއް ކުރަން ނުޖެހޭނެ ކަމަށް އަނަސް ވިދާޅުވިއެވެ.

"އަލުން އެބޭފުޅެއްގެ ނަން ސިންގަލް އެޕްލިކަންޓެއްގެ ގޮތުގައި އިވެލުއޭޓްކޮށްގެން ދާއިމީ ލިސްޓް ނެރޭނަން. އެބޭފުޅުންނަށް ވާނެ ގޮތް ފެންނާނެ ދާއިމީ ލިސްޓު ނެރޭއިރު،" އަނަސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ގުޅީފަޅުގައި. ---ފޮޓޯ: ރައީސް އޮފީސް

މާލޭގައި ފަސް ސަތޭކަ އަކަފޫޓު ހުންނަވަރުގެ ގެއެއްގެ ރަޖިސްޓްރީގައި 20-30 މީހުން ވެސް ދިރިއުޅެއެވެ. މުނި ކާފަ ގެ، ކާފައިން ފެށިގެން ގޮސް ކާފަގެ ދަރިން ފެށިގެން ކައިވެނި ހަލާލްވާ މީހުން އެއް ކޮޓަރީގައި ނިދާ ހިސާބަށް ވަނީ ގޮސްފައެވެ. ސަރުކާރުން ފަހިކޮށް ދިނީ މިއިން ކޮންމެ އާއިލާއެއް ވަކި ތަނަކަށް ގޮސް، ދިރިއުޅުން ބިނާ ކުރެވޭނެ ތަނެކެވެ. މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތި ލިބުނު މީހުންނަށް ގޯތި ދޭނެ ތަނެއް ކަނޑައަޅާނީ އެންމެންގެ މެދުގައި ނަގާ ގުރުއަތަކުންނެވެ.

މާލޭގެ ރައްޔިތުން މިހާރު އިންތިޒާރު ކުރަމުން ދަނީ "އިން ވަކިކޮށް" ގޯތީގެ ފަތް ދޭނެ ދުވަހަކަށެވެ. ސަރުކާރުން ދޭ ޔަގީންކަމީ އަންނަ މަހު ގޯތިތައް ހަވާލު ކުރާނެ ކަމެވެ. އޭގެ ކުރިން، މިހާރު ހިއްކަން ފަށާފައިވާ ގުޅީފަޅާއި ގިރާވަރު ފަޅު ވީހާވެސް އަވަހަށް ހިއްކައި ނިންމައި އެ ތަނުގައި ދިރިއުޅެވޭ ވަރުކޮށްދޭން ޖެހެއެވެ.

ކޮންމެއަކަސް، މާލޭގައި ރަޖިސްޓްރީވެފައި އޮތް އުމުރުން 18 އަހަރުން މަތީގެ 54،376 ގެ ތެރެއިން 10،314 މީހުންނަށް ގޯތި ލިބުމަކީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އުމުރު ދުވަހު ގަނަތެޅެން ޖެހުނު ޖެހުމަށް ނިމުން ގެނެސް އުންމީދެއް ގެނުވި ކަމެކެވެ. މިއީ މީގެކުރިން އުފެދުނު އެއްވެސް ސަރުކާރަކުން މާލެ ރައްޔިތުންގެ ހައްގުގައި ކޮށްލަން ނުކެރުނު، ޖެހިލުން ކުޑަ ނިންމުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ރައްޔިތުސޮރު

    މާލޭގެ ނިކަމެތި ރައްޔިތުންނަށް ގޯތި ހައްޤު އެކަމަކު މައްސަލައަކީ 40 އަހަރު މާލޭގެ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުނު ނިކަމެތިމީހާ މާލޭގެ ރައްވެއްސަކަށްނުބަލައި އިންސާފުން އެއްކިބާވެ ނަސްލީ ތަފާތުކުރުން! އިބޫއަށް ވޯޓުން މިނަތީޖާފެންނާނެ! މާލޭގަ ދިރިއުޅޭ ގިނަމީހުންގެ އާޢިލާތަށް ގުޅިފަވަނީ އަތޮޅުތެރެއަށް!

    111
    19
    • ޙިމްނާ

      މާލޭ ބޮޑެތި މަހުޖަމުންނަށް ބިން ލިބުނި.ޥިޔަފާރި ކުރާ..ބޭރުގައި ދިރިއުޅޭ

      62
      4
    • އމތ

      މޮޅެތި ވާހަކަ ނުދައްކާ. ޔާމީނުގެ ވެރިކަމުގަައި ހިޔާ ފުލެޓުތަކުގައި ގިނަވާނީ ދަފްތަރު މީހުން.

      ދޮގު ފޯމްތައް ލައިގެން ފަޅާއެރީމާ ދަފްތަރުވެސް އެއޮތީ އެ ވެރިކަމުގައި އަމިއްލައަށް (ދޭން ބޭނުންވާ މީހުންނަށްދީ ނިމުނީމާ) ބަންދު ކޮށްލާފަ.

      ދެން ނާހާތި ދަފްތަރަކީ އެއީ ކޯއްޗެއްތޯ. ވެދުން

      20
      37
    • މާލް

      ޢިސްމާއީލް އަށް ރަހުމަތް ލައްވާށި. މައްސަލަ އަކީ ގޯތިދިނުމެއް ނޫން. މައްސަލަ އަކީ ސަރުކާރުތަކުގެ ނުކުޅެދުންތެރިކަމާއިހުރެ ދިރިއުޅުމުގެ އަސާސީ ބޭނުމާއި ހިދުމަތައް މާލެއަށް ބަދަލުވި އެތައްދިވެހި އާއިލާއެއް އުޅެން އެތަންމިލިޔަނުން ކުލިދައްކާފަ، މާލެ ވީމަ ގޯތި ހިލޭވުން. ޢަދި އެވެސް ދައުލަތުން ހަރަދުކޮށް ބިން ހިއްކާފަ. ގާނޫނުގަ ސާފުކޮށް އެނގޭ އަސްލަމްއަށް ތި ގޯތިތައްވެސް ނުދެވޭކަން. ގާނޫނުގަ އޮތީ ބަންޑާރަގޯތި ދެވޭނީ ސިޓީކައުންސިލަށްކަން.

      27
      2
    • ބޭބެ

      އަސްލު މާލެއިން މާލެ މީހުންނަށް ގޯތިތައް ދީ މާލޭގެ ބިންވަނީ މީގެ އެތައް އަހަރެއްކުރިން ނިމިފަ!! އެކަން ހަމަހޭގަ ތިބެގެން ވިސްނާ ބަޔަކަށް އެނގޭނެ!! މައުމޫނުގެ ވެރިކަމުގެ ކުރީ ކޮޅުން ފެށިގެން (1978 ވަނަ އަހަރާ ހަމަޔަށް އޮތް މާލެ) މާލެއިރުމަތީ ފަރާތާއި އަދި ދެކުނު ފަރާތުން ކަނޑުގެ ފަރާއި ހަމަޔަށް ހިއްކާ މާލެއިން ބިން ހިއްކެން އޮތް އޮތް އެންމެ ބޮޑުކޮށް ވަނީ ހިއްކާ މާލޭގެ ރައްޔިތުންނަށް ގޯތި ދީ އެވެރިކަމުގެ ނިންމާފަ!! މިހާރު ކަލާފާނު ސްކޫލުވެސް އެހެރީ މައުމޫނު ވެރިމަށް އައިއިރު މޫދު އޮތްތަނެއްގަ!! ދެން މައުމޫނު ހުޅުލެ ފަޅުތެރެއިން ބިން ހިއްކާވެސް ހަމަ ގޯތި ދިނީ މާލެ ރައްޔިތުންނަށް އެފަޅަށް "ހުޅުމާލެ" ނަމުން ނަންދީ! އަސްލު އެހެންވެގެން ނުވާނެ!! އެއީ މާލޭގެ ބިމެއްނޫން!! މިހާރު ހުޅުލެ ފަޅުތެރޭ ހިއްކާފައިއެވާ ބިމުން ހަމައެކަނި މާލެ ރައްޔިތުންނަށް ގޯތި ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް!! އެބިމުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެއް ހަމައަކުން އެއް އުސޫލަކުން ބިން ދޭންޖެހެނީ! މާލެ ކައިރީ ހުރިހާ ފަޅެއް ހިއްކާ މާލެ ރައްޔިތުންނަށް ގޯތި ދިނުން އެއީ ހަމަޖަހޭ ކަމެއްނޫން!! ތިޅަފުށީ ފަޅު ހިއްކާފަ "ތިލަމާލެ" ކިޔާ މާލެ ރައްޔިތުންނަށް ގޯތި!! ގުޅި ފަޅު ހިއަކާ "ގުޅިމާލެ" ކިޔާ މާލެ ރައްޔިތުންނަށް ގޯތި!! މިއީ އަޖައިބެއްނޫން!! މާލޭގެ ބިން ހުސްވިތާ އެތައް އަހަރެއްވެއްޖެ!! މާލެ މީހުނަށް މިކަން އެގެންޖެހޭ އެބަ!! 15 މިލިޔަންގެ ބިންތައް ހިލޭ ނުޙައްގުން ހޯދާ ބުރިބުރިއަށް ނަގާ ހެސްކިޔާފަ ޖީބު ބަރުކުރަން އުޅޭ ވިސްނުން މާލެ މީހުން ދޫކޮށްލަންޖެހޭ!! ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުލެ ފަޅުގައި ހިއްކާފައިވާ ބިމުން ގޯތި ދޭންޖެހޭނެ!!

      40
      19
  2. ސަމަރު

    އަނެއްކާ މުއްސަނދި މަހުޖަނުންނަށް ބިންތައް ބަހާލުމުގެ އިތުރުން މާލޭގައި އުފަންވިއޭ ކިޔާފައި އެތައް ބިމެއް ވާރުތަވާންތިބި ބަޔަކަށް ބިންތައް ބަހާލުމުންނާއި އަދި މިބިން ތަކަކީ ދެންތިބި ރައްޔިތުންގެ ވެސް ހައްގު މުދަލަކަށް ވީހިނދު އެމީހުންގެ ނުރުހުމާއި ނަފްރަތާއި ރުޅިވެރިކަން މިކަމުގައި އޮންނާނެކަން ގަބޫލު ކުރަންޖެހޭ! އަނެއްކާ ދެރަ ނިކަމެތި ފަޤީރަކަށް ބިމެއް ދިނަސް އެބިން އަގުބޮޑުކޮށް ދިގު މުއްދަތަކަށް ނަގާނީ މުއްސަނދި މަހުޖަނު މީހާ! މިއަށްވުރެ މާރަނގަޅުވާނެ އެމީހުން އަށް ފްލެޓް ދިންނަމަ.

    60
    9
    • ޝިމާން

      ރަށްރަށުމީހުނަށް ހިލޭ ބިން ރަށުން ލިބޭ ފަދައިން މާލެ މީހުނަށްވެސް ލިބެންޖެހޭ. ރައީސް އިބޫ ގެ ނިންމެވުން ރަނގަޅު. ޢުއްމީދުމުރަން ރައްޔިތުންނަށް ވައުދުވި ފަދައިން ގޯތިތައް ރަސްމީކޮށް ހަވާލު ކުރައްވާނެ ކަމަަށް. ޢަދި ރާއްޖޭގެ އަތޮޅުތަކުގައިވެސް ބިންވެރި ޕްރޮގްރާމް އިތުރަށް ފުޅާވެ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ކުރިއަށް އޮތް ދުވަސްތަކުގައި ބޯހިޔާ ވެހިކަން ކަށަވަރުވެގެން ދިޔުން.

      32
      33
      • ޢާމިރާ

        ރަށްރަށު މީހުނެކޭ މާލޭ މީހުނެކޭ ތަފާތެއް އޮވެގެން ނުވާނެ. މާލޭ މީހުނަށް އެ މީހުން އެދުނީމާ ރަށްރަށުންވެސް ހިލޭ ގޯތި ލިބިފައިވާކަން ޝިމާނަށް ނޭނގުނީ ޅަކަމުންތޯއެވެ. ޢެ އުސޫލުން މާލޭ ބިމުން ރަށްރަށުމީހުނަށް ގޯތިލިބެން ޖެހޭކަން ނުވިސްނެނީ ޝިމާނުގެ ކަނޑުކޮސްކަމުންނެވެ.

        20
        15
  3. ޢަތޮޅު

    ކިހާ ދެރަކަމެއް. ރާއްޖެ ތެރެއެއް ނޫން.

    13
    3
  4. Anonymous

    މާލޭގެ ގިނަ މީހުންނަކީ ބިން އޮތަސް، ގޯތި ދިނަސް ގެދޮރު އަޅަން ދަންނަ ބަޔެއް ނޫނެވެ. ރާއްޖެގެ ތެރޭ މީހަކަށް ދިގު މުއްދަތަށް ކުއްޔަށް ދީގެން ނުވަތަ ރާއްޖެތެރޭ މީހަކާ އެކު އެއްބަސްވެގެން އެމީހާ ލައްވާ ލޯނެއް ނަގައިގެން ގެދޮރު ހަދައެވެ. ހިތާމައަކީ ގެދޮރު ހަދައި އިމާރާތްކޮށް ނިމޭތަނުން، އެއްބަސްވުމާ ޚިލާފަށް ރާއްޖެތެރޭ މީހާ ގެއިން ބޭރުކޮށް، އޭނާގެ އަތުން އިމާރާތް އަތުލައި އޭނާ ނިކަމެތިކޮށްލާކަމެވެ. މިހެން އުޅޭ މާލޭ މީހުން ވެސް މަދެއް ނޫނެވެ. މިބުނި ކަހަލަ މާލޭ މީހުން ވެސް ލަސްތަކެއް ނުވެ ކަށްވަޅަށް ދާންޖެހޭނެއެވެ. ގިޔާމަތްދުވަސް އަންނާނެކަން ގަބޫލުކުރާނަމަ ރާއްޖެތެރޭ މީހުންނަށް މާލޭ މީހުން އަނިޔާވެރިއެއް ނުވާނެއެވެ.

    28
    10
  5. ޢަލީ

    މިހާ ނިކަމެތި އާއިލާއެއް ދެން ގެދޮރު އަޅަނީ ދަނޑި ފަނުންތޯ، ގޯތި ދިނަސް ނަކަމެތިންނަށް ނުވެސް ހެދޭނެ...ގޯތި ޙައްޤުވާމީހުނަށް ނުވެސް ހެދޭނެ..މާ ރަނގޅުވާނެ ފުލެޓު އަޅާފަ ހެހޮ އަގެއްގަ ދިނިއްޔާ

    50
    7
  6. Anonymous

    މާލޭ މީހުނައް ބިންދީގެން މައްސަލައެއްނެތް ، މައްސަލަޔަކީ މާލޭގަ ގެދޮރު އޮތް ބޮޑެތި މުއްސަނދިންނައް ބިންދިނީމަ.

    59
    4
  7. ދިވެހިބިން

    މިއީ ކަނޑައެޅިގެން ރައީސް އިބޫ އުފެއްދި ފިތުނައެއް. އެންމެ ކުޑަމިނުން 500 އެއްހާ ގޯތި ރަށްރަށުންއައިސް މާލޭގަ ވަޒަންވެރިވި މީހުންނަށް އެލޮކޭޓްކުރިނަމަ މިމައްސަލަ މިހާ ގޯހެއްނުވީސް.

    27
    14
  8. ލަންސިމޫ

    ރަށްރަށުގަ ދިރިއުޅޭ މާލޭ މީހުނާށް އެރަށްރަށުން ގޯތި ނުލިބެނީ ކީއްވެ؟؟؟ މިމީހުންގެ އަމިއްލަ އެދުން ބޮޑުކަމުން މާލޭގެ ރައިއްޔަތުންގެ ހައްގުތަށް ފޭރިގަންނަންބޭނުންވަނީ މިމީހުނަށް ގޯތި ރަށުގަ އޮއްވާ މާލޭގެ ރައިއްޔަތުންގެ ބިމާއި ފްލެޓްވެސް ދޭންވީ މިމީހުނަށް ލަދެއް ހަޔާތެއް ރަހުމެއް ހަމްދަރުދީ އެއް އަގަލެއް ކުލުނެއް ބިރެއް ނެތް....

    27
    24
    • Anonymous

      ރާއްޖެތެރޭ ރަށްރަށުން ބިމާއި ގެދޮރު ލިބިފައިވާ މާލޭ މީހުން ވެސް އެބައުޅެއެވެ. ރާއްޖެތެރޭ ރަށްރަށް ލިބިފައިވާ މާލޭ މީހުން ވެސް އެބައުޅެއެވެ. އޮޅުވާލަން ނޫޅޭށެވެ.

      20
      9
  9. ސަރުތު

    މާލޭގަ އައިސް ދުވަސްކޮޅަކު އުޅެލަން ވާއިރަށް މާލެއިން ،ހުޅުމާލެއިން، ވިލިމާލެއިން، ގުޅިފަޅުން ބިން ކަނޑާފަ ދޭންޖެހޭތަ

    25
    14
    • م

      ހުޅުމާލެ ގުޅިފަޅު ވިލިމާލެ ތިލަފުށި މިރަށްތަކަކީ މާލެ ތަ؟ އެހެންކަމަށް ވަނަޏާ މުޅިރާއްޖެ އިންވެސް ސަރުކާރުގެ ޚަރަދުގައި ހިއްކާ ކޮންމެބިމަކީ މާލޭމީހުންގެ ތަނެއް މުޅިރާޖޭގެ އެންމެން ގެ ފައިސާއަކީ ހަމައެކަނި މާލޭމީހުންގެ އެއްޗެއްކަމަށް މިވަނީ ! އެއީމުޅިންބޭއިންސާފެއް ސީދާ މާލޭގެ ބިމުން މާލެ މީހުން ނޫންމީހަކަށް ނުދެވެންވާނީ ސަރުކާރުން ހިއްކާ ސީދާމާލެނުން ބިންތައް، ބިމުގެ ދަތިކަން އޮތްކޮންމެ ރައްޔިތަކަށްވެސް ހައްގުވާނެ!

      21
      3
  10. ފާއިޒު

    ޝަކުވާ ނުކޮށް މި ތިބީ އުސޫލުން ބޭރުން ކަމެއް ނުކޮށް އޮތީމަކާ ނޫން. މުޅި ޕްރޮޖެކްޓް ވެސް އޮތީ އުސޫލުން ބޭރުގަ. އެނގޭ ޝަކުވާކުރިނަމަވެސް ހަދާނީ ބޭނުންގޮތެއް ކަން

    26
    5
  11. ލާދީނީ

    މާލޭގައިދިރިއުޅޭ ނިކަމެތި ރައްތުން:
    މަޖްލިސް މެމްބަރުން. ބޭސްފަރުވާ ޢާއިލާއެންމެނަށް ހިލޭ. މެމްބަރަކަށް ވާދުވަހުން ފެށިގެން
    ބޮޑެތި ވިޔަފާރިވެރިން. ދައުލަތުން މިމީހުްނބެ ވިޔަފާރި ބަލަހައްޓާދޭ
    ނައިބުރައީސުން. އުމުރަށް ދައުލަތުން ޚަރަދުކޮށްބަލަހައްޓާ.
    އުމުރަށް ޖަލަށްލާފައިތިބިމީހުން. ދައުލަތުން އުމުރަށް ބަލަހައްޓާ.
    ރާއްޖެިންބޭރު އިންޑީޔާ މީހުން.
    ކުންފުނިތަކުގެ ވެރިން.

    23
    3
  12. ދީގެން

    ސަލާމްތް އެއްގޮތެއްވެސް ނެތް! ފުލެޓް ދިނީމަ ބުނާނެ ކޮތަރު ކޮށްޓެކޭ! ގޯތި ދިނީމަ ބުނާނެ ދެން ކިހިނެއްހޭ ގެ އަޅާނީ! ކީއްކުރާނީ! ޝުކުރު ވެރިވާކަށް ނުދަނެ!

    14
    1
  13. ހުސޭނުބޭ

    އެހެންވެދޯ ރައީސް ޔާމީނު ހިޔާ ޓަވަރުތައް އެޅީމާ އެކަން ހަޖަމުނުވެގެން ކޮތަރުކޮއްޓޭ ތިތަން ތަޅާލާނަމޭ ގޮވީ. ދެން ވޯޓު ކައިރީވީމާ ގޯތިން އުފާވެރިކަމޭ ކިޔާފަ ކަނޑުއަޑިން ގޯތިދިނީ. 5 އަހަރުވަންދެން ވައްކަންކޮށްފައި ވޯޓުކައިރިވީމާ މޮޅު ވާހަކަދެއްކުން މި ސަރުކާރުގެ ކަމަކީ.

    28
    4
  14. އއ

    ސުވާލަކީ ގާނޫނުގައި ގޯތިދެވޭނީ ކަ

    8
    2
  15. އއ

    ސުވާލަކީ ގާނޫނުގައި ގޯތިދެވޭނީ ކައުންސިލް ތަކައް ކަމުގަ ބުނެފަވާއިރު އެއާޙިލާފައް ތިގޮތައް ދޭގޯތީގެ މައްސަލަ ހަމަޖެހޭނެ ގޮތަކީ ކޮބައިބާ؟؟؟ ތިދިނުން ބާތިލުކުރަން ސްޕްރީމް ކޯޓައް މައްސަލަ ލާނެ މީހަކު ނެތިގެން އުޅެނީ ކީއްވެބާ؟؟؟؟

    16
    6
  16. ފަލަކް

    އަލްޙަމްދު ލިއްލާހި، އަވަސް ޝިފާއަކަށް އެދެން، ދުޢާއަކީ ލިބުނުގޯތީގަ ގެއެއް އެޅޭނެގޮތެއް މެދުވެރި ކުރައްވާ ހެޔޮ ޙާލުގާ އެގޭގައި ދިރިއުޅެވޭނެ ދުވަހެއް މާތްﷲ ދެއްކެވުން،
    މާލޭގެ މިފަދަ ނިކަމެތި ޙާލުގަ ކުޑަތަންކޮޅެއްގަ ދިރިއުޅެން ޖެހިފައިވާ ޢާއިލާތަކަށް ގޯތި ލިބުނީމަ ދަފްތަރުމީހުންވެސް،އަދި ރަށްރަށުގެމީހުންވެސް ރުޅިއެއްނާދޭ،
    އެކަމަކު ވަަރަށް މުއްސަނދި މާލޭގަ ވަރަށް ބޮޑަތި ބިންހުރި މީހުނަށްވެސް، ގޯތި ލިބުނު،
    40 އަހަރު މާލޭގަ ޙާލުގަ ދިރިއުޅޭ ދަފްތަރުމީހުންނަށް ފުރުސަތު ނުލިބުނީމަ ވަރަށް ދެރަވޭ،

    21
    3
  17. ފްރޯޑް

    އައިޑީ ކާޑުއުނިޓުގެ ހުރި މައުލޫމާތު ގަ ގަޑެއް ގެއްލިގެންވެސް ދުވަހަކުވެސް ރާއްޖެތެރޭގެ ރަޖިސްޓްރީ ނެއްމީހަކައްވެ’ އެބަ ސަރުތު ހަމަވޭ. މިކަމުގަ ފްރޯޑު ހިމެނޭ

    6
    2
  18. ރާނީ

    ކާކަށް ކޮންތާކުން ގޯތި ކަނޑާފަ ދީގެންތޯ ރައްޔިތަކު އުފަލުން ރޯންޖެހެނީ، ލިސްޓެއް ނެރުނީ ސުލޯބެ ވޯޓް ހޯދަން ، ގުއިރޯނުގައި ރައްޔިތުންގެ ބަޔަކު ޖައްސަން ، ދެން ނޫސްތަކަށް ދައުލަތުގެ ފައިސާހަރަދު ކޮށްގެން މިކަހަލަ ރިޕޯޓް ހަދަނީ، މަވެސް މިގޮތަށް ގޯތިދޫކޮށްފާނަން، ބޭނުންމީހަކު އަންގާލާ ، މޮރިޝަސްއަށް ވިއްކާލި ބައިން ރާއްޖޭގެ އެއްމެންނަށް ގޯތިދެވޭނެ....

    11
    2
  19. ތިއްތި

    ވުޖޫދުގައި ނެތް ހިއްކުމުގެ ވިސްނުމެއް ނެތް ފަޅުފަޅާ ކަނޑުތަކުން ގޯތި ދޭން ނިންމީ ކަރުދާހެއްގައި ކުރަހައިން. ޙާލުގައި ދިރިއުޅޭ ބައެއްގެ ސިކުނޑިއާ ކުޅެލަން ފަސޭހަވާނެތީ ވޯޓް ހޯދަން ޖެހި މަޅިއެއް. ވެރިކަން ކުރާށޭ ކިޔާފަ މުޅި ޤައުމު ބަނގުރޫޓްކޮށް މުސާރަދޭން ވީމާ ފައިސާ ޗާޕް ކުރާ ބަޔަކަށް ކުރެވޭނީ ކޮން ކަމެއް.
    އެތައް ބައިވަރު އިންޑިޔާ މީހުނަށް ދިވެހި އައި ޑީ ކާޑާއި، ޕާސްޕޯޓް ހަދައިދީފި ވެރިކަމުގެ ދަހިވެތި ކަމުގައި، މި ވަރުގެ ޖާހިލު ޖައްބާރު ބައެއް އަދި ނުދެކެން.
    އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތަށްވުރެ ތިމާގެ ޖީބު ބޮޑުވުން އެދޭ ބައެއް މި ފަހުގެ ތާރީޚްގައި އަދި ނުފެނޭ!

    9
    2
  20. ގ ވިސްނުން

    ބަންޑާރަ ބިމުން ގޯތިދޭއިރު ފުލެޓް ހުރި މީހުން ބާކީ
    ކުރުމަކީ އިންސާފުން އެއްކިބާ ވުމެވެ ކޮންމެ މީހަކު
    ޥެސް ބިން ބޭނުންވާނެއެވެ ފުލެޓް ހުރި މީހުންގެ ފުލެޓް
    ދޫކޮށްލާ ގޮތަށް ބިން ދޭ އުސޫލެއް އޮންނަން ޖެހެއެވެ.
    މިހާރު ޢާއްމުކޮށްފައިވާ ލިސްޓަށް އެމީހުން އިތުރު ކުރން ދަރުކާރަށް ގޮވާލަމެވެ

    6
    2
  21. ހުސް އޮޅުވުން

    ރައްޔިތުން ގެދޮރުވެރި ކުރުވުމެއް ނޫން އަދި ނިކަމެތިންނަށް އެހީތެރިކަން ދިނުނެއްވެސް ނޫން މިކުރާ ކަމަކީ އަދި މަގްޞަދަކީވެސް. 2000 މީހުނަކަށް މީހަކަށް ފަނަރަ ވިހި މިލިޔަނުގެ އެސެޓެއް ދައުލަތުގެ ފައިސާއިން ދެނީ އެކަންޏެއް ނޫން. ގިނަ ރައްޔިތުން ބިކާރީކޮށްލާފައި ނިކަމެތިން ތަކެއް ހިމަނާގެން ބަހާލާފައި ބޯހިޔާ މޮނޮޕޮލީ މައްޗަށް ޖައްސާލީ! މީތަ ނިކަމެތިންނަށް އެހީވާގޮތް؟ އަދި ރައްޔިތުންނަށް ބޯހިޔާ ފޯރުކޮށްދޭ ގޮތް! ކަމަކާނުލާ 18 މިލިޔަން ހޯދޭނެނަމަ ކޮށްފާ ނުކުރާނެ ކަމެއް ނެތް މީހުން މަދެއް ނުވާނެ. އަމުދުން ރީތި ނަމެއް ދެވުނީމާ.

    4
    1
  22. Anonymous

    އިބޫއަކީ ރޭސިސްޓެއް

  23. ގޯތިން އުފާވެރިކަން، އެކަމަކު ނަފްރަތު ކުރަނީ ކީއްވެ؟!

    ބަޔަކު މީހުން އަހަރުމެން ދިވެހިންގެ ތެރޭގައި ނަފްރަތު އުފައްދާތީވެ.. ނަފްސުގެ އެދުން މާބޮޑުވީމަ ވާގޮތް.

    3
    1
  24. ނުރަބޯ

    ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުން އެއީ ސަރުކާރުގެ ވަޢުދެއް. އަދިއެއީ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް. ނަފްރަތު އުފެދެނީ ގޯތިދިނުން ލާޒިމުނުވާ، މިހާރުވެސް ތިން ހަތަރުގޯތި އޮތް ތަނަވަސް މީހުންނަށާ އަވަށްޓެރި ގައުމުތަކުގެ މީހުންވެސް ދިވެހިރައްޔިތުންނަށް ހަދައިގެން ގޯތިދޭތީއެވެ.

  25. މައިކް

    އަނެއްކާ މުއްސަނދި މަހުޖަނުންނަށް ބިންތައް ބަހާލުމުގެ އިތުރުން މާލޭގައި އުފަންވިއޭ ކިޔާފައި އެތައް ބިމެއް ވާރުތަވާންތިބި ބަޔަކަށް ބިންތައް ބަހާލުމުންނާއި އަދި މިބިން ތަކަކީ ދެންތިބި ރައްޔިތުންގެ ވެސް ހައްގު މުދަލަކަށް ވީހިނދު އެމީހުންގެ ނުރުހުމާއި ނަފްރަތާއި ރުޅިވެރިކަން މިކަމުގައި އޮންނާނެކަން ގަބޫލު ކުރަންޖެހޭ! އަނެއްކާ ދެރަ ނިކަމެތި ފަޤީރަކަށް ބިމެއް ދިނަސް އެބިން އަގުބޮޑުކޮށް ދިގު މުއްދަތަކަށް ނަގާނީ މުއްސަނދި މަހުޖަނު މީހާ! މިއަށްވުރެ މާރަނގަޅުވާނެ އެމީހުން އަށް ފްލެޓް ދިންނަމަ

  26. ގުދުގުދާބެއްޔާ

    މާލޭގެ ބޮޑެތި މަހުޖަނުންނާއި 10 ބުރި ޢިމާރާތުގެ ވާރުތަ ވެރިންނަށް ގޯތި ލިބުނީ ކިހިނެތް ވެގެންކަން އިގޭތަ؟ އެމީހުންވެސް ދައުލަތުން ދޭ ސޯޝަލް ހައުސިންގ ސްކީމުން މަހުރޫމެއް ނުވާނެ! ރޮޒައިނާ ފަދަ މީހުންވެސް. އެމީހުންގެ އަމިއްލަ ފައިސާއިން ގަނެފައިވާ 10 އިމާރާތް ހުއްޓަސް އެމީހުންނަށް ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމުން އެއްވެސް އިރެއްގައި ގޯތި/ފުލެޓް ނުދޭނަމަ އެމީހުންވެސް ދިވެހިރައްޔިތުންނަށް ވީތީ މަހުރޫމެއް ނުކުރެވޭނެ! ނަމަވެސް އެމީހުންނަށް ވާރުވެގެން ލިބޭ ތަން ޖެހޭނީ ދޫކޮއްލަން އެއްބަސް ވާން!

    3
    1
  27. ބާބޫ

    ކިހާދެރަކަމެތް މި ރައްޖެތެރޭމީހުންނާ މާލޭމީހުންނާހެދި ތީގެން އެއްބަޔަކަސް ދީގެންނުވާނެ ދެންޔާ ދޭންޖެހޭނީ އަހަރުމެން ބޭރުމީހުންނަށް އެކަނި އަހަރުމެން އިމާރާތްތައްވެސް ހަދަނީ

    1
    1
  28. ވަޒަންވެރިންގެ ޙައްގު

    ގައުމެއްގެ އަދި ރައްޔިތެއްގެ ޙަގީގީ ސިފަލިބޭނީ ވަޒަންވެރިކުރުވިގެން. ފްލެޓަކީ އާބާދީގެ ދުޅަހެޔޮކަމަށް އޮތް ދިރިއުޅުމުގެ ޙައްގެއް (އޮޕްޝަނެއް). ފްލެޓްލިބުމަކީ ވަޒަންވެރިކުރުވުމެއްނޫން. މާލޭގެ ބޮޑެތި ފައިދާނަގަނީ އަދި ވިފާރިކުރަނީ މާލެއަށް ހިޖުރަކުރިމީހުން. އެހެނެއްކަމަކު މާލޭގެ ވަޒަންވެރިންގެ ޙައްގުތަކަކީ ހިޖުރަކުރާ މީހުންގެ ބޭނުމައްޓަކައިނިގުޅައިގަނެވޭނެ ކަމެއްނޫން. މާލޭގެ ވަޒަންވެރިންނަށް އަމިއްލަ ވަޒަނުގެ ޙައްގުލިބިދޭންޖެހޭ.

    2
    1
  29. ރާއްޖެ މީހާ

    ބިންވެރިޔާ ސްކީމް ހުއްޓުވާ!
    މާލޭގައި ކުއްޔަށްދޭ އެންމެ ބިމެއް އޮތަސް ބިންވެރިޔާ ސްކީމް ހުއްޓުވަން ޖެހޭ.
    ބިން ކުއްޔަށްދީގެން ދިރިއުޅުން އާރާސްތުކުރީ މާލޭ މީހުން.
    ރާއްޖެތެރޭ މީހުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްނުދީ ހިފަހައްޓާފަވަނީ މާލޭން ހިދުމަތްތައް ލިބޭތީ.
    މިހާތަނަށް ދޫކުރި ގިނަ ބޯހިޔާވަހިކަން ހޯދާފައިވާ މާލޭމީހުން ވަނީ އެތަންތަން ވެސް ކުއްޔަށް ދީފަ.
    ބައެއް ފްލެޓްތަކުގައި މިހާރުވެސް ދެގުނަ ބޮޑުކޮށް ކުލިދައްކައިގެން ދިރިއުޅެނީ ރާއްޖެތެރޭ މީހުން.
    ރާއްޖެތެރޭމީހުންނަށް ބިން ކުއްޔައްދޭން މާލޭ މީހުންނަށް ބިންދީގެން ނުވާނެ.
    މާލޭ ގެދޮރުވެރިންގެ ގެދޮރު އެހެންމީހުންގެ ނަމަށް ރެޖިސްޓްރީ ބަދަލުކޮށް މާލޭމީހާގެ ގެދޮރުނެއްކަމަށް ލިޔެކިޔުންހުއްޓަސް ބިން ދީގެން ނުވާނެ.
    މާލޭމީހުނަށްދޭ ބިމުގައި ހަދާބިލްޑިންގ ތަކުގެ ލޯނާއި އިންޓަރެސްޓް ފައިސާ ނަގަނީ ކުލީގެ ގޮތުގައި ރާއްޖެތެރޭމީހުން އަތުން.
    މާލޭ ރައްވެހިންގެ ގޮތުގައި އެތަށް އަހަރަކު މާލޭމީހުނަށް ކުލިދީގެން އުޅުނު ރާއްޖެތެރޭމީހުންގެ ހައްގުތައް ހޯދައިދީ.
    ރާއްޖެތެރޭ މީހުން ހޯދާ އާއްމުދަނީ ގެ ބޮޑުބައެއް ބިމުކުލީގެ ގޮތުގައި މާލޭމީހުން ނަގާފައިވަނީ އެމީހުންނަށް ދީފައިވާ ބަންޑާރަ ބިމުން.
    ބިމުކުލި ކޮންޓްރޯލްކުރުމުގެ ގާބިލްކަން ސަރކާރުގައިނެތް.
    ރާއްޖެތެރޭން މަތީ ތައުލީމާއި ސިއްހީ ހިދުމަތާއި ވަޒީފާ ލިބެން ނުހުންނާތީ ރާއްޖެތެރޭ މީހުން މާލެއަށް ބަދަލުވުމަށް މަޖުބޫރުވޭ.
    މާލޭ މީހުންގެ ގިނަބިންތައް ބޭނުންކުރަނީ ކުލިން އާންމުދަނީ ހޯދުމަށް، ދިރިއުޅޭކަށްނޫން.
    މާލޭމީހުން އެމީހުންގެ ބިންކުއްޔަށްދީގެން ލިބޭ ފައިސާއިން ރާއްޖޭން ބޭރުން ބިންގަނޭ.
    މާލޭ މީހުން ބިންވެރިވެގެން އެ ބިމުގައި ދިރިނޫޅޭ.

  30. ރާޝިދާ

    މާލޭގެރައްޔަތުންގެ ފައިސާއިންތަ އެތަން ހިންކީ މުޅި ދިވެހި ރާއްޖޭގެ ހުރިހާ ރައްޔަތުން ދަރިނިވެރި ވެގެން މާލޭ މީހުނަން އެތަނުން ގޯތި ޙައްޤެއްނޫން އެއީ މުޅި ރާއްޖޭގެ ރައްޔަތުންގެތަނެއް