ސްރީ ލަންކާގައި މަރުވެފައި އޮތް ދިވެހި ޒުވާނެއް ކަމަށްވާ އަފްހާމް ނަސީރުގެ ޕޯސްޓް މޯޓަމް ހަދައިފިއެވެ.

ލަންކާގައި މަތީތައުލީމް ހާސިލް ކުރަމުން ދިޔަ އުމުރުން 24 އަހަރުގެ އަފްހާމް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މަރުވެފައި އޮއްވައެވެ.

އަފްހާމް މަރުވި ސީދާ ސަބަބެއް އަދި ލަންކާ ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި ވަޅިއަކުން ހަމަލާ ދިނުމުން ހުންނަ ޒަހަމެއް ހުރިފުލުކަމަށް ފުލުހުން ވެސް ވަނީ ލަންކާގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލަންކާގައި ނިޔާވެފައިވާ ދިވެހި ޒުވާނާގެ ޕޯސްޓްމޯޓަމް މިއަދު ހަދާފައިވާ ކަަމަށެެވެ.

"ދިވެހިން ފުލުހުންގެ ފަރާތުން ލަންކާގައި ހަރަކާތްތެރިވަމުންދާ ޓީމަށް ލަންކާގެ ފުލުހުން މައުލުމާތު ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދެމުންދޭ". ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، މިރޭގެ ވަގުތެއްގައި އަފްހާމްގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންދިއުމުގެ މަސައްކަތް އާއިލާއިން ކުރަމުންދާ ކަމަށެވެ.

އަފްހާމް އަކީ 2019 ވަނަ އަހަރުން ފެށިގެން ލަންކާގައި މަތީތައުލީމް ހާސިލް ކުރަމުން އައި ދަރިވަރެކެވެ.