އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ފަސް އަހަރުގެ ދައުރު އަންނަ ހޮނިހިރު ދުވަހު ހަމަވާނެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ހަސަން ލަތީފް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް އައްޔަން ކުރީ ފެބުރުއަރީ 10، 2017 ގައެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި ހަސަން ލަތީފަށް 23،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.

އިންތިހާބުގެ ދާއިމީ ނަތީޖާ އެމްޑީޕީން އިއުލާންކޮށްފައި ވަނީ ފެބްރުއަރީ 12، 2017 ގައެވެ. އެހެންވެ، ހަސަން ލަތީފްގެ ދައުރު ހަމަ ވާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ހަސަން ލަތީފްގެ ކުރިން އެ މަގާމު ފުރުއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޓެރަރިޒަމްގެ ދައުވާ އުފުލުމާ ގުޅިގެން އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރެއްވި އަލީ ވަހީދު ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ނޮވެމްބަރު 2016 ގައެވެ.

އަލީ ވަހީދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާއެކު ހަސަން ލަތީފް ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިނުލައްވައެވެ. އެހެންވެ، އެމްޑީޕީގެ މެމްބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ހަސަން ލަތީފް އެ މަގާމަށް އިންތިހާބު ކުރީއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ދައުރު މިއަދަށް ހަމަވިޔަސް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަދި ހުޅުވައެއް ނުލައެވެ. އަދި އިންތިހާބު ބާއްވާނެ ތާރީހެއް ވެސް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

އެކަމަކު ޗެއާޕާސަންގެ އިންތިހާބުގެ މުއްދަތު ކަނޑައެޅުން ހިމެނޭ ގޮތަށް ފަސް އިންތިހާބެއްގެ ތާރީހު ކަނޑައެޅުމަށްޓަކައި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއް މިރޭ ބާއްވަން ވަނީ ނިންމައިފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. އޭނާގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރިމަތިލައްވަން އުޅުއްވާ ކަމުގެ އަޑު ފެތުރިފައި ވިޔަސް އޭނާ އެކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރައްވައެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ބޭފުޅެވެ. ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަރުދިގު

    މަހުލޫފު ފެނުންއެދެން

  2. އުސްތާޒް

    މިހާތަނަށް ރައީސް ނަސީދު ގަބޫލްނުކުރާ މީހަކު ތިމަގާމަށް އަތުވެއްޖެނަމަ ދުވަސްދުއްވާލާނެ... އަލްހާން ފަހުމީ، ޑރ.ޑީޑީ، ރީކޯ މޫސާ މަނިކު ދެން އަންނާނެކަމަށް ބެލެވެނީ މަހުލޫފު ޒަމާން ދުއްވާލާނެ