ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ނައިފަރަށް ވަޑައިގަންނަވައިފިއެވެ.

އެ ރަށަށް ރައީސް ފައިބާ ވަޑައިގަތުމުން މަރުހަބާ ކިޔާފައިވަނީ ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި ކައުންސިލް މެމްބަރުންނެވެ. ނައިފަރު ކައުންސިލްގައި އެއް މެމްބަރަކު ފިޔަވައި ބާކި ތިއްބެވި ހުރިހާ ކައުންސިލަރުންނަކީ ޕީޕިއެމްގެ ކައުންސިލަރުންނެވެ. ރަށުގައި ތިބި ސަރުކާރަށް ތާއިދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔާފައެވެ.

ރައީސް ވަނީ އެ ރަށުގައި ތިބި އެމްޑީޕީގެ ބައެއް ސަޕޯޓަރުންނާއި ބައްދަލު ވެސް ކުރައްވާފައެވެ. ނައިފަރަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށު ކައުންސިލުން ވަނީ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ.

މި ސަރުކާރުން ނައިފަރުގައި މިހާރު ވެސް ބައެއް މަޝްރޫއުތައް ހިންގަމުންދާއިރު އަނެއް ބައި މަޝްރޫއުތައް ވަނީ މިހާރު ނިމިފައެވެ. އޭގެ ތެރޭގައި އެ ރަށުގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތާއި ކައުންސިލް އޮފީސް އިމާރާތް ގާއިމްކުރުމުގެ އިތުރުން މަދަރުސަތުލް އިފްތިތާހު 10 ކްލާސްރޫމާއި ސްޓާމް ރޫމް އަދި އޭވީ ރޫމްގެ މަސައްކަތްތައް ވަނީ ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ ފެނުގެ ނިޒާމު ގާއިމްކުރުމާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތެެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ޅ. މަޑިވަރަށެވެ. އެ ރަށު އެއާޕޯޓް ހުޅުއްވައިދެއްވުމަށް ފަހު އެމަނިކުފާނު ވަޑައިގެންނެވީ އުފަން ރަށް ހިންނަވަރަށެވެ. ހިންނަވަރަށް ފަހު ރައީސް ވަޑައިގެންނެވީ ފެލިވަރަށެވެ. ރަށްރަށުގެ ކައުންސިލްތަކާއި އެކު ބޭއްވި ބައްދަލުވުމުގައި އެމީހުންގެ ކަންބޮޑުވުންތައް ރައިސާ ވަނީ ހިއްސާކޮށްފައެވެ. އަދި އެކަންކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޒީ

    ޙައިރާން! ނުލިބޭ ތިވަރުގެ މަރުޙަބާއެއް . އަތޮޅުގެ ރަށްރަށުންނާ މަލެއިން ކުރީބަޔަށް އައިސްތިބި ދުއިސައްތައެއްމީހުން ވަށާއެނބުރޭތަން ފެނުނީ!