ހދ.ކުޅުދުއްފުށި، ގއ.ވިލިނގިލި އަދި ނ.ހޮޅުދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ހައުސިން ޔުނިޓްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ސަރުކާރުން މިއަދު އިއުލާން ކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލަކީ ޕްރޮޖެކްޓްގެ ކޮންޓެކްޓަރު ހައުސިން ޔުނިޓްތައް ޑިޒައިން ކުރަން ޖެހޭ ގޮތައް ކުރިއަށް ގެންދާ އުސޫލެވެ.

މިއަދު ވަކިވަކިން އިއުލާން ކުރި ތިން ރަށުގެ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ގއ.ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް، ހދ.ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އަދި ނ. ހޮޅުދޫގައި 30 ހައުސިންގ ޔުނިޓެވެ.

ތިން ރަށުގެ ހައުސިން މަޝްރޫއުތަކުގެ ބީލަން ހުޅުވުން ވެސް އޮންނާނީ 3 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.

ކުޅުދުއްފުށީ ހައުސިން ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/2,100,000ރ (ދެމިލިއަން އެއްލައްކަ ރުފިޔާ) ހުށަހަޅަންޖެހޭނެއެވެ. ވިލިނގިލީ ހައުސިން ޕްރޮޖެކްޓްގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/254,000ރ (ދެލައްކަ ފަންސާސް ހަތަރުހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ހޮޅުދޫ ހައުސިން ޕްރޮޖެކްޓްގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/153,000ރ (އެއްލައްކަ ފަންސާސް ތިންހާސްރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ވަނީ މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް އިއުލާނުގައި ވެއެވެ.