ޅ. އޮޅުވެލިފުށީ ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

މިއަދު ހެނދުނު އޮޅުވެލިފުއްޓަށް ވަޑައިގެން އެމަނިކުފާނު ވަނީ އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައިފައެވެ. އެއަށް ފަހު ރައީސް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވައިފައެވެ.

ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި އެންމެ ބޮޑަށް އެދުނީ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ހެލްތު ސެންޓަރުގެ ހިދުމަތް ރަނގަޅުކޮށް ލެބޯޓްރީގެ ހިދުމަތް ބޭނުންވާކަމާއި، ގިރާ ސަރަހައްދު ހިމާޔާތްކުރުމާއި ގޯތި ދޫކުރާނެ ބިންނެތުމުގެ މައްސަލައާއި ކައުންސިލު އިމާރާތުގެ ޖާގައިގެ ދަތިކަން އަދި އޭޓީއެމްގެ ހިދުމަތާއި އަދި އެ ނޫންވެސް ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ކޮށްދެއްވުމަށެވެ. މީގެ އިތުރުން އޮޅުވެލިފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެ ކޮމެޓީގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އައު އިމާރާތެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އޮޅުވެލިފުށީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގެ އިތުރު ތަފްސީލުތައް ހާމަކުރައްވާފައެވެ. އެގޮތުން މިހާރު ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާކަމާއި ފުޓްބޯޅަ ދަނޑުގައި ޓާފްއަޅައި ނިމިފައިވާކަމަށާއި ދަނޑު ފުރިހަމަކުރުމަށް އިތުރަށް ކުރަންޖެހޭ ކަންކަންވެސް ސަރުކާރުން ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް، އޮޅުވެލިފުށި ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން މިހާރު އޮތް ބަނދަރު ބޭރަށް ޖައްސައި އައު ބަނދަރެއް ހެދުމަށް ކައުންސިލުން އެދިލެއްވި ކަމަށާ އެކަމުގައި ކުރަންޖެހޭ ޓެކްނިކަލް ސާވޭތައް ކުރުމަށްފަހު ގެންނަންޖެހޭ ބަދަލުތައް ކައުންސިލާ ހިއްސާކޮށް، އެ މަޝްރޫއު ކުރިޔަށް ގެންދަވާނެގޮތަކާއި ގުޅޭގޮތުން ކަައުންސިލާ މަޝްވަރާ ކުރައްވާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

އޮލުވެލިފުށީގައި މިހާރުވެސް 80 ކިލޯވޮޓްގެ ސޯލާ ޕެނަލް ގާއިމުކޮށްފައިވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ މުޅި ރަށުގެ ކަރަންޓް ސޯލާއަށް ބަދަލުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސްކޫލްގައި މިހާރު ޤާއިމުކުރަން ހަމަޖެހިފައި އޮތް އަށްކްލާސްރޫމްގެ ބަދަލުގައި ދެން ކުރިޔަށްގެންދާނީ 10 ކްލާސްރޫމަށް ބަދަލުކޮށްގެންކަމަށާއި އޭގެ ބޭނުމަކީ ސްކޫލުގެ ކިޔެވުން ސިންގަލް ސެޝަނަށް ބަދަލުކުރެވޭގޮތް ހެދުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ސިއްހި މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތާއެކު އެ މަރުކަޒުގައި ރައްޔިތުންނަށް ބޭނުންވާ އިތުރު ހިދުމަތްތައް ވެސް ތައާރަފު ކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ކައުންސިލުގެ ބައްދަލުވުމުގައި އެދުނު ފަދައިން އެރަށުގައި ޖިމެއް ގާއިމުކޮށް ދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. މުސްތަގުބަލުގައި ފާދިއްޕޮޅުގެ ތަރައްގީވެގެންދާނެ ސަރަހައްދަކީ އޮޅުވެލިފުށި ހިމެނޭ ސަރަޙައްދުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ އަމާޒު ހިފައިގެންކަމާއި އެގޮތުން ބޭނުންވާ ވަސީލަތްތައްވެސް މިސަރަޙައްދުގައި ގާއިމުކޮށްދެއްވަމުން ގެންދަވާނެކަމުގައެވެ. ރައްޔިތުންނާއެކު މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ ތެރެއިން ހުށަހެޅި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަޒީރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ވަނީ ޖަވާބުދެއްވާފައެވެ.

އޮލުވެލިފުށި ސިއްހީ މަރުކަޒަށް ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ފޮޓޯ: ރައީސް އޮފީސް

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އޮޅުވެލިފުށީ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލުގެ ހާލަތު ބައްލަވާލައްވައި ސްކޫލަށް އެންމެ ދަތިވާކަންކަމާ ގުޅޭގޮތުން ސްކޫލްގެ އިސްވެރިންގެ ފަރާތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި މި ދަތުރުފުޅުގައި އޮޅުވެލިފުށީ ސިއްހީ މަރުކަޒަށްވެސް ޒިޔާރަތްކުރައްވައި އެމަނިކުފާނު ވަނީ އެތަނުގެ ހާލަތު ބައްލަވާލެއްވިއެވެ.

ރައީސް ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އޮޅުވެލިފުށީގެ އިތުރުން މަޑިވަރާއި ހިންނަވަރާއި ފެލިވަރަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލްކަމުގައިވާ ކުރެންދޫއަށް މިއަދު ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަލީ

    ހުސް ހޮޅިވާހަކަ ރައްޔިތުންނޭ ހޭލާތި، ތި މަޅީގައި ނުޖެހޭތި، ތީ ކޮންމެކަމެއްވެސް ކޮށްދޭން ބުނާ ރައީސެއް އެއްވެސްކަމެއް ނުވާ ރައީސެއް، ފޮނިބައިސާ ކެނޑުން ކަމަކީ،

    17
    1
  2. ރާއްޖެ ތެރޭ މީހުންނަށް.

    ފެނާއި ނަރުދަމާ ކަރަންޓައި ސާފް ބޯފެނަކީ ތަރައްގީއެއް ނޫން. އެއީ އިންސާނީ އަސާސީ ހައްގު ސަރުކާރުން ފޯރުކޮއްދޭން ޖެހޭ.

    16
    2
  3. އަސީ

    ތިޔަކަން ތަޔަނިމުނީ

    10
    1
  4. ދަރަނި ދަންތުރަ

    އުއްމީދު ދެއްވާނެ އަލަންއުފަންވާ ކޮންމެ ކުއްޗަކަށް ހަނދިޔާ ފޮއްޓެއް މިވެސް އުއްމީދެއް އަލިފާނާ ފެނާހަމަ ވެވުނު ވައުދެއްކަންވެސް ހަނދާންނެއްނެތް ރައްޔިތުން އެދޭ ހުރިހާކަމެއް ދުލުން ކޮށްދޭ މީހެއްތިޔައީ ، ރައްޔިތުން ތިޔަދޮގުވެރި މީހާގެ ވާހަކަތަކަށް ހެއްލުން ހުއްޓާލަންވެއްޖެ ދިވެހިން ހޭވެރިވޭ ...

  5. އިބްރާހިމް

    އެދުނު ކަންތަށްތަކާއިބެހޭގޮތުން ވާހަކަދެއްކެވީ ކަމާއި ނުވެސްގުޅޭ ވާހަކައެކެވެ

  6. ޮކޮބަޑި

    ރޔާސީ އިންތިހާބުގަ ވައުދި ވި ރަށް ރަށަށް އަރަން ލަދުން އުޅެނީ އެވައުދުތައް ނުފުއްދުނީމަ