ޅ. އޮޅުވެލިފުށީގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް "ކޮޕަރ ރޭމެންސް 2023" ގެ ޗެމްޕިއަންކަން ކާފަ ޓީމުން ހޯދައިފިއެވެ.

އޮޅުވެލިފުށި "ގޯލްސް" ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ފައިނަލްގައި އިއްޔެ ހަވީރު ބީޖޭ ސިޓީއާ ދެކޮޅަށް ކުޅުނު ފޯރި ގަދަ މެޗު ކާފަ ޓީމުން ކާމިޔާބުކޮށްފައި ވަނީ 1-4 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގައި ތަފާތު ނަތީޖާތަކެއް ނެރެމުން އައިސްފައިވާ ކާފަ ޓީމުން ފައިނަލް މެޗުގައިވެސް ވަނީ މޮޅު ކުޅުމެށް ދައްކައިފައެވެ. މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ކާފަ ޓީމަށް ކާމިޔާބުކޮށް ދިނީ ޝަރަފުއްދީން މުހައްމަދު (ޝަރަފް)އެވެ. އޭގެ ކުޑަ ވަގުތު ކޮޅެށް ފަހުން މެޗުގެ 20 ވަނަ މިނެޓުގައި އައިމަން ވަނީ ކާފަ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާ ކުރިތާ ހަ މިނެޓު ފަހުން ޝަރަފް ވަނީ ތިން ވަނަ ލަނޑު ކާފަ ޓީމަށް ކާމިޔާބުކޮށްދީފައެވެ.

ބޮޑު ލީޑެއް ކާފަ ޓީމުން ނެގުމާއެކު ބީޖޭ ސިޓީއިން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދުމަށް ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. ބީޖޭ ސިޓީގެ ހަމަ އެކަނި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސުހައިލްއެވެ. ފައިނަން މެޗެއްގައި ފެނިގެންދާނެ ފޯރިގަދަ ކުޅުން މި މެޗުގައި ފެނުނު އިރު، ކާފަ ޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ އަހުމަދު ސަމީއުއެވެ.

ކާފަ ޓީމުގެ ޝަރަފްގެ ފަރާތުން ފައިނަލް މެޗުގައި މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު، ދެގޯލުވެސް ވަނީ ފެނިގެން ގޮސްފައެވެ. މިއާއެކު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައި ވަނީ ޝަރަފުއްދީން މުހައްމަދު (ޝަރަފް)އެވެ.

ޖުމުލަ 13 ގޯލާއެކު މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ އޮޅު ސިޓީ ފްލޭޔަރސްގެ މުހައްމަދު ޝިފާންއެވެ. "ޓީމް އޮފްދި ޓޯނަމެންޓް"ގައި ހިމެނޭ ކުޅުންތެރިިންނަކީ ކާފަ ޓީމުގެ ކީޕަރު މުހައްމަދު ނިޒާމް، ރައްޒާން ރަޝީދު އޮޅު ސިޓީގެ އަލީ އަހުސަން، ބީޖޭ ސިޓީގެ އަފްޒަލް ވަހީދު، މޮނާކީގެ ހަސަން ޒަރީރު، ބީޖޭ ސިޓީގެ ޝާމީ އިބްރާހިމް، އޮޅު ސިޓީގެ މުހައްމަދު އަމަން، ކާފަ ޓީމުގެ އައިމަން އިލްޔާސް، އޮޅު ސިޓީގެ މުހައްމަދު ޝިފާން، ކާފަ ޓީމުގެ އިމްރާން މުހައްމަދު އަދި ބީޖޭ ސިޓީގެ މުހައްމަދު ސުހައިލްއެވެ.

އޮޅުވެލިފުށި ދާއިރާގެ މަޖިލިސް މެމްބަރ އަބްދުލް ގަނީ އަބްދުލް ހަކީމްގެ ފަރާތުން ޗެމްޕިއަން ޓީމަށް 20،000ރ. އަދި ރަނަރަޕް ޓީމަށް 10،000ރ. ވަނީ ދީފައެވެ. މީގެ އިތުރުން ފެއާ ޕްލޭ ޓީމަށް 5،000ރ.ވެސް ވަނީ ދީފައެވެ.