ކުރިއަށް ރޯދަ މަހު ސަލްމާން މިސްކިތުގައި ނަމާދުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ މި އަހަރުގެ ރޯދަ މަހު ސަލްމާން މިސްކިތް ބޭނުންކުރެވޭނެ ކަމަށެވެ. މި މިސްކިތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސައުދީ ރަސްގެފާނުގެ ހިލޭ އެހީ އާއެކު އިމާރާތް ކުރި މިސްކިތެކެވެ.

އެންމެ ޒަމާނީ ފެންވަރަށް އިމާރާތް ކޮށްފައިވާ މި މިސްކިތް ނިމިފައި ހުންނަތާ މިހާރު ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މިސްކިތް ނިމުނުކަމުގައިވީ ނަމަވެސް އެ މިސްކިތް ނުހުޅުވާތީ ގިނަ ބަޔަކު މީގެ ކުރިން ކަންބޮޑުވުން ފާޅުކުރިއެވެ.

ސަރުކާރުން މީގެ ކުރިން ބުނަމުން ދިޔައީ އެ މިސްކިތް ހުޅުވުން ލަސްވަނީ ސައުދީ ސަރުކާރުގެ ހުއްދަ ނުލިބިގެން ކަމަށެވެ. މި މިސްކިތް ހުޅުވުމާ ގުޅޭގޮތުން މަބްރޫކް މިއަދު ވިދާޅުވީ ރޯދަ މަހު މިސްކިތް ބޭނުންކުރެވޭނެ ކަމަށެވެ. އޭނާ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ފަންސަވީސް މިލިއަން ޑޮލަރު ހަރަދުކޮށްގެން އިމާރާތް ކޮށްފައިވާ މި މިސްކިތް އެޅުމަށް ސައުދީ ސަރުކާރުން ދިނީ 14.5 މިލިއަން ޑޮލަރެވެ. ބާކީ ބައި ހަރަދު ކުރީ ދިވެހި ސަރުކާރުންނެވެ. ފާއިތުވި ރޯދަ މަހު ވެސް ސަލްމާން މިސްކިތް ހުޅުވަން މަސައްކަތް ކުރިއެވެ.

ސަލްމާން މިސްކިތަކީ ހަ ފަންގިފިލާއަށް ހަދާފައިވާ 10،000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި އެކި ބޭނުންތަކަށް ބޭނުންކުރެވޭ ހޯލުތަކާއި ކުލާސްރޫމްތަކާއި ޤުރުއާން ކިޔަވައިދޭ ސެންޓަރުތަކާއި ބޮޑު ލައިބްރަރީއެއްވެސް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަންބެރު

    އަންނަދައުރުގަ ހުޅުވަންބަހަށްޓާ ސައޫދީއަރަބިއާއިން ލާރިގަނޑެއް ހޯދައިގެން މިސްކިތް ހުޅުވަނީ ގަންނާކުރަށްވާލަދުން.

    18
    1
  2. އުގުރި

    ހުރަތަމަ ވެސް ތި މިސްކިތަށް އަރާވީ މިއަނިޔާވެރި ސަރުކާރުގެ ފަރާތުން ސަލާމަތް ވޭތޯ ދުއާ ކުރުން

    18
    2
  3. Anonymous

    އަދި އަވަސް ތިމަސައްކަތް އާމު ރައްޔިތު ބަޔަކާ ހަވާލުކުރަން ފެނޭ.

    14
    1
  4. ދޮންބެ

    މޯދީ ވަރަށް ދެރަވާނެ އެހެންވީމާ އާޚިރުގައި ހަދާނީ ކިހިނެއްބާ

  5. އަހައްމަދޫ

    އަދި ކިރިޔާ ތިކަންވިޔަސް ރަނގަޅު. އެހެންވެއޭ ސްލޯސަރުކާރޭ ކިޔަނީ. ދެން ކޮންމެސްވެރިޔަކު އަރާ ބުނާނެ ތިހެން ނުބުނެވޭނެއޭ

  6. އަހުމަދު

    ވަރަށް ގިނަފަހަރު މިހާރު ހުޅުވަން ތާރީކްތައް ދީފި ދޯ؟ ތިތާ ކައިރި މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކޮށްފަތަ ތި ހުޅުވަނީ؟