ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "ބީއެމްއެލް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ލ. ގަމާއި ބ. ކުޑަރިކިލުގައި ކުރިއަށް ގެންދިޔަ ދެ މަޝްރޫއު ނިންމާލައިފިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ލ. ގަމު ގޮނޑުދޮށުގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށްފައިވެއެވެ. ކޮމިއުނިޓީ ބީޗް ޕާކުގައި ވަނީ އެސަރަހައްދަށް ދަތުރުގޮސް އުޅޭ މީހުން ފަސޭހަވާނެހެން ބެންޗު ބަހައްޓައި، އުނދޯލި ބަހައްޓައި ބާބަކިއު ހެދޭނެ އިންތިޒާމު ހަމަޖައްސައިފައެވެ.

އަދި ކޮމިއުނިޓީ ފަންޑުގެ ދަށުން ތަރައްގީކުރި މި ޕާކުގެ ވަށައިގެން ވަނީ ލަކުޑިން ފެންސް ޖަހައި ކުޑަކުދިން ކުޅޭނެ ތަނެއް ވެސް ގާއިމުކޮށްފައެވެ. އަދި އައުޓްޑޯ ޝަވަރެއް ހަރުކޮށް، ރޭގަނޑު އަލިވާނެހެން ސޯލާ މަގުބައްތި ބަހައްޓައި، ދަތުރު އަންނަ މީހުން ކުނި އުކާލުމަށް ޑަސްޓްބިންވެސް ވަނީ ބަހައްޓާފައެވެ.

މީގެއިތުުރުން، މަތިމަރަދޫ އަވަށު ބޮޑުމަގާއި، ބ. ކުޑަރިކިލުގައި މީހުން ދިރިއުޅޭ ސަރަހައްދުގެ މަގު ބައްތިތައް ވަނީ އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލު ކޮށްފައެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 60 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިރާސާ

    ރަށް ރަށުގައި ތިޔަ ޕްރޮޖެކްޓް ހިންގާ ޖަމިއްޔާ ޖަމާއަތްތަކުގެ ނަންތައް ޚަބަރުގައި ނުލިޔަނީ ކީއްވެ ހެއްޔެވެ؟ އިންސާނީ ވަސީލަތް މިހާ އަގު ބޮޑު ޒަމާނެއްގައި ބޭންކުން ދޭ ފައިސާއިން ތަކެތި ގަނެ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ޖަމިއްޔާ ޖަމާއަތްތަކުން އެ ކުރަނީ ވަކި ކުޑަ ކަމެއް ނޫނެވެ.