ލ.މާންދޫ އިރުމަތީ ފަރާތުގައި އޮންނަ މަޝްހޫރު ރުއްގަނޑު ވަރުވާއަށް (ކުއްޔަށް) ދޫކުރުމަށް ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފި އެވެ.

އެ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާންދޫ އިރުމަތީ ފަރާތުގައި އެ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރުއްގަނޑު ވަރުވާ އަށް ދޫކުރުމަށް ބޭނުންވެއްޖެ ކަމަށެވެ. އެހެންކަމުން އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ އިދާރާއިން ދޫކުރާ ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭ ފޯމް ނަންގަވައި، އެފޯމު ފުރިހަމަ ކުރެއްވުމަށްފަހު މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން ގަމު ކައުންސިލްގެ އިދާރާއަށް މެއިލް ކުރުމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ބީލަމުގައި ރަޖިސްޓުރީ ވާ ފަރާތްތަކަށް ބީލަމާގުޅޭ މައުލޫމާތު ކަރުދާސް މި މަހުގެ 22 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.

އިއުލާނުގައި ބުނެފައި ވަނީ އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެ ކަމަށެވެ.. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތަކަށްވެސް ބިޑު ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ކަމަށެވެ.

ލ. އަތޮޅުގެ މަޝްހޫރު ރުއްގަނޑަކީ އެ އަތޮޅަށް ޒިޔާރަތްކުރާ ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ ހިތްގައިމުތަނެކެވެ. އެތަނުގައި އިންދާފައިވާ ރުއްތަކަކީ މެލޭޝިޔާގެ މުޑުވަށްތަކެވެ. އެ ރުއްތަކަކީ ރާއްޖޭގައި މިހާތަނަށް އެންމެ ތަރުތީބުކޮށް ހައްދާފައިވާ ރުއްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހީމް

    މި ޚަބަރުގައި މި ރުއްތައް އިންދާފައިވަނީ ކުރީގެ މިނިސްޓަރ އިލްޔާސް އިބްރާހީމް ހުންނަވައިގެން ލ. ކައްދޫ ވައިގެ ބަނދަރު ހެދި އިރު 1980 ގެ އަހަރުތަކުގައި ލިޔެލިނަމަ ދޯ