މާލެ ފިޔަވައި ރާއްޖޭގެ ރަށްރަށުގައި ކޮވިޑް-19 އަށް ފައްސިވާ ނިސްބަތް %20 އަށް އަރައިފި ނަމަ، އެ ރަށްރަށުން އަމަލު ކުރަން ޖެހޭ އުސޫލުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.

އެޗްޕީއޭ އިން މިގޮތަށް ކަނޑައަޅާފައި މިވަނީ ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށްވާން ފަށާފައި ވަނިކޮށެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ފިޔަވައި ރާއްޖޭގެ ރަށްރަށުން ކޮވިޑަށް ފައްސިވެފައި ވަނީ 669 މީހުންނެވެ. މާލެ އިން ކޮވިޑަށް ފައްސިވީ 73 މީހުންނެވެ.

އެޗްޕީއޭ އިން އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ފާއިތުވާ އެއް ހަފްތާގެ ތެރޭގައި ކޮވިޑް-19 ސުންކުތަކުގެ ތެރެއިން ފައްސިވާ ރޭޓު %20 ނުވަތަ އެއަށް ވުރެ މަތިވާ ނަމަ، އެ ރަށެއްގައި ބަލި ފެތުރޭ ކަމަށް ކަނޑައަޅައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ.

ކޮވިޑް ފެތުރޭ ރަށްތަކުގައި އަމަލު ކުރަން ޖެހޭ ގޮތް:

  • ބަލީގެ އަލާމަތްތައް ހުރި ނަމަ ޓެސްޓް ކުރުން.
  • ވެކްސިން ފުރިހަމަ ނުވާ މީހުން އެހެން ރަށަކަށްދާ ނަމަ ޓެސްޓު ހެދުން.
  • ގާތުން އެއްތަންވި މީހުންގެ ތެރެއިން ބަލީގެ ނުރައްކާ ބޮޑު މީހުން ސުންކު ނެގުން.
  • ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ނަމަ އެކްޓިވް ސަވައިލަންސް ހެދުން.
  • ޓެސްޓު އަދި ސަވައިލަންސް މަސައްކަތްތައް ދުވަހުން ދުވަހަށް ރިޕޯޓު ކުރުން.
  • ކޮންޓެކްޓުންނާއި ރާއްޖެ އިން ބޭރުން އަންނަ މީހުން ޓެސްޓު ކުރުން.

ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލްވި ކަމަށް ބަލާނީ ފާއިތުވި އެއް ހަފްތާގެ މުއްދަތުގައި ހެދޭ ކޮވިޑް ޓެސްޓުތަކުން ފައްސިވާ ނިސްބަތް %20 އަށް ވުރެ ދަށްވާ ނަމައެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި ކޮވިޑަށް ފައްސިވާ މީހުންނާއި ފައްސިވި މީހުންނާ އެއްތަންވި މީހުން ކަރަންޓީނުގައި ތިބުން ހިމެނެއެވެ. ބޭރުގައި އުޅޭއިރު މާސްކް އެޅުމާއި ފިހާރަތަކާއި ރެސްޓޯރަންޓުތަކުން ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުން ހިމެނެއެވެ.

ރަށްރަށުން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް:

  • މަރުކަޒުތަކުން އިންފެކްޝަން ކޮންޓްރޯލްގެ ފިޔަވަޅުތައް އެޅުން.
  • ގިނަ މީހުން އެއްވެ އުޅޭ ހަރަކާތްތައް މެދުކަނޑާލުން.
  • ކޮންމެހެން ބާއްވަން ޖެހޭ ކަންކަން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބޭއްވުން.
  • ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށް ހިޔާރު ކުރުން.
  • ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އާންމުން ހޭލުންތެރިކުރުން.
  • ރަށަށް އަރާ އަދި ފައިބާ މީހުން ވީހާވެސް މަދު ކުރުން.
  • ރަށަށް އަރާ ފޭބުމުގައި ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން.

އެޗްޕީއޭގެ އުސޫލުގައި ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އާންމުން އަމަލު ކުރަންވީ ގޮތުގެ އިރުޝާދުތައް ވެސް ތަފްސީލްކޮށް ބަޔާންކޮށްފައެވެ.

އޭގެތެރޭގައި ކޮވިޑްގެ އަލާމާތްތައް ހުރި ނަމަ، ވީހާވެސް އަވަހަށް އެކަހެރިވެ ޓެސްޓް ކުރުމާއި އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކުން އިރުޝާދާއި އެހީތެރިކަން ހޯދުމާއި އެޗްޕީއޭ/ސިއްހީ ހިދުމަތްދޭ ތަންތަން/ކައުންސިލްތަކުން އަންގާފައިވާ އެންގުންތަކަށް އަމަލު ކުރުން ވެސް ހިމެނެއެވެ.

މީގެއިތުރުން ކޮވިޑްގެ އަލާމާތެއް ހުރި ނަމަ، ޓެސްޓްކޮށް ނަތީޖާ ލިބެންދެން ގޭގައި މާސްކް އަޅައިގެން އުޅުމާއި ގެއިން ބޭރުގައި އުޅޭ އިރު، އެހެން މީހުންނާ މަދުވެގެން ތިން ފޫޓު ދުރުމިނެއް ބެހެއްޓުމާއި ސައިބޯނިލައިގެން ގިނަގިނަ އިން އަތް ދޮވުމާއި އަބަދުވެސް އަމިއްލަ ސާފުތާހިރު ކަން ދެމެހެއްޓުމަށް އެދިފައިވެއެވެ.

އާންމުން އަމަލު ކުރަންވީ އިތުރު ގޮތްތައް:

  • ބޭނުންކޮށްފައިވާ ޓިޝޫ، މާސްކް ފަދަ ތަކެތި ރައްކާތެރި ގޮތުގައި އުކާލުން.
  • ނޭފަތާއި އަނގަ އަދި ލޮލުގައި އަތްލުމުން ދުރުހެލިވުން.
  • ކޮވިޑްގެ އަލާމާތެއް ހުރިނަމަ، ދަތުރުފަތުރު ނުކުރުން.
  • ކޮވިޑަށް ފައްސިވެއްޖެ ނަމަ، ކަނޑައެޅިފައިވާ މުއްދަތުގައި އެކަހެރިވުން.
  • ގާތުން އެއްތަންވި ނަމަ، ކަރަންޓީނުވުމާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.

އެޗްޕީއޭ އިން ނެރުނު އުސޫލުގައި ކައުންސިލްތަކުން އަމަލު ކުރަންވީ ގޮތްތައް ވެސް ތަފްސީލްކޮށްދީފައިވެއެވެ.

އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަލި ފެތުރޭ ނަމަ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރުމަށް ކަންކަން ރާވައި ހިންގުމެވެ. އަދި ރަށަށް އެނބުރި އަންނަ މީހުންނާއި ރަށުން ފުރާ މީހުން މޮނިޓަ ކުރެވޭނެ ނިޒާމެއް ގާއިމު ކުރަން ވެސް އެޗްޕީއޭ އިން އިރުޝާދު ދީފައިވެއެވެ.

ކައުންސިލުން ކުރަން ޖެހޭ އިތުރު ކަންކަން:

  • ރަށު ތެރޭގައި މާސްކް އެޅުން ތަންފީޒު ކުރުން.
  • މީހުން އެއްވެގެން ހިންގާ ހަރަކާތްތައް މޮނިޓަ ކުރުން.
  • ފިހާރަ، ރެސްޓޯރަންޓު، ކެފޭ އަދި ހޮޓާތައް މޮނިޓަ ކުރުން.
  • ފުރަބަންދު ކަރަންޓީނަށް ލާން ޖެހޭ މީހުން ފުރަބަންދު ކަރަންޓީނަށްލުން.

ރާއްޖެ އިން މިހާތަނަށް 166،525 މީހުންނަށް ކޮވިޑް ޖެހުނު އިރު، މި ބަލީގައި ނިޔާވެފައި ވަނީ 292 މީހުންނެވެ. މި ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 151،009 މީހުންނެވެ.

ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 15،211 އަށް އަރާއިރު، އެޑްމިޓްކޮށްފައި ތިބީ 25 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނހ

    ހުވަދު އަތޮޅުގެ އާބާދީ މަދު ރަށެއްގަ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދާތާ ތިންހަފުތާ ވަމުންދާއިރު، ކައުންސިލުން އަދި ހެލްތުން މިކަން ހުއްޓުވުމަށް ކުރެވުނު ކަމެއްނެތް.ކޮވިޑް ޖެހިފައިވާ މީހުންނާ ގާތުން އެއްތަން ވެފައިވާ މީހުން ކަރަންޓީނު ނުކުރެވޭ. އެމީހުން މާސްކު ނާޅާ ރަށުތެރޭގަ.

  2. ާއެޗްޕީއޭ

    ޢެޗްޕީޢޭ ތީ މިހާރުން މިހާރައް އުވާލަން ޖެހޭތަނެއް ސާންޕަލް ނަގާފަ 72 ގަޑި އިރުވާއިރުވެސް ނަތީޖާ ނުލިބޭ އުވާލާ އުވާލާ އުވާލާ

    6
    1
  3. ާވާނުވާ

    މީނުނަން ދުއްޕާން ކުރުން ނޫންކަމެއް ތިތަނުން ނުކުރޭ

  4. ނިންޓެންޑޯ

    އަވަހަށް ވެކްސިން ހޮލޮކޯސް އެއް ފަށާ!!

  5. ސަންޕަލް

    ސުންކު ނަގާތާ 7 ދުވަހުން ނަތީޖާ ލިބެނީ. މި ދެން ބޮޑުވަރު. އެޗް ޕީ އޭ އުވާލާ. ސޯލިހޫ ކޮވިޑް ކޮމިޝަނެއް ހަދާ. ރައްޔިރުން ހަނާވާއިރު ސަރުކާރުގެ ފައިސާ ދަވާލަން އެގައުމުން މިގައުމަށް އަނބިކަނބަލުން ނާއެކު

  6. ނަޖީ

    ބަލަގަ މިހާރު މުޅިދުނިޔެއިންވެސް ދަނީ ދޫދެމުން މިނިވަންކަމުގައުޅެމުން މީދެން ކޮންފަދަ ބަލާމުސީބާތަކާތޯ މިޖައްސަނީ ތިކިޔާއެއްޗެ އަހަރުމެން ބޭނުމެބޫން އަޑުއަހާކަށެ

  7. އަކްމެޑް

    މާލެ ފިޔަވައި؟

  8. އޮޅުވާލި ވޯޓު

    ތީހަމަ ވިލިގިލީގައި ބާއްވާ އިންޑިއާ އައުޓު ހަރަކާތައް ހުރަސްއަޅަންވެގެން ވީދޭހާއެއްޗެހި އެކަމަކު އެކަމެނުހުއްޓުވޭނެ ވަތައްސާފު