ޅ. ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވުމުން ބާއްވާ ބައި އިލެކްޝަނާއި ކައިރިކޮށް އެރަށުގައި ވޮލީ ކޯޓެއް އަޅާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

އިންތިހާބު ކައިރިވެފައި ވަނިކޮށް ޔޫތް މިނިސްޓްރީން ވަނީ ކުރެންދޫގައި ވޮލީ ކޯޓު ގާއިމުކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށް ބުނެ އިއުލާނު ކޮށްފައެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އެ މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމުން މަގާމު ވަނީ ހުސްވެފައެވެ. މި މަގާމުގެ ބައި އިލެކްޝަން އަންނަ މާޗު މަހުގެ 26 ވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފައެވެ.

ކުރެންދޫ ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަނަށް ކުރިމަތިލާން އީސީން ހުޅުވާލާފައިވާ ސުންގަޑި އަންނަ ބުރާސްފަތި ދުވަހަށް ހަމަވެއެވެ.

މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 28 ވަނަ ދުވަހުގައެވެ. އެއީ އިންތިޚާބު ބާއްވާ ދުވަހުގެ ދެ ދުވަސް ފަހުންނެވެ.

ކުރެންދޫ ބައި-އިލެކްޝަނާއި ދިމާކޮށް އެރަށުގައި ވޮލީ ކޯޓެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފައިވާއިރު، ނިމިގެން ދިޔަ ކޮމަންޑޫ-ބައި އިލެކްޝަންގެ ތެރޭގައި ވެސް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް އެދެރަށުގައި ކުރިއަށް ގެންގޮސްފައިކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    އެކި ދާއިރާތަކަށް ކަންތައްތައް ސަރުކާރުން ކޮށްދޭން ބޭނުން ނަމަ މެންބަރު ގާތުގައި އިސްތިއުފާ ދެއްވަން ދަންނަވާ. އޭރުން ނުވެހުރި ކަންކަން ވާނެ.

  2. ކިޔުންތެރިއެއް

    ވަގުތުނޫސް ސިޔާސީވެ ފައި. ބ.އަތޮޅު ކިހާދޫގައި ބައިއލެކްޝަނެއް ނެތް. އެކަމު ކިހާދޫގައި ވޮލީ ކޯޓެއް އަޅާދޭނެފަރާތެއް ހޯދަން މިހާރު އޮތީ މިނިސްޓްރީން އިއުލާންކޮށްފައި.

  3. ށަވިޔަނި

    ސަރުކާރުން ބޭނުންވާ މީހާ ހޮވުނީމަ ވޮލީ ކޯޓ އަޅަން ހުއްދައެއް ނުލިބޭނެ

  4. އަހުމަދު

    ކޮމަންޑޫގެ ޕުރޮޖެކްޓުތައް މިހާރު ނިންމާލީބާ ނޫނީ ހުއްޓާލީބާ؟ ހަމަގައިމުވެސް ރިސޯޓު ހަދަންބުނި ތިން ރަށް ލިސްޓުން އުނިކުރިކަމަށް ކިޔާއަޑު އިވޭ