ރަހީނުކޮށް މަރާލުމަށް ފަހު ހުޅުމާލެ ފަޅުތެރެއަށް އެއްލާލާފައިވާ 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލާގައި ދައުވާ އުފުލާފައިވާ 17 އަހަރުގެ ކުއްޖާ ގޭގައި ބަންދު ކުރަން ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކޮށްފައިވާ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލާގައި ދައުވާ އުފުލާފައިވާ 17 އަހަރުގެ ކުއްޖާ ގޭގައި ބަންދު ކުރަން ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކޮށްފައިވާ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފައެވެ.

ޖުވެނައިލް ކޯޓުން 17 އަހަރުގެ ކުއްޖާ ގޭގައި ބަންދު ކުރަން ނިންމީ، އޭނާ ބަހައްޓާފައި ހުރި ޑިޓެންޝަން ސެންޓަރަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދިން ލަފައަކާ ގުޅިގެންނެވެ.

އޭގެ ފަހުން ކަރެކްޝަންއާއި ފުލުހުން ގުޅިގެން އާ ޑިޓެންޝަން ސެންޓަރެއް ގާއިމްކޮށް، އެ ތަނަށް އެ ކުއްޖާ ބަދަލު ކޮށްދޭން ޖުވެނައިލް ކޯޓުގައި ދައުލަތުން އެދިވަޑައިގަތެވެ. ނަމަވެސް އެ ކުއްޖާ ގޭގައި ބަންދު ކުރަން ނިންމި ނިންމުން އެ ކޯޓުން ބަދަލެއް ނުކުރިއެވެ.

މި މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއެވެ. އިސްތިއުނާފްގެ މައްސަލާގައި ދައުލަތުން ފާހަގަ ކުރެއްވި ކަމަކީ، ދައުވާ ލިބޭ ކުއްޖާގެ ފަރާތުން މުޖުތަމައަށް ނުރައްކާ ވުމުގެ ފުރުސަތާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލް އެބަ އޮތް ކަމުގައެވެ.

ހައި ކޯޓުން މި މައްސަލާގައި ނެރެފައިވާ ހުކުމުގައި ބުނެފައިވަނީ، އެ ކުއްޖާ އަދިވެސް ހުރީ ބަންދެއްގައި ކަމަށާއި ޝަރުތުތަކެއް ކުރުމަށް ފަހު، ދައުވާ ކުރެވޭ ކުޑަކުދިން ގޭގައި ބަންދު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ކަމަށެވެ. އެހެންވެ އޭގެ ބަންދުގެ ހާލަތު ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދަމު ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދާވީ ދިމާލުން ފޮށިގޮނޑަކަށް ލާފައި އޮއްވައި ފެނުނު 13 އަހަރުގެ ކުއްޖާ ގަސްތުގައި މަރާލި ކަމުގެ ދައުވާ އުފުލީ 17 އަހަރުގެ ކުއްޖާގެ އިތުރުން 27 އަހަރުގެ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހީމް ޒިހާންގެ މައްޗަށެވެ. އެކުއްޖާއަށް އަނިޔާކޮށް މަރާލާފައިވާ ސީދާ ސަބަބެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތޭރިއެމްވީ

    މި ރާއްޖޭގައި މީހަކާއި ނީންނަހާ ހިނދަކު މިވަނީ ހަމަ ކިރުބޯ ޅަ ކުދިންނަށް. ފަތުރާނެ ވާހަކައެއް ފަތުރާފަ ކުރާނެހާ ކަމެއް ހަމަ ކުރަންވީ، ކުޑަކުދިންވިއްޔާޔޯ