ހުޅުމާލޭގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލުމަށް ފަހު ފޮއްޓަކަށްލައި މޫދަށް އެއްލާލި މައްސަލައިގައި ތުހުމަތުކުރެވޭ 17 އަހަރުގެ ކުއްޖާ ގޭބަންދަށް ބަދަލު ކުރަން ޖުވެނައިލް ކޯޓުން ކުރި އަމުރު ހައިކޯޓުން އަނެއްކާވެސް ދަމަހައްޓައިފިއެވެ. މިއީ އެކުއްޖާ ގޭބަންދުގައި ބަހައްޓަން ހައިކޯޓުން ތާއިދު ކުރި ދެވަނަ ފަހަރެވެ.

13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ކުއްޖާގެ މައްޗަށް ވެސް ވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އުފުލާފައެވެ.

އެކުއްޖާ ގޭބަންދަށް ބަދަލު ކުރަން ޖުވެނައިލް ކޯޓުން ފުރަތަމަ އަމުރު ކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެއީ ކުއްޖާ ބަންދުކޮށްފައި ހުރި މަރުކަޒަކީ ކުޑަކުދިން ބަންދުކުރާ މަޒަރުކަޒުތަކުގައި ހުންނަން ޖެހޭ މިންގަނޑުތަކަށް ނުފެތޭ ތަނެއް ކަމަށް އެޗްއާރްސީއެމް އިން ނިންމުމުންނެވެ. އެނިންމުމަށް ހައިކޯޓުން ތާއިދު ކުރި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެއީ ކުއްޖޭ ގޭބަންދުގައި ބެހެއްޓޭނެ ސަބަބެއް ނޫން ކަމަށް ނިންމާފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާއި ގުޅިގެން ކުއްޖާގެ ބަންދާއި މެދު އަނެއްކާވެސް ގޮތެއް ނިންމަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޖުވެނައިލް ކޯޓަށް ހުށަހެޅިއެވެ. އެހުށަހެޅުމާއި ގުޅިގެން ޖުވެނައިލް ކޯޓުން އަނެއްކާވެސް ނިންމީ ކުއްޖޭ ގޭބަންދުގައި ބަހައްޓަންށެވެ. ހައިކޯޓުން މިއަދު ތާއިދު ކުރީ އެނިންމުމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އިސްތިއުނާފް މައްސަލައަށް ޖަވާބުދާރީވަމުން އިސްތިއުނާފު ރައްދުވާ ކުއްޖާގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ހެކިބަސް އަދާކުރަން ތިބި ކުދިންގެ ހެކިބަސް ސިއްރު ހެކިންނަށް ނުވާގޮތަށް ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުވެ ފާޅުކަން ބޮޑު ގޮތެއްގައި އަދާކޮށްފައިވާ ކަމަށާއި، ކުއްޖާގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

އަދި ޤާނޫނުގައި ކުއްޖާ ބަންދުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ތަނެއް އަދިވެސް ދައުލަތަށް ނުދެއްކޭ ކަމަށާއި އެ ތަން އަދި ތައްޔާރު ވެސް ނުވާ ކަމަށް ކުއްޖާގެ ފަރާތުން ފާހަގަ ކޮށްފައިވާ ކަމަށާއި އުގެނުމުގެ ޙައްޤަކީ އަސާސީ ޙައްޤެއް ކަމަށާއި ކުއްޖާ އުނގެނުމަށް ފުރިހަމައަށް މަސައްކަތްކުރާ ކަމަށާއި އެއްވެސް އިތުރު ކުށަކަށް އަރައިގަންނަން ކުއްޖާ މަސައްކަތް ކޮށްފައިނުވާ ކަމަށާއި މިއީ ކުއްޖާ އިޞްލާޙުވާން ބޭނުންވާކަމުގެ ދަލީލެއް ކަމަށް ކުއްޖާ ބުނެފައިވާކަން ހައިކޯޓުން ފާހަގަ ކުރިއެވެ.

އަދި ކުއްޖާއަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ޝަރުޠުތަކަކީ ވަރަށް ހަރުކަށި ޝަރުޠުތަކަށް ވީނަމަވެސް އެންމެހައި ޝަރުޠުތަކަށް ކުއްޖާ ފުރިހަމައަށް ބޯލަނބާ ކަމަށާއި އެއްވެސް ޝަރުޠަކާ ޚިލާފުވެފައިނުވާ ކަން ކުއްޖާގެ ފަރާތުން ފާހަގަ ކުރާކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

ޖުވެނައިލް ކޯޓުން ކުއްޖާގެ ބަންދު މުރާޖަޢާކޮށް ނިންމިގޮތުގެ ރިޕޯޓުގެ 5 ވަނަ ނަންބަރުގައި ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ މުހިންމު ކަންކަމަށް ބަލާފައިވާ ކަމަށާއި އަދި އެ މައްސަލައިގައި ވަށައިގެން އެންމެހައި ކަންކަމަށާއި، ކުއްޖާގެ ޙާލަތާ ގުޅޭ ޙަޤީޤަތްތައް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 59 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބަލާފައިވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

މިގޮތުން އެ ކުއްޖާއަކީ ތަޢުލީމު ޙާސިލް ކުރަމުންދާ ކުއްޖެއްކަމާއި އެކުއްޖާއަށް ކޮށްފައިވާ ޝަރުޠުތަކާ އެކުއްޖާ ޚިލާފުވެފައިވޭތޯ ބަލާފައިވާ ކަމަށާއި އެކުއްޖާއަށް ކޮށްފައިވާ ޝަރުޠުތަކާ އެކުއްޖާ ޚިލާފުވެފައިވާކަމަށް އެއްވެސް ފަރާތަކުން ބުނެފައިނުވާކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ. އަދި މީގެ އިތުރުން އެކުއްޖާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ހެކިބަސް ނަގަން ޖެހޭ ފަރާތްތައް ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާފައިވާކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި އިބްރާހިމް ޒިހާން ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އޭނާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަކުއްޖާ

    އެއީ މިދިޔަ އަހަރު ވީ ކަމެއް މިދިޔަ އަހަރުވެސް 17 އަހަރު މި އަހަރުވެސް 17 އަހަރު ؟ ކޮންމެސް ޗަރުކޭހެއް ކުޅެފަ މި މުޖުރިމު ބޭރަަށް ފުރުވާލަން އުޅޭހެން ހާދަ ހީވެޔޭ

  2. ޕޮގުބާ

    މީހުންމަރާމީހުން މަރާނުލާ ބަންދުގަ ބަހައްޓައިގެން ދޭންޖެހޭ ހައްގެއް ނޯންނާނެ ކޮބާތަ މަރުވި ކުއއޖާގެ ހައްގު