ރަހީނުކޮށް މަރާލުމަށް ފަހު ހުޅުމާލެ ފަޅުތެރެއަށް އެއްލާލާފައިވާ 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލާގައި ދައުވާ އުފުލާފައިވާ 17 އަހަރުގެ ކުއްޖާ ގޭގައި ބަންދު ކުރަން ދަށު ކޯޓުތަކުން ނިންމާފައިވާ ނިންމުން ގޯސް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ޖުވެނައިލް ކޯޓުން 17 އަހަރުގެ ކުއްޖާ ގޭގައި ބަންދު ކުރަން ނިންމީ، އޭނާ ބަހައްޓާފައި ހުރި ޑިޓެންޝަން ސެންޓަރަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދިން ލަފައަކާ ގުޅިގެންނެވެ.

އޭގެ ފަހުން ކަރެކްޝަންއާއި ފުލުހުން ގުޅިގެން އާ ޑިޓެންޝަން ސެންޓަރެއް ގާއިމްކޮށް، އެ ތަނަށް އެ ކުއްޖާ ބަދަލު ކޮށްދޭން ޖުވެނައިލް ކޯޓުގައި ދައުލަތުން އެދިވަޑައިގަތެވެ. ނަމަވެސް އެ ކުއްޖާ ގޭގައި ބަންދު ކުރަން ނިންމި ނިންމުން އެ ކޯޓުން ބަދަލެއް ނުކުރިއެވެ. އެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރިއެވެ.

މި މައްސަލަ ދައުލަތުން ދެން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ. އެ ކޯޓުން އިއްޔެ ހުރި ހުކުމުގައި ވަނީ ކުއްޖާ ގޭބަންދަށް ބަދަލު ކުރެވޭނީ ކުއްޖާގެ ވަށައިގެންވާ ހުރި ކަންކަމަށާއި ގާނޫނީ ސަބަބުތަކަށް ވެސް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށެވެ.

ޖުވެނައިލް ޖަސްޓިސްއަށް ކުއްޖާގެ އެއްބާރުލުން ލިބުމާއި އެ ކުއްޖާއަކީ ކޯހަކު ބައިވެރިވެގެން ތައުލީމު ހާސިލްކުރަމުން އަންނަ ކުއްޖަކަށް ވާތީ އޮންނަ އުއްމީދުގެ ސަބަބުން އެ ކުއްޖާ ގޭބަންދުގައި ބަހައްޓަން ހައި ކޯޓުން ކަނޑައަޅާފައިވާ އެ އުސޫލު ވެސް ގޯސް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައި ވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދެވެ.