ރަހީނުކޮށް މަރާލުމަށްފަހު ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ކުޑަކުއްޖާ ގޭބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ދަމަހައްޓައިފިއެވެ.

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރުގައި ހުއްޓައި ޖުވެނައިލް ކޯޓުން ގޭބަންދަށް ބަދަލުކުރަން އަމުުރުކުރީ އެ މައްސަލާގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ އުމުރުން 17 އަހަރުގެ ކުއްޖާއެވެ.

ޝަރުތުތަކަކާއެކު އެކުއްޖާ ގޭބަންދަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. އޭރު ގޭބަންދަށް ބަދަލުކުރަން އަމުރު ކޮށްފައިވަނީ ކުއްޖާ ބަންދުކޮށްފައި ހުރި ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މައުލޫމާތު ދީފައިވާތީ އެކަމަށް ރިއާޔަތްކުރުމަށްފަހުއެވެ.

ނަމަވެސް ކަރެކްޝަންސް އިން ވަނީ އޭގެ ފަހުން ކުޑަކުދިން ގާއިމްކުރުމަށް އާ ޑިޓެންޝަން ސެންޓަރެއް ގާއިމްކޮށްފައެވެ. އެހެންކަމުން ދައުލަތުން ވަނީ ކުއްޖާ އެތަނަށް ބަދަލުކޮށްދިނުމަށް ޖުވެނައިލް ކޯޓުގައި އެދިފައެވެ. ނަމަވެސް އެކޯޓުން ނިންމީ ނިންމުމަށް ބަދަލެއް ގެންނަން ނުފެއްނަ ކަމަށެވެ. ހައި ކޯޓުން ވެސް ވަނީ ޖުވެނައިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ދައުލަތުން ގެންދިއުމުން، އެކޯޓުން މިދިޔަ މަހުގެ 17 ވަނަ ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ.

އޭގެ ފަހުން ދައުލަތުން އަނެއްކާވެސް ޖުވެނައިލް ކޯޓުގައި ކުއްޖާގެ ބަންދު މުރާޖައާކޮށްދިނުމަށް އެދުމުން ނިންމީ ކުއްޖާ ގޭބަންދުގައި ބެހެއްޓުމަށެވެ. އެ ނިންމުމަށް ތާއީދުކުރަމުން ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ ކުއްޖާ ގޭބަންދަށް ބަދަލުކުރުމަށްފަހު ކޮށްފައިވާ ޝަރުތުތަކުން، ކުއްޖާގެ ފަރާތުން މުޖުތަމައަށް ކުރިމަތިވެދާނެ ނުރައްކަލަކާއި އަދި ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެ ކަމަށް އޮތް އިހުތިމާލު ކުޑަކުރަން ޖުވެނައިލް ކޯޓުގެ ފަނޑިޔާރު މަސައްކަތް ކުރެއްވި ކަމަށެވެ.

އަދި ސުޕްރީމް ކޯޓުން ބެލި މައްސަލައިން ވެސް، ކުއްޖާ ގޭބަންދުގައި ބެހެއްޓުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ކަން ފާހަގަކޮށްފައިވާކަން ވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލުމަށްފަހު ފޮށިގަނޑަަކަށްލައި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދިމާލު މޫދަށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދަމު ވަގުތެއްގައެވެ. ކުއްޖާގެ މަރާ ގުޅިގެން ފުލުހުން ހައްޔަރުކުރީ 17 އަހަރުގެ ކުޑަކުއްޖާގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.