އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓް ހިފެހެއްޓި ހިފެހެއްޓުމަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ސިޔާސީ ޖަރީމާއެއް ކަމަށް މެންބަރު ސިޔާމް ވިދާޅުވެއްޖެއެވެ.

ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލްއާ ހަވާލުކުރި އެއްބަސްވުން ބާތިލް ކުރި މައްސަލާގައި ސަން ޓެރެވެލުން ހިލްޓަންއަށް ދައްކަން ޖެހޭ 28 މިލިއަން ޑޮލަރު ނުދެއްކި މައްސަލާގައި ސަން ކުންފުނީގެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފައެވެ. އަދި ސިޔާމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.

ދުވަސްތަކެއް ވަން ދެން އެމްޑީއޭގެ އެތެރޭގައި މާ ބޮޑު ހަރަކާތެއް ނުބާއްވައި މިއަދު އެ ޕާޓީން ވަނީ ކުއްލިއަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމުގައި ސިޔާމް ވިދާޅުވި ގޮތުގައި، މިއަދު އެމްޑީއޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ. އަދި ސިޔާމްއާއި ޕާޓީގެ ގާނޫނީ ވަކީލުންނާއި މަޝްވަރާ ކުރިއިރު، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ގާނޫނާއި ޚިލާފަށް ކަން ވަކީލުން ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.

ސިޔާމް ވަނީ ދިމާވެގެން އުޅޭ މައްސަލައަށް ވެސް އަލިއަޅުވާލައްވައިފައެވެ. އޭނާ ވިދާޅުވީ، މެނޭޖްމަންޓް ކިޔާ އިޒްރޭލްގެ ކުންފުންޏަކަށް އެއްބަސްވުން ހެދި ނަމަވެސް، އެއްބަސްވުމާއި ޚިލާފަށް ކަންކަންކޮށް އެ ކުންފުނިން "ވައްކަންކުރީ" ކަމުގައެވެ. އެހެންވެ އެއްބަސްވުން ބާތިލް ކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގްރިމެންޓް ކެންސަލް ކުރީމަ އެ މީހުން ކޯޓަށް ލައިގެން ވިންވީ، ދެވަނަ ފަހަރަށް ކޯޓަށް ގޮސްގެން އަޅުގަނޑުމެން ވިންވީ، މިއަދު އަނެއްކާ އެ އުޅެނީ އެ މީހުނަށް ވިން ވެގެން، ދެ ފަރާތަށް ވެސް މައްސަލަ ދާ ޝަރީއަތަކާއި ގުޅިގެން މި ގޮތަށް ކުއްލިއަކަށް ޕާސްޕޯޓެއް ނުހިފެހެއްޓޭނެ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ޖުޑިޝަރީގެ ނާއިންސާފުގެ ވާހަކަ އޭނާ ދައްކަވަން ފެއްޓެވީ ޝަރުއީ މަރުހަލާ މެދުވެރިކޮށް ވަކި އޭނާ ބޭނުން ނުވާ ގޮތަކަށް ކަންކަން ނުވުމުން ނޫން ކަމުގައެވެ. އެ ވާހަކަ ދައްކަން ޖެހުނީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވައިގެން ސިޔާސީ ނުފޫޒު ފޯރުވާތީ ކަމަށް ވިދާޅުވިއެވެ.

"ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ޓެކްސް ދައްކާ އެންމެ ބޮޑެތި ކުންފުނިތަކުގެ ވެރިންނަކީ ހާދަ ގަދަރުވެރި ބައެކޭ، ރާއްޖޭގައި ކިހިނެއްތޯ މި ވަނީ، ޒާތީ ގޮތުން ޖައްސާލައި ޒާތީ ގޮތުން އަނިޔާކޮށް މީހުންގެ އަގު ވައްޓާލައި، [ގާނޫނާއި ޚިލާފަށް] ޕާސްޕޯޓް ހިފަހައްޓަނީ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ކޯޓުތަކުގެ ފަނޑިޔާރުންނަށް މާ ބޮޑު ބާރެއް ނޯންނަ ކަމަށެވެ. ފަނޑިޔާރުން ހުކުމް ކުރަންވާ ގޮތް އަންގަވަނީ ޖޭއެސްސީގައި ތިއްބަވާ ސިޔާސީ ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކޮމިޝަންގައި އިންނަވާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވިއެވެ.

"ސިޔާސީ އެންމެ ބޮޑު ޕާޓީގެ ލީޑަރު އިނދެގެން ކިހިނެއްތޯ އަދުލު އިންސާފެއް ގެންނާނީ. ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ މައްސަލައިގެ އެންމެ ބޮޑު މަންފާއެއް ލިބުނީ ކޮން ފަރާތަކަށްތޯ،" ނަޝީދަށް ވެސް ޚީޔާނާތުގެ ފައިސާ ލިބުނު ކަމަށް ސިޔާމް ތުހުމަތު ކުރެއްވިއެވެ.

ޖޭއެސްސީގައި ނަޝީދު އިންނަވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މެންބަރެއްގެ ގޮތުގައި އިންނަވާ މަސްތޫރު ހުސްނީއަކީ ނައިބު ރައީސެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވެސް އިންނަވައެވެ.

ޖޭއެސްސީގައި މިހާރު އޮތީ އެމްޑީޕީގެ މެޖޯރިޓީއެކެވެ. އެމްޑީޕީގެ ބޭފުޅުން އެ ކޮމިޝަން މެދުވެރިކޮށް ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރަނީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭން ވައުދެކެވެ. ނަމަވެސް ސުޕަ މެޖޯރިޓީ އޮވެ އަދި ޖޭއެސްސީގެ އެކުލެވުން ބަދަލުނުކޮށް މިހެން ކުރިއަށްދާތީ އެމްޑީޕީއަށް ގިނަ ފާޑުކިއުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ހުދު ހެނދުމުގައި ހުދުއަހެއްގަ ހުކުރަށްދެވުނީމަ ނިމުނީތޯ މީސްމީހުންގެ ހައްގުތަށް އަދާކުރާކަން ނުޖެހޭތޯ

  2. ހުސޭނު

    ސިޔާމު ކަލޭ އަހަރުމެންލައްވާ އެތައް މަސައްކަތެއް ކުރުވާފަ އަދިވެސް ލާރި އެތައްލާރިއެއް ނުދީ އެވައޮތް. 3 އަހަރު ވެއްޖެ. ދިޔާމަ ވެރިޔަކާ ބައްދަލެއްނުވޭ ކުމާރު ކިޔާ މީހަކު އައި ބުނާނެ ދަންނަވާފީމޭ އެ ނިމުނީ އެހިސާބުން. މިހާރު ވާނީ ކޯރޓަށްލާފަ. ވ ސަލާމް

  3. ޖާބެ

    ސިޔާމު ބުންޏަސް ތިޔައީ ތެދުވާހަކަޔެއް.. މިތަނުގަ ކޮމެނޓްތަކައް ބަލާއިރު މަސައްކަތްކުރުވާފަ މަސައްކަތުގެ އުޖޫރަނިދުނަމީ ވެސް އަނިޔާ އިގޭތޯ

  4. ނަނަނަ

    ތީނަގެ ޕާސްޕޯޓުގަ ނަން ލިޔެފަ އޮންނަނީ “ސިޔާމް” މިހެންތަ؟ މަށަށް ހާދަ ހީނުވެޔޭ..