މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑުން ދޫވެގެން ދަނީ ތަހުގީގު މަރުހަލާގައި ފުލުހުން ލައްވައި ގަސްތުގައި ގޯސް ހަދުވައިގެން ކަމަށް ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބު ރައީސް ޖަމީލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ރަށެއްގައި ވެސް މަސްތުވާތަކެތީގެ ވިއުގަ ބޮޑުވެ ފުލުހުންގެ އިސް ބޭފުޅުންގެ ހިމާޔަތް ހޯއްދަވާފައިވާ ކަމަށެވެ.

"ޕްރޮސެކިއުޓާ ޖެނެރަލްގެ ދައުވާތަކުން ދެމިގަންނަނީ ތަހުގީގުގައި ގަސްތުގައި ގޯސް ހަދައިގެން،" ފަނޑިޔާރުކަމާއި ޝަރުއީ ދާއިރާގެ ވަޒީރުކަން ވެސް ކުރެއްވި ޖަމީލް ލިޔުއްވާފައިވެއެވެ.

ޖަމީލް ވިދާޅުވީ މިހާރު އޮތް މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަކީ މި ހުރިހާ މައްސަލަތަކެއްގެ އަސްލު ކަމަށެވެ. އެ ގާނޫނު އޮތީ ވެސް "ބޮއެގެން" މުޖުތަމައަށް ދޫކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖެއަށް ފެތޭތޯ ނުބަލައި، ކޮޕީކޮށްގެން ގާނޫނު ހެދީމަވާ ގޮތް، ޑްރަގް ކޯޓަކީ ބޭކާރު ޚަރަދުކޮށް މައްސަލަ ނުބަލާ ފަނޑިޔާރުން ތިބި ހަމައެކަނި ކޯޓު، ހާލަތު މި އޮތީ ބޮއްސުންލާފައި،" ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    ކިތަންމެ މޮޅު ތަހުގީގެއްކުރިޔަކަސް ގާނޫނުއަސަސީގެ 52 ވަނަ މާއްދާއާއި ހެކިހޯދުމާއި ބެހޭ މާއްދާތައް ހުރިގޮތުން އަދި ފަނޑިޔާރުނަށް އަމަލުކުރުމަށް ގާނޫނުއަސާސީގަ އޮންނަގޮތުން ކޯޓް ގަ ސާބިތު ކުރެވިދާނެކަމަކަށް ނުދެކެން. ރާއްޖޭގަ ހުޅުޖަހަންއެންގިމީހާ ހައްޔަރުކުރެވުނުތަ؟

  2. ސުންދުސީ

    ވަރަށް ތާއިދު ވާހަކައެއް.ޖަމީލު ބުންޏަސް ތެދެއްވާނީ ތެދަކަށް.ބޮޑެތި ކުށްވެރިން ދޫކޮށްލަނީ ރޭވިގެން.