ހުޅުމާލޭ ފިހާރައަކުން އެކި ދުވަސްމަތިން ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން އެއްލައްކަ އަށްވުރެން ގިނަ ރުފިޔާގެ މުދާ ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

އިއްޔެގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފިހާރައަކުން ޖަނަވަރީ މަހުގެ އެކި ދުވަސްމަތިން ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން އެއްލައްކަ އަށްވުރެން ގިނަ ރުފިޔާގެ މުދާ ނަގާފައިވާކަމަށް މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އަދި އެ ޒުވާނާ ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން އެ ފިހާރައިން ނެގި ތަކެތީގެ ތެރެއިން އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަން ފުލުހުން ހާމަކޮށްފައި ވެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު އޭނާގެ ބަންދަށް، ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.