އއ. ތޮއްޑޫ ރަށު ތެރޭގެ އެކި ތަންތަނުގައި އަލިފާން ރޯކުރާކަމުގެ ޝަކުވާ ލިބިގެން އެ މައްސަލައިގައި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ..

ދިވެހި ފުލުހުންގެ ހިދުމަތުގެ މީޑިއާ އޮފިޝަލަކު މިއަދު "ވަގުތު"އަށް ވިދާޅުވީ ތޮއްޑޫގައި އާންމުންނަށް އުނދަގޫވާ ގޮތަށް ރަށުތެރޭގެ އެކި ތަންތަނުގައި ރޯކޮށް ގެއްލުން ދެމުންދިޔަ މައްސަލައެއްގައި ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މިގޮތުން ތޮއްޑޫގެ ގެސްޓް ހައުސްތަކާއި ފަތުރުވެރިން ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ވެސް އަލިފާން ރޯކޮށް ގެއްލުންދޭ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަދި އެރަށުގެ ދަނޑުބިންތަކުގައި ވެސް އަލިފާން ރޯކޮށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި އުމުރުން 42 އަހަރުގެ ހަމަ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި ދެމީހުންގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ބަންދަށް ދެ ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.