ރަށްރަށުގެ ކައުންސިލްތަކުގެ އިހްތިސޯސްގައި ހިމެނޭ ދައުލަތުގެ ބަންޑާރަ ބިންތަކާއި ގުޅުން ހުރި މައްސަލަތައް ޝަރުއީ ކޯޓުތަކުގައި ބަންޑާރަ ނައިބަށް ތަމްސީލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އދ. ފެންފުށީ ބަންޑާރަ ބިމަކާ ގުޅޭ ގޮތުން އައްބާސް އަލީކަލޭގެފާނު ކިޔާ މީހަކު 1987 ވަނަ އަހަރު, ހުށަހެޅި ޝަކުވާއަކާއި ގުޅިގެން ހައި ކޯޓުން ވަނީ އެފަދަ މައްސަލަތަކުގައި ކައުންސިލްތައް ތަމްސީލް ކުރަން ޖެހޭނީ ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް ކަނޑައަޅައިފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ހައި ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެ އޮފީހުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރީ މައިގަނޑު ދެ ނުކުތާއެއްގެ މައްޗަށެވެ.

ފުރަތަމަ ނުކުތާއަކީ، ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި މުއާމަލާތް ކުރުމުގެ ބާރު ދީފައިވާ ވަކި ގާނޫނީ ޝަޚްސިއްޔަތެއް ކަން ލާމަރުކަޒީ ގާނޫނުގައި އޮތުމެވެ.

ދެވަނަ ނުކުތާއަކީ، ކައުންސިލްގެ ބާރުގެ ދަށުގައި އޮތް ބިމެއްގެ މައްސަލައެއްގައި ބަންޑާރަ ނައިބުގެ އޮފިހުން ކައުންސިލް ތަމްސީލް ކުރަން ހައި ކޯޓުން އަމުރު ނެރުމުގައި ގާނޫނު މާނަ ކުރުމުގެ ކުށެއް އޮތް ކަމުގައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި ހުކުމުގައި ހުސްނުއްސުއޫދު ވިދާޅުވީ، އަތޮޅުތަކާއި ރަށްރަށް ހިންގުމުގެ އުސޫލަށް 2008 ގައި ތަސްދީގު ކުރެވުނު ފެހި ގާނޫނު އަސާސީން ވަރަށް ބޮޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަތޮޅުތަކާއި ރަށްރަށް ހިންގާނީ މައި ސަރުކާރާއި ވަކިން އޮންނަ އިންތީޚާބީ ކައުންސިލްތަކުން ކަމުގައެވެ.

އެހެންވެގެން ކައުންސިލްތަކުގެ އިހްތިސޯސްގައި ހިމެނޭ ބަންޑާރަ ބިންތަކާއި ގުޅޭ ގޮތުން ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ކައުންސިލްތައް ތަމްސީލް ކުރާނީ އެ ކައުންސިލަކުން އަމިއްލައަށް ކަމަށެވެ. އޭގައި ގާނޫނީ ވަކީލުން ހަމަޖެއްސުމަކީ ވެސް އެ ކައުންސިލެއްގެ އަމިއްލަ ކަމެއް ކަމަށް ހުކުމުގައިވެއެވެ.

ބަންޑާރަ ނައިބަކީ ސަރުކާރުގެ އިސް ގާނޫނީ ވަކީލު ކަމުގައިވާއިރު، ކޯޓުތަކުގައި ކައުންސިލްތައް ބަންޑާރަ ނައިބު ތަމްސީލް ކުރުމަކީ ކައުންސިލްތަކުގެ މިނިވަން ކަމަށް ހުރަސް އެޅި އަދި ބައެއް ފަހަރު ދެ ފަރާތުގެ މަސްލަހަތު ވެސް ފުށުއަރައިފާނެ ކަމެއް ކަމަށް ވެސް ހުކުމުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސަރޭ

    އެހެންކަމުން، ތިޔަނިންމެވީ ކައުންސިލްތަކަކީ ދިވެހި ދައުލަތުގެ ބައެއް ނޫނޭތޯ. ކޮބާތޯ ޤާނޫނީ އަސާސީގެ އެންމެ މުހިންމު އެއް އަސާސީ އެއް ރުކުން ކަމުގައިވާ "ޔުނިޓަރީ" ދައުލަތް؟