ހ. ހަންޑްރެންޑް ފްލާވާސް، ޖައިލަމް އަހްމަދު ޝާކިރު މަރާލި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ދަރުބާރުގެ ކައިރީ ހުއްޓައި، ތޫނު އެއްޗަކުން ހަމަލާދީ ޖައިލަމް މަރާލީ ފެބްރުއަރީ 2015 ގައެވެ. މި މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

އެއީ ވ. ސިނަމާލެ 4 އިސްމާއިލް އަނީގު، ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދު، ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާން، އަދި ގއ. ވިލިނގިލި ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

ހަތް އަހަރު ކުރިން ހިނގި މަރުގެ މައްސަލައިގެ ޝަރީއަތުގައި، ގާޒީ އިސްމާއީލް ޝަފީއު މިއަދު ކަނޑައެޅުއްވީ ދައުލަތުން ދައުވާ ކުރާ ހަތަރު މީހުންގެ މައްޗަށް ވެސް މި ދައުވާ ސާބިތު ނުވާ ކަމުގައެވެ.

މައްސަލައިގެ ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ ދައުލަތުން ހުށަހެޅި ސީސީޓީވީ ފުޓޭޖުތަކުން އެ ތަނުގައި ތިބީ ދައުވާ އުފުލިފައިވާ ހަތަރު މީހުން ކަން ސާފު ނުވާ ކަމުގައެވެ.

ފުލުހުން ތަހުގީގުކޮށް އެކުލަވާލާފައިވާ ރިޕޯޓްގައިވާ ގިނަ ކަންކަން ދައުވާ އުފުލިފައިވާ ހަތަރު މީހުނާއި ގުޅުވައި ނުލެވޭ ކަން ޝަރީއަތުގައި ހެކިބަސް ދިން ފުލުހުން ވެސް ފާހަގަކޮށްފައިވާ ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ދައުލަތުން ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކި ގަރީނާއިން ހަތަރު މީހުންގެ ދައުވާ ސާބިތުވާ ވަރުގެ ބުރަ ދަނެއް ނެތް ކަމަށް ގާޒީ ކަނޑައެޅުއްވިއެވެ.

ޝަފައީ ހެކިންގެ ގޮތުގައި ދައުލަތުން އަށް ހެއްކެއް ހުށަހެޅިއެވެ. ނަމަވެސް ޝަރީއަތަށް ހާޒިރުވެ ހެކިބަސް ދެވުނީ ތިން ހެކިވެރިންނަށެވެ.

ހެކިވެރިން ސިއްރުކޮށްގެން އަޑު ބަދަލުކޮށް ޝަރީއަތަށް ނަގާފައިވާ ހެކި ބަސްތަކުން ވެސް ދައުވާ ސާބިތުވާ ވަރުގެ ބުރަދަނެއް ހުރި ވާހަކައެއް ނެތް ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ދަށު ކޯޓުގެ މި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެއެވެ. މި ކަމުގައި ދައުލަތުން އަދި ވަކި ގޮތެއް ނުނިންމައެވެ.

ދައުލަތުން އުފުލާފައިވާ ދައުވާގައި ވަނީ، ޖައިލަމަށް ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ ޖައިލަމް ކައިރިއަށް ދިޔަ ހަމީދު ކަމަށެވެ. އޭނާ ތޫނު އެއްޗަކުން ޖައިލަމަށް ހަމަލާ ދިންއިރު، އިސްމާއީލް އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމަށް ހަމަލާ ދިން ކަމުގައެވެ. ނަސީބު ސައީދު އަދި އަލީ އިރުފާން ޖައިލަމަށް ހަމަލާ ދިން މީހުން ގޮވައިގެން ސައިކަލުގައި ގޮސް އެ މީހުން ފިލުވުމަށް މަސައްކަތް ކޮށްފައިވާ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮރަލް

    ވަކީލުންނެވެ. ގާޒީންނެވެ. ބަޔަކު މިލިއަނަރުންނަށް ވާނެ އެވެ.

    18
  2. ކާނިވާއިން

    ޥ ދެރަކަމެއް. އެނެއްކާ ޖައިލަމް މަރުވިތަ؟ މި ސުވާލުވެސް ކުރެވޭނެ

    17
    2
  3. ރަން ރީނދޫ

    މި އޮތީ އިންސާފުވެރި ފަނޑިޔާރުގެ ގާއިމްވެފަ. ސާބަސް އެމްޑީޕީ.

    15
    2
  4. ކާނިވާ އައުޓް

    ޖައިލަމް މަރުވީ އަމިއްލައައްތަ؟، ތޫނު އެއްޗެއްބޭނުން ކޮއްގެން،
    4 މީހުން މިހުރިހާ ދުވަހެއްވަންދެން ގޮޅީގަ ކީއްވެބާ؟
    7އަހަރު ޖަލުގަ ކުށެއްނެއް މައުސޫމް 4 ކުދިން،
    މިނޫނަސް ދުވަހެއް އެބަ އޮތް،
    އިންސާފު ލިބޭނެ،

  5. ރަބަރޭ

    ގިޔާމަތް ދުވަހު ކިހިނެތްބާ ދެން ހަދާނީ ކިހިނެތްބާ އޭރުން ސަލާމަތް ވަނީ

  6. ކުރުކުރު

    އަނެއްކާ އަނެކަކުގެ ގަޔަށް ވަޅިޖަހާ މަރާ ކޮށާލަން ދޫކޮށްލާ. މިޖީލުގަ އުޅެންވާ ބަޔަކީ ތީ.

    3
    1
  7. މ.މ.

    އެމް.ޑީ.ޕީގެ ސިޔާސީ މަސްލަހަތެއް އޮތްނަމަ ބޮޑު ކަންތައްގަނޑަކަށް ހަދާލީސް. ތަންތާ ހުޅުޖަހާ މުޒާހަރާކޮށް ބޮޑުމުސާރަދީފަ ކޮމިށަންތައްހަދާ.

    1
    2