ހ. ހަންޑްރެންޑް ފްލާވާސް، ޖައިލަމް އަހްމަދު ޝާކިރު މަރާލި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ދަރުބާރުގެ ކައިރީ ހުއްޓައި، ތޫނު އެއްޗަކުން ހަމަލާދީ ޖައިލަމް މަރާލީ ފެބްރުއަރީ 2015 ގައެވެ. މި މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

އެއީ ވ. ސިނަމާލެ 4 އިސްމާއިލް އަނީގު، ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދު، ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާން، އަދި ގއ. ވިލިނގިލި ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

ޖައިލަމް މަރާލިތާ ހަތް އަހަރު ފަހުން ކުރި ހުކުމުގައި އެ މީހުންގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުއެވެ. އެ މައްސަލަ ދައުލަތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެކަމަކު އެކަށީގެންވާ މިންވަރަށް ހެކިނެތުމުގެ ސަބަބުން، މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މުހައްމަދު ހުމައިދުގެ ބައި އިސްތިއުނާފު ކޮށްފައެއް ނުވެއެވެ.

މައްސަލައިގެ ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ ދައުލަތުން ހުށަހެޅި ސީސީޓީވީ ފުޓޭޖުތަކުން އެ ތަނުގައި ތިބީ ދައުވާ އުފުލިފައިވާ ހަތަރު މީހުން ކަން ސާފު ނުވާ ކަމުގައެވެ.

ފުލުހުން ތަހުގީގުކޮށް އެކުލަވާލާފައިވާ ރިޕޯޓްގައިވާ ގިނަ ކަންކަން ދައުވާ އުފުލިފައިވާ ހަތަރު މީހުނާއި ގުޅުވައި ނުލެވޭ ކަން ޝަރީއަތުގައި ހެކިބަސް ދިން ފުލުހުން ވެސް ފާހަގަކޮށްފައިވާ ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ދައުލަތުން ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކި ގަރީނާއިން ހަތަރު މީހުންގެ ދައުވާ ސާބިތުވާ ވަރުގެ ބުރަ ދަނެއް ނެތް ކަމަށް ގާޒީ ކަނޑައެޅުއްވީއެވެ.