ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމެންޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މިހާރު ބަނދަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރަމުންދާ އިރު، ރިވެޓްމެންޓް ޖެހުމުގެ 53 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 45،795 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އަދި 507 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 2،320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތިއާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މިއީ ޕްލޭނިން މިނިސްޓްރީން ޑިސެމްބަރު 29، 2019ގައި އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ. މި މަޝްރޫއަކީ 52.7 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.