މުޅި އަތޮޅަށް ހުޅުވާލައިގެން ހއ. ދިއްދޫގައި ލައިފްގާޑުން ތަމްރީނު ކުރުމުގެ ކޯހެއް ފަށައިފިއެވެ.

ހއ. އަތޮޅު ކައުންސިލާއި މޯލްޑިވްސް ސްވިމިންގް އެންޑް ލައިފް ސޭވިންގް ސްކިލްސް ޓްރެއިނިންގެ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދާ މި ކޯހުގައި 25 ބައިވެރިން ބައިވެރިވެއެވެ.

ކޯސް ތައާރަފް ކުރުމުގެ ގޮތުން އިއްޔެ ދިއްދޫގައި ކުރިޔަށްދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގް ވިދާޅުވީ، "މި ފެށޭ ލައިފްގާޑް ޓްރޭނިންގް ކޯހަކީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ މުހިންމު ކޯހެއް،" ކަމަށެވެ.

މި ކޯހުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް އެކި އެކި ފުރުސަތުތައް ފަހިވެގެންދާނެކަން ޝަފީގް ފާހަގަ ކުރެއްވިއެވެ. އަދި މި ކޯހަކީ މޫދުގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް އެޅޭ ބާރަކަށް ވެސް ވެގެންދާނެ ކަމަށް ޝަފީގް ވިދާޅުވިއެވެ.

10 މާރޗް އިން 17 މާރޗްގެ ނިޔަލަށް ކުރިޔަށްދާ މި ކޯހަކީ އެމްކިއުއޭ ގަބޫލުކުރާ ލެވެލް އެކެއްގެ ސެޓްފިކެޓެއް ލިބިގެންދާ ކޯހަކަށް ވާއިރު، މި ކޯހުގައި އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑްގެ އެގްޒެކްޓިވް ހައުސްކީޕަރު އަދި ސޭފްޓީ އެންޑް ސެކިއުރިޓީ މެނޭޖަރު އަބްދުﷲ ރަޝީދުގެ އިތުރުން އެ ރިސޯޓްގެ ބައެއް މުވައްޒަފުންނެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ އިންސްޓްރަކްޓަރު އަބްދުﷲ ރަޝީދުވިދާޅުވީ، މި ކޯސް ފުރިހަމަ ކޮށްފައިވާ 18 އަހަރުން މަތީގެ ކޮންމެ ޒުވާނަކަށް ވަޒީފާ ޔަގީންވާނެ ކަމަށެވެ.

ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ޒުވާނުންނާއި ސްކޫލް ދަރިވަރުން ބައިވެރިވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. ލައިފްގާޑް ތަމްރީނު ކޯހުގައި ބޭސިކް ފަސްޓްއެއިޑް އަދި ސީޕީއާރުގެ އިތުރުން ކަނޑުމަތީގެ ހާދިސާތަކުގައި އަމަލުކުރަން ޖެހޭނެ ގޮތްތައް ކިޔައިދޭނެއެވެ.