ދަފްތަރުގައި ޖެހުމަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ އައިޑީ ކާޑު ހައުސިންގ މިނިސްޓްރީއަށް އަތުލާ ވާހަކައާއި، ނޭޝަނަލް ރަޖިސްޓްރޭޝަނުން ކުރަމުންދާ ދަފްތަރާ ގުޅުންހުރި މަސައްކަތުގައި ބައެއް ޑޮކިއުމެންޓް ތަކަށް ބަދަލުތައް ގެންނަމުންދާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، މީސް މީޑިއާގައި ދައުރުވަމުންދާ ރިސިޕްޓްތަކަކީ ފޭކް ރިސިޕްޓްތަކެއް ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދާދި ދެންމެ އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޒަރީރު ވިދާޅުވީ، ހައުސިންގެ މިނިސްޓްރީގައި މި ކުރަމުންދާ މަސައްކަތްތަކުގައި ދަފްތަރުގައި ޖެހޭ އެއްވެސް ރައްޔިތަކު އަތުން އައިޑެންޓިޓީ ކާޑު ކަލެކްޓެއް ނުކުރާނެ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް އެ މިނިސްޓްރީން އައިޑީކާޑު ކަލެކްޓް ނުކުރާނެ ކަމަށެވެ.

"100 ޕަސެންޓާއެކު ދަންނަވަން ކެރޭ ހައުސިންގެ މިނިސްޓްރީގައި މި ކުރަމުންދާ މަސައްކަތްތަކުގައި ދަފަތަރުގައި ޖެހޭ އެއްވެސް ރައްޔިތަކު އަތުން އައިޑެންޓިޓީ ކާޑު ކަލެކްޓެއް ނުކުރާނެ. އަޅުގަނޑުމެން މިވީހާތަނަށްވެސް އެއްވެސް ބޭފުޅަކު އަތުން އައިޑީ ކާޑު ކަލެކްޓެއް ނުކުރަން އަދި ކުރިއަށް އޮތް ތަނުގައިވެސް ކަލެކްޓް ނުކުރާނެ." ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، މީޑިއާ ތެރޭގައި ދައުރުވަމުންދާ ރިސިޕްޓް ތަކާއި ލިޔުންތަކަކީ މުޅިން ފޭކް ލިޔުންތަކެއް ކަމަށާއި، އެގޮތަށް އެ މިނިސްޓްރީގެ ރަސްމީ ލިޔުންތައް ނުހުންނާނެ ކަމަށެވެ.

"މީޑިއާ ތެރޭގައި ދައުރުވަމުންދާ ރިސިޕްޓް ތަކަކީވެސް ފޭކް އެއްޗެހިތަކެއް، ހައުސިންގ މިނިސްޓްރީގެ ތައްގަނޑު ޖެހި ހައުސިންގ މިނިސްޓްރީގެ ރަސްމީ އެއްވެސް ލިޔުމެއް އެގޮތަށް ތައްޔާރު ކުރެވިފައެއް ނުހުންނާނެ، އެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަން" ޒަރީރު ވިދާޅުވިއެވެ.

މީގެ ކުރިން މާލޭ ސިޓީ ކައުންސިލާއި، މުނިސިޕްލްޓީން ދަފްތަރުގެ މަސައްކަތް ކުރިއިރުގައި ދަފްތަރުގައި ޖެހުމުން އެ މީހާގެ މައުލޫމާތު ބަދަލުވެ، އެމީހެއްގެ އައިޑީ ކާޑު ނަގާފަ އައު އައިޑީ ކާޑެއް ދޫކުރުމުގެ މަސައްކަތް ކުރި ނަމަވެސް، މި މަރުހަލާގައި (އިންތިޚާބު ކައިރިވެފައިވާއިރު) އެކަމެއްވެސް ނުހިނގާނެ ކަމަށާއި، މި މަރުޚަލާގައި ހައުސިންގ މިނިސްޓްރީން ދޫކުރަނީ ވަގުތީ ސްލިޕެއް ކަމަށް އަދި އެ ވަގުތީ ލިޔުން ބޭނުންކޮށްގެން ދަފްތަރު ކެޓަގަރީއަށް ފެލެޓަށް ފޯމު ލެވޭނެ ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.

"ކުރިން މީޑިއާގައި ދަންނަވާފައިވާނެ ފަދައިން މިކަން ހިނގަމުންދަނީ އިލެކްޝަންސް ކޮމިޝަނާއި އަދި ޑީއެންއާރާ އެކީގައި ކޮމިއުނިކޭޓް ކުރެވިގެން ވަރަށް ރަނގަޅު މަރުޚަލާއެއްގެ ތެރެއިން، އެއްވެސް ރައްޔިތަކު ކަންބޮޑުވެވަޑައި ނުގަންނަވާ، މިކަމަކީ ވަރަށް ބޮޑަށް ކޯޑިނޭޓް ކުރެވިގެން ކުރަމުންދާ މަސައްކަތެއް، އެއްވެސް ބޭފުޅެއްގެ ވޯޓް ލުމުގެ ހައްޤު ގެއްލިގެން ނުދާނެ." ހައުސިންގެ މިނިސްޓްރީން ކުރަމުންދާ މަސައްކަތާމެދު ޝައްކު ނުކުރެއްވުމަށް އިލްތިމާސް ކުރައްވައި ޒަރީރު ވިދާޅުވިއެވެ.

އިތުރަށް ޒަރީރު ވިދާޅުވީ، ޥެތުވެދިޔަ ހަތަރު ފަސް ދުވަހުގެ ތެރޭގައި ދަފްތަރުގައިނ ރަޖިސްޓްރީވުމަށް 2570 ބޭފުޅަކު ފޯމު ނަންގަވާފައިވާ ކަމަށާއި، ދުވާލެއްޖެ މައްޗަށް އެވްރެޖްކޮށް 270 އަށްވުރެ ގިނަ ފަރާތްތަކުން ފޯމު ހުށަހަޅަމުންދާ ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު "ހިޔާ" ގެ ފްލެޓްތަކަށް ދަފްތަރު ކެޓަގަރީއަށް ފޯމުލުމުގެ މުއްދަތު 2018 އޮގަސްޓް 31 ގެ ނިޔަލަށް އިތުރުކޮށް ދަފްތަރުގައި ރަޖިސްޓްރީވުމަށް ސަރުކާރުން ހުޅުވާލައްވާފައވަނީ ވީހާވެސް ގިނަ ބަޔަކަށް ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ދިނުމުގެ ގޮޔުންނެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވާން ފޯމުލުމުން ވޯޓްލުމުގެ ހައްޤަށް އުނިކަން އަންނާނެ އެއްވެސް މަރުޚަލާއެއް ވޯޓުލުމުގެ ކުރިން ކުރިއަށް ނުގެންދަވާނެކަމަށް އެ މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އައިޑީކާޑް ގެންދިޔަސް ނުގެންދިޔަސް މަގޭވޯޓް އާއިލާގެ ވޯޓް ރޔ އައް 2018 ޔަގީން.

  2. Anonymous

    ހުރިހާ ކާޑެއްވެސް ދީފާނަން ރޔާމީން އައް ވޯޓްދެންޏާ

  3. ކެރަފާ

    މަގޭ ކާޑުވެސް ދީފާނަން ރައީސް ޔާމީން އަށް ވޯޓް ދޭމަތިން ބޭނުންވަނި ރައީސް ޔާމީން ހޮވަން.