ރާއްޖެއިން ބޭރުން މައިންބަފައިންނާއި އެކުގައި ހަނގުރާމައަށް ގޮސް އަބުރާ އަންނަ ކުދިން ބަންދުކުރުމަށް ފަހު 20 ދުވަހުގެ ތެރޭގައި އެސެސްމަންޓް ހަދަން ޖެހޭ ގޮތައް އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ހާއްސަ އިޖުރާތްތަކާއި ބެހޭ ގަވައިދު އިސްލާހުކޮށްފިއެވެ.

އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ހާއްސަ އިޖުރާތްތަކާ ބެހޭ ގަވައިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ހަނގުރާމައިން އަންނަ އުމުރުން 15 އަހަރުން ދަށުގެ ކުދިން އިދާރީ ބަންދުގެ މަރުކަޒަށް ގެނެސް 20 ދުވަހުގެ ތެރޭގައި ރިސްކު އެސެސްމަންޓް ހަދަން ޖެހޭނެ ކަމަށެވެ.

އަދި ބަންދުކުރާ ކުއްޖާއާ ގުޅޭ ގޮތުން ހަދާ އެސެސްމަންޓްގައި އެ ކުއްޖާ އެފަދަ ޕްރޮގްރާމްތައް ފުރިހަމަކުރަން ޖެހޭ ކަމަށް ކަނޑައަޅައިފި ނަމަ އެ ޕްރޮގްރާމް ފުރިހަމަވަންދެން އެ ކުއްޖަކު ބަންދުގައި ބަހައްޓަން ޖެހޭނެ ކަމަށް ވެސް ވެއެވެ.

ގަވައިދުގައި ބުނެފައިވަނީ ތިން އަހަރު ނުވާ ކުދިން ރީހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަކާ ނުލައި އާއިލާގެ މެންބަރަކާ ހަވާލުކުރެވޭނެ ކަމަށާއި ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ހާލަތެއްވާނަމަ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށެވެ.

ހަނގުރާމަވެރި ސަރަހައްދަކަށް ގޮސް އަންނަ މީހުންނަކީ ރީހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަކާ ނުލައި ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ މީހެއް ކަމުގައި ބަލައި، ގިނަވެގެން 30 ދުވަހުގެ މުއްދަތަށް އެ މީހަކު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަން ޖެހޭނެއެވެ.

އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ހާއްސަ އިޖުރާތްތަކާ ބެހޭ ގަވައިދަށް އިސްލާހު ގެނެސްފައިވާއިރު މިދިޔަ ހުކުރު ދުވަހު ވަނީ ހަންގުރާމަވެރި ސަރަހައްދަކުން ދިވެހި އަންހެނަކާއި އޭނާގެ ހަތަރު ދަރިން މާލެ ގެނެސްފައެވެ.

ދިވެހިރާއްޖެއަށް އަނބުރާ އަންނަ ދިވެހި ހަނގުރާމަވެރިންނާމެދު ހާއްސަ އިޖުރާއަތަކަށް އަމަލު ކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން، އަނބުރާ އަންނަ ހަނގުރާމަވެރިން އަދި އެމީހުންގެ އާއިލާ ވެސް އިދާރީ ބަންދެއްގައި ބައިތިއްބަންޖެހެއެވެ. އެހެންކަމުން އެ އާއިލާ މިހާރު ތިބީ ބަންދެއްގައެވެ.

މިދިޔަ ހުކުރު ދުވަހު ސަރުކާރުން ރާއްޖެ ގެނައީ 33 އަހަރުގެ ދިވެހި އަންހެނަކާއި އޭނާގެ ހަތަރު ދަރިންނެވެ. އޭގެ ތެރެއިން ދެ ކުދިންނަކީ، ހަނގުރާމަ ކުރަން ރާއްޖެއިން ފިލައިގެން ދިޔައިރު ވެސް ގޮވައިގެންދިޔަ ދެ ކުދިންނެވެ.

ހޯމް މިނިސްޓްރީން ބުނީ އެ އާއިލާ ރާއްޖެ ގެނެސްފައި ވަނީ، ރާއްޖެއިން ބޭރުގައި ހާލުގައި ޖެހި ފުރާނައަށް ނުރައްކާވާ ދަރަޖައަށް ގޮސްފައިވާތީ، އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން އަނބުރާ ރާއްޖެއަށްގެނެސް ޒިންމާދާރު ދިވެހިންގެ ގޮތުގައި އަލުންއަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތަށް ކުރުމަށެވެ.