ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް ހާލުގައި ޖެހި ފުރާނައަށް ނުރައްކާވެގެން ރާއްޖެ ގެނައި އާއިލާ އިދާރީ ބަންދެއްގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ދިވެހިރާއްޖެއަށް އަނބުރާ އަންނަ ދިވެހި ހަނގުރާމަވެރިންނާމެދު ހާއްސަ އިޖުރާއަތަކަށް އަމަލު ކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން، އަނބުރާ އަންނަ ހަނގުރާމަވެރިން އަދި އެމީހުންގެ އާއިލާ ވެސް އިދާރީ ބަންދެއްގައި ބައިތިއްބަންޖެހެ އެވެ.

ސީރިއާއިން މާލެ ގެނައި އަންހެން މީހާ އާއި އޭނާގެ ދެ ދަރިން އަދި ދަރިން ކަމަށް ބުނާ ކުޑަކުދިން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ކުރީ އެ ގަވާއިދުގެ ދަށުންނެވެ.

އެ އަންހެން މީހާ ބުނާ ގޮތުން އޭނާއާއެކު ތިބި އަނެއް ދެ ކުޑަކުދިންނަކީ ވެސް އޭނާގެ ހަލާލު ދަރިންނެވެ. އެ ކުދިން ލިބުނީ ސީރިޔާގައި އޭނާ ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެ ދެ ކުދިންގެ މުޅި އުމުރު ހޭދަކުރީ ހަނގުރާމަ ހިނގަމުން ދިޔަ ސަރަހައްދެއްގަ އެވެ. އަދި ކުރިން ލިބުނު ދެ ކުދިން އެނބުރި އެ އައީ ނުވަ އަހަރު އެފަދަ ހިސާބެއްގައި އުޅެފަ އެވެ.

މިދިޔަ ހުކުރު ދުވަހު ސަރުކާރުން ރާއްޖެ ގެނައީ 33 އަހަރުގެ ދިވެހި އަންހެނަކާއި އޭނާގެ ހަތަރު ދަރިންނެވެ. އޭގެ ތެރެއިން ދެ ކުދިންނަކީ، ހަނގުރާމަ ކުރަން ރާއްޖެއިން ފިލައިގެން ދިޔައިރު ވެސް ގޮވައިގެންދިޔަ ދެ ކުދިނެވެ.

ހޯމް މިނިސްޓްރީން ބުނީ އެ އާއިލާ ރާއްޖެ ގެނެސްފައި ވަނީ، ރާއްޖެއިން ބޭރުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ދަރަޖަޔަށް ގޮސްފައިވާތީ، އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން އަނބުރާ ރާއްޖެއަށްގެނެސް ޒިންމާދާރު ދިވެހިންގެ ގޮތުގައި އަލުންއަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތަށް ކުރުމަށެވެ.

ހަގުރާމައަށް ރާއްޖެއިން ބޭރަށްދާ މީހުން ރާއްޖެ ގެނެސް ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ނެރުމުގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މުހިންމު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ނެވެ.