އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކޮރަޕްޝަނާއި ނާޖާއިޒް ފައިދާތައް ހޯއްދަވާ ކަމަށް ވިދާޅުވެ އޭނާ މަގާމު ދުރުކުރުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަންނަން މަޖިލީހުން ފާސްކޮށްފިއެވެ.

ޖާބިރު ހުށަހަޅުއްވި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން މަޖިލީހުގައި ނެގި ވޯޓުގައި ބަހުސް ކުރިއަށް ގެންދަން ފެންނަކަމަށް ވޯޓު ދެއްވީ ޖާބިރު އެކަންޏެވެ. ޖާބިރު ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރަން ނުފެންނަކަމަށް 28 މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާ ވެސް އެއްމެންބަރަކު އިންނެވިއެވެ.

ޖާބިރު ވިދާޅުވީ އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނަވައިގެން އާޒިމް މަސައްކަތް ކުރައްވަމުން ގެންދަވަނީ އާޒިމްގެ ބޭބެ ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީއަށް ނާޖާއީޒް ގޮތެއްގައި މަންފާ ހޯދައިދިނުމަށް ކަމަށެވެ.

"އެމްޓީސީސީ ހިންގުމާ ހަވާލުކުރެވިފައިވާ އާދަމް އާޒިމްގެ ފަރާތުން ފެންނަމުން ދަނީ އޭނާގެ މަސްލަހަތު އޮންނަ އޭނާގެ ބޭބެގެ ސިޔާސީ ޕާޓީ އެމްއެންޕީއަށް ނާޖާއިޒް ގޮތެއްގައި މަންފާ ހޯދައިދެމުންދާ މަންޒަރު ކަމަށާއި އަދި އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކި އެކި ޕްރޮޖެކްޓްތައް ވެސް އޭނާއާ ގުޅުން އޮންނަ ފަރާތްތަކަށް ދީ އޮޅުވާލުމާއި ޓެކުން ފަދަ ޖަރީމާތައް ހިންގައި ކުރީގެ ސަރުކާރުގެ ނާއިބު ރައީސް އަހުމަދު އަދީބު ފަދައިން އަމިއްލަ ޖީބު ފުރަމުންދާ މަންޒަރު" ޖާބިރު ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކުން ބޭރުން އާޒިމް ވައްކަމާއި އަމިއްލަ މަންފާއަށް މަސައްކަތް ކުރަމުންދާތީ އޭނާ މަގާމުން ދުރުކުރަން ޖާބިރު ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ޖާބިރު ރިސޯޓް ތައް ހެދި އިރު މުސާރަ އާ މަސައްކަތް ކުރުވާފަ ފައިސާ ނުދީ ހުރި މީހުންގެ މައްސަލަ ތައް ބަޔަކު ބަލަން ފަށައިފިނަމަ ހާހުން މައްޗަށް ދާނެ އެވެ.

  2. ބެއްޔާ

    ޖާބިރު ބިރުން އުޅެނީ އެމްޓީސީސީ އައް ފައިސާ ނެދެއްކިގެން...